އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ ގުޅުން އޮތް ކުންފުންޏަކުން މަނީ ލޯންޑާކުރިކަމަށް ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު (އިންތި) ފަހުމީ ތުހުމަތުކުރައްވައިފިއެވެ.
"ރާއްޖެ ޓީވީ" އިން މިރޭ ގެނެސްދިން އެމްޑީޕީ ޗެއާޕާސަން ބަހުސްގައި އިންތި ވިދާޅުވީ، އެމްޑީޕީއަށް އިތުބާރު ހޯދަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ އެމްޑީޕީއަށް ނިސްބަތްނުވާ ރައްޔިތުން ވެސް އެމްޑީޕީއާއެކު ނުވާނެ ކަމަށެވެ. އަދި ޗެއާޕާސަންގެ އިންތިހާބުގައި 5،000 ވުރެ ގިނަ ގެތަކަށް ޒިޔާރަތް ކުރުމުން ވެސް އިވުނީ އެމްޑީޕީއަށް އިތުބާރު ހޯދަން ޖެހިފައިވާކަމުގެ ވާހަކަތައް ކަމަށާއި އެ އިތުބާރުނެތި 2023 ގައި އެމްޑީޕީއަށް ވެރިކަމަށް ނާދެވޭނެ ކަމަށެވެ.
އިންތި ވިދާޅުވީ، ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކުރަންވާނީ ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި އެކަން އަބަދުވެސް އޭނާ ސާބިތުކޮށްދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގައި ހިޔާނާތާއި ވައްކަމާ ގުޅިގެން އެއްވެސް މީހަކު އިނގިލި ދިއްކޮށްފައިނުވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ހިޔާނާތާއި ވައްކަމުގެ ތުހުމަތުކުރެވިޔަ ނުދޭނެކަމަށެވެ. އެއަށްފަހު އޭނާ ވަނީ ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ.
"ޕްރޮޖެކްޓުތައް ދިނުމުގައިވެސް ހަމަހަމަ ކަމެއްނެތްކަމުގެ ވާހަކަ ހަމަ ތަކުރާރުކޮށް އާންމު މެމްބަރުން އެބަދައްކާ، އަޅުގަނޑަށް ތާއިދުކުރީމާ ބިރުދައްކަން ހަގީގަތުގައި އެ އެންވަޔަރުމެންޓު އެބައޮތްކަން ހެކިވާނެ މީހުން ރާއްޖޭގައި އެބަތިބި، އަދި ހަމައެއާއެކު ވަރަށް ބޮޑު ތުހުމަތުތަކެއް އެޅިފައިވޭ. އެނގިވަޑައިގަންނަވާނެ ނޮވެމްބަރު 2020 މަނީ ލޯންޑަރިންގެ މައްސަލައެއްގައި އެމަނިކުފާނާ ގުޅުން އޮތް ކުންފުންޏެއްގައި މިހާރުވެސް ނުހިގާ އެބައޮތް،" އިންތި ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ފައްޔާޒު ވިދާޅުވީ، ނަޒާހަތްތެރިކަމަކީ އެކުގައި މަސައްކަތްކުރާ މީހުންނަށް ތުހުމަތުތަކެއް ކުރާއިރު ސާބިތު ކޮށްދެވޭނެ ގޮތަކަށް އެ ވާހަކަތައް ދެއްކެވުން ކަމަށެވެ. ސާބިތު ނުހިފޭ ކަންތައްތަކެއްގެ ތުހުމަތު އޭނާ، އިންތިއަށް ވެސް ކުރެވިދާނެ ކަމަށާއި ނަމަވެސް އެކަން ނުކުރަނީ އޭނާ ނަޒާހަތްތެރިވުމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މާގިނަ ދުވަސްވެއްޖެ އެ ވާހަކަ އެގޮތަށް ދައްކަވާތާ. މިހާރު އެއަށް ފިޔަވަޅު އަޅަން ވެއްޖެ. އެކަން ހިނގައިފަ އޮތްތޯ ސާފުކޮށް ބަލަންއެބަޖެހޭ، ބައްލައްވާފަ އޭގެ ގޯހެއް އޮތިއްޔާ ފިޔަވަޅު އަޅަން އެބަޖެހޭ. އެހެން ނޫނީ ތުހުމަތު ކުރެވޭނެ އަޅުގަނޑުމެންނަށްވެސް އިންތިއާ ބެހޭ ގޮތުން އެބަހުރި. އެކަމަކު އަޅުގަނޑުމެން ނަޒާހަތްތެރިވީމަ ސާބިތު ނުހިފޭނެ ވާހަކެއްވީމަ ނުދައްކާން މިތިބެނީ،" ފައްޔާޒު ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ދެއްކެވި ވާހަކަތައް ސާބިތުކޮށްދޭން ފައްޔާޒު އެދުމުން އިންތި ފާހަގަކުރެއްވީ ރާއްޖޭގައި ގަވާއިދާހިލާފަށް އުޅޭ ބިދޭސީންގެ ވާހަކަތަކެވެ. އެގޮތުން އިންތި ވިދާޅުވީ މާލޭގެ މައި މަގެއްކަމަށްވާ މަޖިދީ މަގަށް ގަވާއިދާހިލާފަށް އުޅެމުންދާ ބިދޭސީން ޖަމާވާއިރު ފައްޔާޒަށް އެ މައްސަލަ ހައްލު ނުކުރެވޭ ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ކަންހިނގާ ގޮތެއް ނޫން ކަމަށެވެ.
"ބޭރު މީހުންގެ ހައްލެއް ނެތް، ގާތަކަށް ވެސް އަދިނުދޭ. އެހެންވީމާ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވަޑައިގެން އަދި ހީނުވޭ މިކަން ކުރެވިދާނެހެނެއް،" އިންތި ވިދާޅުވިއެވެ.
ފައްޔާޒުގެ ކެމްޕޭން ސްލޯގަންކަމަށްވާ "އެމްޑީޕީހިންގާލަން" އަށް އިޝާރަތްކުރައްވައި، ހިންގާލުމަކީ އެމްއެމްޕީއާރްސީ ކޮރަޕްޝަން، ވެންޓިލޭޓަރު ކޮރަޕްޝަން އަދި ގޯތިގެދޮރު ރައްޔިތުންނަށް ނުލިބުމާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައްޔާޒާ ގުޅުންހުރި ބޮޑެތި ކުންފުނިތަކަށާއި ފައްޔާޒުގެ އާއިލާއަށް ބަދަލުދިނުންތޯ އިންތި ވަނީ ސުވާލުކުރައްވައިފައެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ ޖަވާބުދާރީކުރުވަނިވި ދައުލަތެއް ބިނާކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި ވައްކަމާއި ހިޔާނާތުގެ އަމަލުތައް ހިންގާނަމަ އެކަމުގެ ވާހަކަ ދެކެވެން ވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު