ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: ބައު ފޯމެޓަށް ކުޅޭ އެންމެ ފަހު ވޯލްޑްކަޕުގެ ބާކީ ތިން ޖާގައިގެ ވާދަވެރިކަން

އިމާދު ލަތީފު

މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕަކީ 32 ގައުމު ވާދަކުރާ ގޮތަށް ކުޅޭނޭ އެންމެ ފަހުގެ ވޯލްޑްކަޕެވެ. މި މުބާރާތަށްފަހު 2026 ވަނަ އަހަރުން ފެށިގެން ވޯލްޑްކަޕުން މުޅިއެކު 48 ގައުމު ފެންނާނެއެވެ. އެމެރިކާޔާއި ކެނެޑާޔާއި މެކްސިކޯ ގުޅިގެން 2026 ގައި ބާއްވާ ވޯލްޑްކަޕަކީ އައު ފޯމެޓަކަށް ކުޅެވޭނެ ފުރަތަމަ ވޯލްޑްކަޕެވެ. ކޮންމެއަކަސް ބައު ފޯމެޓަށް މިފަހަރު ގަތަރުގައި ބާއްވާ އެންމެ ފަހުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނޭ 32 ގައުމުގެ ތެރެއިން 29 ގައުމެއް މިހާތަނަށް ވަނީ ޔަގީންވެފައެވެ. ބާކީ މިހާރުއޮތީ 3 ޖާގައެވެ. އެ 3 ޖާގައަށް 8 ގައުމު އެބަވާދަކުރެއެވެ. ޖުމްލަ 32 ގައުމުން 28 ދުވަހުގެ ތެރޭގައި ވޯލްޑްކަޕްގައި ކުޅޭނީ މުޅިއެކު 64 މެޗެވެ. އެއީ ގްރޫޕް ފިޔަވަހީގައި 48 މެޗާއި ނޮކައުޓް 16 މެޗެވެ.

މިހާތަނަށް ކަށަވަރުނުވެ އޮތް ތިން ޖާގައިގެ ތެރެއިން ވޯލްޑްކަޕްގެ 30 ވަނަ ޖާގައަށް ވާދަކުރަނީ ޔޫރަޕުގެ ބައްރުން ސްކޮޓްލެންޑާއި ޔުކްރޭން އަދި ވޭލްސްއެވެ. ޔުއޭފާ ޕްލޭއޮފްގެ އެންމެ ފަހު ޖާގައަށް ވާދަކުރުން މިހިސާބަށް ލަސްވެފައިވަނީ ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ. ރޫސީ ސިފައިން ޔުކްރޭނަށް އަރައި ފެބްރުއަރީ ސައުވީސްވަނަ ދުވަހު ފެށި ހަނގުރާމައިގެ ސަބަބުންނެވެ. ޔުކްރޭނާއި ސްކޮޓްލެންޑްގެ މެޗު މިހާރު ޝެޑިއުލްކުރެވިފައިވަނީ ކުރިއަށް އޮތް ޖޫންމަހުގެ އެއްވަނަ ދުވަހަށެވެ. ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުޅޭ މި މެޗުން މޮޅުވާ ބަޔަކު ޖޫންމަހުގެ ފަސްވަނަ ދުވަހު ނުކުންނާނީ ވޭލްސްއާ ދެކޮޅަށެވެ. ޔޫރަޕުގެ އެންމެ ފަހު ޖާގަ ކަށަވަރުވާނީ އެ މެޗުންނެވެ.

ސްކޮޓްލެންޑާއި ޔުކްރޭނުގެ މެޗުން ކުރި ހޯދާ ބަޔަކު ވޭލްސްއާ ކުޅެ މޮޅުވެގެން އެބަޔަކު ވޯލްޑްކަޕްގައި ކުޅެންޖެހޭނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އިންގްލެންޑާއި އެމެރިކާޔާއި އީރާނެވެ. އެހެންވީމާ މިގްރޫޕްގެ މެޗުތައް ވަރަށް ފޯރިގަދަވެފައި ސިޔާސީވެސް ވާނެއެވެ. ސްކޮޓްލެންޑް އަޔަސް އަދި ވޭލްސް އަޔަސް އިންގްލެންޑަށް ނުހަނު ވާން ކުރާނެއެވެ. ޔުކްރޭނު އަތުވެއްޖެނަމަ އެމީހުން ކުޅޭ ކޮންމެ މެޗެއް ހީވާނީ ހަނގުރާމައެއް ހެންނެވެ. އެމެރިކާޔާއި އީރާން ކުޅޭ މެޗާއި އިންގްލެންޑާއި އީރާނު ކުޅޭ މެޗު ހޫނުވެ ފޯރިގަދަވެގެންދާނޭ މިންވަރު ލަފާކުރަންވެސް ފަސޭހައެއް ނޫނެވެ. އިންގްލެންޑާއި އީރާން ބައްދަލުކުރާނީ ނޮވެމްބަރު އެކާވީހުގައެވެ. އެމެރިކާޔާއި އީރާނުގެ މެޗު ކުޅޭނީ ނޮވެމްބަރު ނަވާވީހުގައެވެ. ހަގީގަތުގައި ވޯލްޑްކަޕުގެ ބަލައިލަން ޖެހޭ ގްރޫޕަކީ މި ގްރޫޕެވެ.

ވޯލްޑްކަޕްގެ 31 ވަނަ ޖާގައަކީވެސް 30 ވަނަ ޖާގައެކޭ އެއްގޮތަށް ތިން ގައުމެއްގެ މެދުގައި ދެ މެޗުގެ ހިފުމަކަށްފަހު ކަށަވަރުވާން އޮތް ޖާގައެކެވެ. މި ޖާގައަށް އެންމެ ފުރަތަމަ ވާދަކުރާނީ އޮސްޓްރޭލިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. ޖޫންމަހުގެ 7 ވަނަ ދުވަހު މި މެޗު ކުޅޭނީ ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައެވެ. މިތަނުން މޮޅުވާ ބަޔަކު ދެން ބައްދަލުކުރާނީ ދެކުނު އެމެރިކާ ބައްރުގެ ފަސްވަނަ ޓީމު ކަމަށްވާ ޕެރޫއާއެވެ. މިމެޗު ކުޅޭނީ ހަމަ މި ސްޓޭޑިއަމްގައި ޖޫން 13 ވަނަ ދުވަހުއެވެ. މި ޖާގަ ކަށަވަރު ކުރާ ބަޔަކު ހިމެނޭނީ ވޯލްޑްކަޕްގެ ގްރޫޕް ޑީގައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި ޑެންމާކާއި ޓިއުނީޝިޔާއެވެ. މި ޖާގަ ހޯދާ ބަޔަކު އެންމެ ފުރަތަމަވެސް ވޯލްޑްކަޕުގައި ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.

ވޯލްޑް ކަޕުގެ 32 ވަނަ އަދި އެންމެ ފަހުގެ ޖާގައަކީ އުތުރު އެމެރިކާއާއި މެދުތެރޭ އެމެރިކާގެ ކޮލިފައިން ބުރުން ހަތަރުވަނަ ހޯދި ކޮސްޓަރީކާ އާއި އޯޝޭނިއާގެ ކޮލިފައިން ބުރުން އެއްވަނަ ހޯދި ނިއުޒިލެންޑުގެ ކުރިމަތިލުމަކުން ނިންމައިލެވެން އޮތް ޖާގައެކެވެ. ކޮސްޓަރީކާ އާއި ނިއުޒިލެންޑްގެ މެޗު ކުޅޭނީ ޖޫންމަހުގެ 8 ވަނަ ދުވަހު ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގަައެވެ. މިތަނުން ކުރި ހޯދާބަޔަކު ވޯލްޑްކަޕްގައި ކުޅެންޖެހޭނީ ގްރޫޕް އީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސްޕެއިނާއި ޖާމަނީ އާއި ޖަޕާނެވެ. އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅެ މި ސްޓޭޑިއަމަށް ފަރިތަވުމަކީ ފަހަރުގައި ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވެސް ވެދާނެއެވެ. މި ގްރޫޕްގައި ޖަޕާނާ ދެކޮޅަށް އެބަޔަކު ނޮވެމްބަރު 27 ވަނަ ދުވަހު ކުޅޭ މެޗު އޮންނާނީ ހަމަ މި ސްޓޭޑިއަމްގައެވެ.

ގަތަރުގައި މިފަހަރުގެ ވޯލްޑްކަޕުގެ މެޗުތައް ކުޅެވޭނީ ޖުމްލަ 8 ސްޓޭޑިއަމެއްގައެވެ. ވޯލްޑްކަޕް ފެށުމުގެ ކުރިން މިތަނުން ދެ ސްޓޭޑިއަމެއް ދުނިޔެއަށް ފެނިގެންދާނެއެވެ. އެއީ ޕްލޭ އޮފް ފަސް މެޗުގެ ތެރެއިން ތިން މެޗެއް މިތަނުން ދެ ސްޓޭޑިއަމެއްގައި ކުޅޭތީއެވެ. އެއް ސްޓޭޑިއަމަކީ ކުރިން ބަޔާން ކުރެވުނު އަހުމަދު ބިން އަލީ ސްޓޭޑިއަމެވެ. ފްލޭ އޮފްގައި އޮސްޓްރޭލިޔާ އާއި އެމިރޭޓްސް ކުޅޭ މެޗާއި ކޮސްޓަރީކާ އާއި ނިއުޒިލެންޑްގެ މެޗު ކުޅޭނީ މިތަނުގައެވެ. މިއީ ސާޅީސް ހާސް މީހުންގެ ސްޓޭޑިއަމެކެވެ. ޕެރޫއާ ދެކޮޅަށް އޮސްޓްރޭލިޔާ ނުވަތަ އެމިރޭޓްސް ކުޅޭ މެޗު އޮންނާނީ ރައްޔާން ސްޓޭޑިއަމްގައެވެ. އެއީވެސް ސާޅީސް ހާސް މީހުންގެ ތަނެކެވެ. ވޭލްސްއާ ދެކޮޅަށް ސްކޮޓްލެންޑް ނުވަތަ ޔުކްރޭނު ކުޅޭ މެޗު އޮންނާނީ ވޭލްސްގެ ކާޑިފްގައެވެ.