ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން 2021 ވަނަ އަހަރުގެ މެއި ހައެއްގައި ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސް އެޅުއްވި ކަމަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތައް ތަހުގީގަށް ހުށަހެޅުމުގެ މަސައްކަތް އޭނާ ފައްޓަވައިފިއެވެ.
އެ ހަމަލާ ދިންތާ އަހަރު ދުވަސްވެފައިވާ އިރު، މައްސަލައިގެ ތަހުގީގުތަކާއި ޝަރުއީ މަރުހަލާ ކުރިއަށްދާ ގޮތާމެދު ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި، އެ ހަމަލާގެ ތަހުގީގަށް މެންބަރު ހުސައިން ހުރަސް އަޅަމުންދާ ކަމަށް ވަނީ ތުހުމަތުކުރައްވައިފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން، ރައީސް ނަޝީދު ކުރެއްވި ތުހުމަތުތައް ހިމެނޭ މެސެޖުތަކުގެ ޗެޓްލޮގް ހޯދުމަށް އަނދުން ހުސެއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އެ ޗެޓްލޮގްތައް ހޯދުމަށް މަޖިލިސް ރައިސަށް އަނދުން ހުސެއިން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ ގޮތަށް، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރައްވައި މިމަހުގެ އަށްވަނަ ދުވަހު މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަކީ، އޭނާގެ ހައްގުތަކާއި އިމްތިޔާޒަށް އުނިކަން އަންނާނެ ވާހަކަތަކެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެގޮތަށް، އަސާސެއް ނެތް ތުހުމަތުތަކެއް ކުރެއްވުމަކީ އެކަމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ހަގީގަތް ރައްޔިތުންނަށްވެސް ހާމަވާންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ މައްސަލަަ ކަމާބެހޭ އިދާރަތަކަށް ހުށަހެޅުމަށްޓަކައި އެ މެސެޖުތައް ހިމެނޭގޮތަށް، ވަޓްސްއަޕް ގްރޫޕަށް އެދުވަހު ފޮނުވި ހުރިހާ މެސެޖުތަކެއްގެ ޗެޓްލޮގް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ވެސް އަނދުން ހުސެއިން ވަނީ މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.
އެ މައްސަލައިގައި މިއަދު ވަނީ މަޖިލީހުގެ އާއްމު ކޮމިޓިގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެއީ މަޖިލީހުގެ ރައީސަށް އަނދުން ހުސެއިން ފޮނުއްވި ސިޓީގައިވާ ކަންތައްތައް އާއްމު ކޮމިޓީގެ ލަފައެއް ދިނުމަށް މަޖިލިސް ރައީސް އެދިވަޑައިގެންފައިވާތީއެވެ.
މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، މަޖިލިސް ރައީސް ލަފައަކަށް އެދިވަޑައިގެން ފޮނުއްވި ސިޓީގައިވާ ކަންތައްތަކަށް ބަލާއިރު، އަނދުން ހުސެއިންގެ ފުރާނައަށް ގެއްލުންވާ ފަދަ އަމަލުތަކެއް ހިނގައިފާނެ ކަމަށް ދެކޭތީ، އޭނާއަށް ރައްކާތެރިކަން ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮމިޓީން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައަށް ވާހަކަދެއްކެވި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ، މަޖިލިސް ރައީސް ކޮމިޓީގެ ލަފައަކަށް ފޮނުއްވި މައްސަލައިގައި ދެކަމެއް ހިމެނޭ ކަމަށެވެ. އެއީ ޗެޓްލޮގް ހޯއްދެވުމާއި އަނދުން ހުސެއިންގެ ފުރާނައަށް ހުރި ނުރައްކާ ކަމަށާއި، އެ މައްސަލައިގައި އަނދުން ހުސެއިނަށް ސެކިއުރިޓީ ދޭން ޖެހޭކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މައްސަލައަކީ ކޮންމެހެން ކޮމިޓީއަށް އަންނަންޖެހޭ މައްސަލައެއްކަމުގައި ނުދެކޭ ކަމަށެވެ.
"އެއީ މަޖިލީހުގެ މެންބަރަކު ވަކި ކަމަކަށް އެދި މަޖިލީހުގެ އިދާރީ މޭޒުގައި ދެންނެވީމަ، ނުވަތަ ސެކްރެޓޭރިއަޓްގައި އެދުނީމަ އެއްވެސް ހުރަހެއްނެތި ޔައުމިއްޔާވިޔަސް، ވީޑިއޯވިޔަސް ހުރިހާ އެއްޗެހި ލިބެމުންދޭ. މިއީ މަޖިލީހުގެ ހުރިހާ މެންބަރުން ބޭނުންކުރުމަށް މަޖިލިސްގެ އިދާރީ ބޭފުޅުން ހަދާފައި އޮތް ގްރޫޕުގައި އޮތްކަމެއް އިދާރީ ބޭފުޅުންނަށް، އަމީން އާއްމަށް. މަޖިލީހުގެ ރައީސަށް މިކަމުގައި ގޮތެއް ނިންމެވެން ޖެހޭނެކަމަށް ދެކެނީ. މެންބަރަކު ބޭނުންވެގެން ހުށަހަޅާ ކޮންމެ ކަމެއް އާއްމު ކޮމިޓީއަށް ގެނައުމަކީ ޕްރެސީޑަންޓެއް އެކަމަށް ގާއިމުކުރެވިދާނެކަމެއް،" އަލިފުށީ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
އެ މެންބަރުގެ ވާހަކަތަކާ ގުޅިގެން މުގައްރިރު ވިދާޅުވީ، މަޖިލީހުގެ ޔައުމިއްޔާތަކާއި ކޮމިޓީތަކުގެ ޔައުމިއްޔާތައް، މެންބަރުންނަށް ދޫކާރާ ކަމަށެެވެ. ނަމަވެސް އަނދުން ހުސެއިން ހުށަހަޅުއްވާފައިވާ މައްސަލައަކީ، މަޖިލީހުގެ ނުރަސްމީ ވަޓްސްއަޕް ގްރޫޕުގައި ދައްކާފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ހޯދުމަށް ކަމަށެވެ.
އެ މައްސަލައިގައި އާއްމު ކޮމިޓީގެ ލަފައަކަށް މަޖިލިސް ރައީސް ހުށަހެޅުއްވީ، އެއީ މިހާތަނަށް މަޖިލީހުގައި ގޮތެއް ކަނޑައެޅިފައި ނެތް މައްސަލައަކަށް ވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގެ ޗެޓްލޮގްތަކެއް ހޯދުމަށް މެންބަރަކު ހުށަހެޅުއްވި ފުރަތަމަ ހުށަހެޅުއްވުން ކަމަށްވެސް ވިދާޅުވިއެވެ.
އަލިފުށީ ދާއިރާގެ މެންބަރުގެ ވާހަކަތަކަށް ތާއީދުކުރައްވައި، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމު ވިދާޅުވީ، އެކަމާ މެދު އެ ކޮމިޓީން ގޮތެއް ނިންމުމުގެ ބަދަލުގައި ފުޅާ ދާއިރާއެއްގައި އެ މައްސަލައަށް މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އެފަދަ މައްސަލަތައް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް ނިންމެވީ މިއަދުން މިއަދަށް އެކަމަށް ގޮތެއް ކަނޑައެޅުމުގެ ބަދަލުުގައި މީގެ ކުރިން މަޖިލީހުގައި އެފަދަކަމެއް ހިނގާފައިވޭތޯ ސާފުކުރެއްވުމަށެވެ.
އެހެންކަމުން މިއަދުގެ ބައްދަލުވުން ނިންމަވައިލައްވަމުން ހަސަން ލަތީފް ވިދާޅުވީ، އެގޮތަށް މަޖިލީހުގައި ނުރަސްމީކޮށް ދައްކާ ވާހަކަތައް މިހާތަނަށް އެއްވެސް ފަރާތަކަށް ދޫކޮށްފައިވޭތޯ އާއި، އެއީ ކޮން ވާހަކަތަކެއްތޯ އާއި، އެއީ ކޮންއިރަކު ކޮށްފައިވާކަމެއްތޯ ބައްލަވާނެ ކަމަށެވެ. ކޮމިޓީން ގޮތެއް ނިންމާނީ އެކަންތައްތައް ބެއްލެވުމަށްފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.