ފުޓްސަލް

އަލް މުދިޝް ލީޑް ވެޓެރަންސް ކަޕް: އޭލިއަންއަށް މޮޅެއް، އަނެއް މެޗުތައް ހަމަހަމަ

ލ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގައި ރޭ ކުޅުނު މެޗުތަކުން އޭލިއަން މޮޅެއް ހޯދިއިރު، ކިއުއެމް ސްޕޯޓްސް، އެފްއެމްއެސްސީ، ޓީމު މާވަށް، އަދި އައުޓްރީފުން ޕޮއިންޓެއް ހޯދައިފިއެވެ.

ޖުމުލަ 10 ޓީމަކާއެކު މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ފޮނަދޫ ފުޓްސަލް ދަނޑުގައި މުބާރާތް ފަށާފައިވާ އިރު، ރޭ ކުޅެފައި ވަނީ ތިން މެޗެވެ. އެއީ ގްރޫޕް އޭގެ މެޗަކާއި ގްރޫޕް ބީގެ ދެމެޗެވެ.

ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި މާހިންނަ އެސްސީ ކައިރީ އޭލިއަން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މުހައްމަދު ފާއިޒާއި އިބްރާހީމް ޒިހާން އޭލިއަންގެ ގޯލުތައް ޖެހި އިރު، މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފާއިޒެވެ.

ރޭ ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ކިއުއެމް ސްޕޯޓްސް އާއި ޓީމު މާވަށް އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކިއުއެމް ސްޕޯޓްސްގެ އިބްރާހީމް ނިޔާޒު ދެ ގޯލު ޖެހި އިރު، އަނެއް ގޯލު ޖެހީ އާދަމް ލަރީފް (ރޮނާ) އެވެ. ޓީމު މާވަށުގެ ގޯލުތައް ޖެހީ އާދަމް ވަޖީހާއި، ހަސަން ސުހާން އަދި މުހައްމަދު ޝާއިރެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ރޮނާއެވެ.

ރޭ ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުގައި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އާއި އައުޓްރީފް ސްޕޯޓްސް ކްލަބު އެއްވަރުވީ 0-0 ގެ ނަތީޖާ އަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައުޓްރީފްގެ ގޯލްކީޕަރު މުހައްމަދު ރަޝީދެވެ.


ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޓައިޓަލް ސްޕޮންސަރަށް "އަމް މުދިޝް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް އަދި ފޮނަދޫ ކައުންސިލެވެ. އޯގަނައިޒިން ޕާޓްނަރަކީ ލ. އެޓޯލް ޕޮލިހެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ޝަބްނަމީ ހޯލްޑިންގްސްއެވެ.

ލޮޖިސްޓިކްސް ޕާޓްނަރަކީ ދިވްޒޯން ލާމެވެ. ކޮފީ ޕާޓްނަރަކީ ލ. ފޮނަދޫގެ ދި ޖޭމް ކިޗަން ރެސްޓޯރަންޓެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. އޮފިޝަލް ކިޓް ޕާޓްނަރަކީ މަޅި އެމްވީއެވެ. ލައިވް ޕާޓްނާއަކީ "ބިގޭ ޓީވީ"އެވެ.

ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

މިރޭ އޮންނަ ގްރޫޕް ސްޓޭޖުގެ މެޗުތައް

8:30 ސެންޓްރަލް އޭރިއާ ވެޓްރަންސް - ތުނޑީ އޯލްޑް ބޯއީސް
9:30 ޓީމް މާވަށް - ޓީމް ޖޭމް
10:30 ކިއުއެމް ސްޕޯޓްސް - އެފްއެމްއެސްސީ