ޚަބަރު

ފިތުނަ އާއި ނަފުރަތުން އެކަހެރިވެ ހަމަޖެހުން ގެނެވޭނެ، އެމްޑީޕީ ހިންގާލަން އަޅުގަނޑަށް ވޯޓު ދެއްވާ: ފައްޔާޒް

މުހައްމަދު އިޝާން

އެމްޑީޕީ ހިންގާލަން އާ ބާރަކާއެކު ނުކުމެ އޭނާއަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް ފައްޔާޒު ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އަދި އޭގެ ފަހުން އެ އިންތިހާބުގައި އިދިކޮޅުން ނުކުންނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ދެ ބަހުސެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކެމްޕޭނުގައި އަދި ބަހުސްގައި ވެސް ފައްޔާޒު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެންމެ ގާބިލު މީހާއަކީ އޭނާ ކަމަށެވެ. ފައްޔާޒު ވިދާޅުވަމުން ގެންދަވަނީ ވެރިކަމުގައި އެމްޑީޕީ އޮތަސް އެމްޑީޕީ ނުހިނގާ ކަމަށާއި ރަށްރަށުގައި ތިއްބަވާ އެމްޑީޕީގެ އާންމު މެމްބަރުންނާ ދެމެދު އޮންނަން ޖެހޭ ގާތްގުޅުން ޕާޓީގައި މިހާރު ނެތް ކަމަށެވެ.

ކެމްޕޭން ނިންމައިލުމުގެ ގޮތުން ފައްޔާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެންމެން އެކުވެ ކުރިއެރުން ހޯދައި ފިތުނަ އާއި ނަފުރަތުން އެކަހެރިވެ ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެވޭނެ އާރުކާޓީންނަކީ އެމްޑީޕީ މެމްބަރުން ކަމަށެވެ.

"އަލުން އާ ބާރަކާއެކު އެމްޑީޕީ ހިންގާލަން ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެދެން،" ފައްޔާޒު ވިދާޅުވިއެވެ.

ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެނަމަ ދައުލަތުގެ ބަޖެޓުން ޕާޓީއަށް ދޭ ފައިސާއިން ރަށްރަށުގެ ހަރުގެ ހިންގަން ފައިސާ ދޭނެ ކަމަށާއި، ޕާޓީގެ ލީޑާޝިޕާއި އާންމު މެމްބަރުންނާ ދެމެދު ހީނަރުވެފައިވާ ގުޅުން ރަނގަޅުކުރާނެކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވާ އިންތިވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ކެމްޕެއިނަށް ވަޑައިގެންފައެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މާދަމާ ބާއްވާ އިރު، އެ ޕާޓީގެ އަންހެނުން ރޫހުގެ ރައީސާ ހޮވުމުގެ އިންތިހާބު ވެސް މާދަމާ ބާއްވާނެއެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ ފޯރިގަދަ އިންތިހާބުގައި މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.

އެމްޑީޕީން އަންނަ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހަށް އެ ޕާޓީގެ ކޮންގްރެސް ތާވަލުކޮށްފައިވާ އިރު، ގާނޫނުއަސާސީއަށް ގެންނަވަން ނަޝީދު ހުށަހަޅުއްވާ ބަދަލުތަކާ މެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގައެވެ. އެ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ އަލަށް އިންތިހާބުކުރާ ޗެއާޕާސަނެވެ.