އެމަނިކުފާނު ތާއިދުކުރައްވާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމަނިކުފާނު ޒާއިމްކަން ކުރައްވާ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ކަމަށް އެ ޕާޓީގެ ޒައީމް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއާރްއެމްގެ ލެޓާހެޑުގައި މައުމޫން ނެރުއްވި ބަޔާނެއްގައި ރޭ ވިދާޅުވީ، ފަހަކަށް އައިސް ސިޔާސީ ބައެއް ފަރާތްތަކުން ރައްޔިތުންނާ އަދި ހާއްސަކޮށް އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރާއިރު އެމަނިކުފާނު މިހާރު ތާއީދު ކުރަނީ އެހެން ފަރާތަކަށް ކަން ވިސްނައިދިނުމަށް ދޮގު ވާހަކަތައް ދައްކަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
މައުމޫން ވިދާޅުވީ، އެމަނިކުފާނާ ކިތަންމެ ގާތް ބޭފުޅަކަށްވިޔަސް އަދި ސިޔާސީ ގޮތުން އެމަނިކުފާނާ އެކު ކުރިން މަސައްކަތް ކޮށްފައިވާ ފަރާތެއް ނަމަވެސް ދައްކާ އެފަދަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތެކެއް ކަމަށެވެ.
"މިހާރު އަޅުގަނޑަކީ ހަމައެކަނި އެމްއާރްއެމްގެ މެންބަރެކެވެ، އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫނެވެ، އެހެން ޕާޓީއަކަށް ތާއީދުކުރާ މީހަކީމެއްވެސް ނޫނެވެ" މައުމޫން ވިދާޅުވިއެވެ.
އެމްއާރްއެމްއަކީ ދިވެހިން އެދޭ އިސްލާހީ ބަދަލުތަކެއް ހާސިލުކުރުމަށް އުފެދިފައިވާ އުންމީދީ ޕާޓީއެއް ކަމަށާއި އެމްއާރްއެމްގެ އަސާސްތަކަކީ ދިވެހިންގެ ތެރޭގައި އިހު އޮތް ދާހީލީ ހަމަޖެހުމާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައި އީޖާދީ ހިޔާލުތަކާއެކު ފުދުންތެރި އަމާން މާދަމައެއް ބިނާ ކުރުމަށް ކުރެހެމުން އަންނަ މަގެއް ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ގަބޫލުކޮށް ތާއީދު ކުރާ އަސާސްތަކާއި އަހްލާގާއި ދުރުވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްއާރްއެމް ކަމަށް ވެސް ވިދާޅުވިއެވެ.
އެމްއާރްއެމްގެ އަސާސްތަކާއި ދުރުވިސްނުމަށް ތާއީދު ކުރައްވާ އެއްވެސް ބޭފުޅަކު ސިޔާސީ ވާދަވެރިންގެ މަކަރުވެރި ވާހަކަތަކުގައި ޖެހިވަޑައިނުގެން އެމްއާރްއެމްއަށް ތާއީދު ކޮށްދެއްވައި ޕާޓީއާއެކު ދެމިތިބުމަށް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު