ދެހާސް އަށާރަ ވަނަ އަހަރު ކުއްލި ހާލަތު އިއުލާންކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ހައްޔަރުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފިއެވެ.
ޕީއެމްގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ފަހަތުގައި ހުންނެވި މޭސްތިރިއަކީ މައުމޫން ކަމަށެވެ. އަދި މައުމޫން އިސްވެ ހުންނަވައިގެން ވެރިކަން ވައްޓާލަން މަސައްކަތްކުރެއްވި ކަމަށެވެ.
ޔާމީން ވިދާޅުވެފައިވަނީ މައުމޫން ހައްޔަރުކުރަން ލަފާދެއްވީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ކަމަށާއި މައުމޫން ހައްޔަރުކުރަން އެއްވެސް އިރަކު ބޭނުންފުޅު ނުވާ ކަމަށެވެ.
"އަޅުގަނޑެއް ނޫން ރައީސް މައުމޫން ޖަލަށްލާން ނިންމީކީއެއް. އެއީ ކޮމެޓީގެ ނިންމުމެއް. އެ މައްސަލަ އިސްވެ ހުށަހެޅީވެސް އަޅުގަނޑެއް ނޫން. އެހެންވީމަ މިއަދު ރައްޔިތުންނަށް މި ހަގީގަތްވެސް މި ދަންނަވާލީ." ޔާމީން ވިދާޅުވެފައިވެއެވެ.
އެ ވާހަކަތަކާ ގުޅިގެން މިރޭ އެމްއާރްއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ އެ އަމުރަކީ ވެރިކަން ވައްޓާލަން ނުވަތަ އޭރުގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލޭގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ، އެއިރުގެ ސަރުކާރުން އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކޮށް، ޝަރުއީ ދާއިރާއަށް ނޫފޫޒުފޯރުވައިގެން އެކި ގޮތްގޮތަށް ބަންދުކޮށްފައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ މީހަކު ދޫކޮށްލުމަށް ކަމަށް އެމްއާރްއެމްއިން ބުންޏެވެ.
އެމްއާރްއެމުން ބުނީ، ސުޕްރީމް ކޯޓުން ނެރުނު އެ އަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި އެއިރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ގާނޫނާ ހިލާފަށް އަމަލުކުރުމަށް ޔާމީންގެ ސަރުކާރުން މަޖުބޫރު ކުރި ކަމަށެވެ. އަދި އެ އަމުރު ތަންފީޒު ނުކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި، ގާޒީން ހައްޔަރުކޮށް ޖަލައްލައި އަދި އެއިރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލިއެވެ.
އޭގެ ތެރޭގައި އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން އާއި އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުހައްމަދު ނަދީމާއި އެމްއާރްއެމްގެ އޮފީހުގައި މަސައްކަތްކުރާ ބައެއް އިދާރީ މުވައްޒަފުން ހިމެނެއެވެ.
"މި ޕާޓީއިން ދެކޭގޮތުގައި އެއިރު ސަރުކާރުގެ ބާރުތަކާއި، ނުފޫޒު އޮތް ގޮތުން އެ ކަމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެތް. އެހެންކަމުން މިއަދު އެކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަގީގީ ލީޑަރުންގެ ފަރާތުން ފެންނަ ތިމާގެ ބާރުން ހިނގާ ކަންކަމުގެ ޒިންމާ ނެގުމުގެ ސިފަޔާއި ނުހަނު ބީރައްޓެހި، ފިނޑި ވާހަކަފުޅުތަކެއް،" އެމްއާރްއެމުން ބުންޏެވެ.
ޔާމީންގެ ވެރިކަން ވައްޓާލުމަށް މައުމޫން އެއްވެސް އިރަކު މަސައްކަތް ނުކުރައްވާ ކަމަށާއި ނަމަވެސް ޔާމީންގެ ސަރުކާރަކީ މައުމޫންގެ ތާއީދާއެކު ގެނައި ސަރުކާރަކަށްވުމުން، ޔާމީންގެ ސަރުކާރުގެ އެތެރޭގެ ކަންކަން ހަމަމަގަށް ރުޖޫއަކުރެއްވުމަށް ސަރުކާރާއި ޕާޓީގެ އެތެރެއިން އަދި ފަހުން ޕާޓީގެ ބޭރުން މައުމޫން މަސައްކަތް ކުރެއްވި ކަމަށް އެމްއާރްއެމުން ބުންޏެވެ.
އެމްއާރްއެމުން ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން، ރައީސް ޔާމީންއާ ދެކޮޅަށް އެހެން ސިޔާސީ ލީޑަރުންނާއެކު ކޯލިޝަން ހައްދަވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައި، ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކޮށް، ގައުމު ހަމަ މަގުން ކައްސާލައިގެން ދާން ފެށުމުން އެކަންކަން އިސްލާހު ކުރެއްވުމަށް އެތައް ގޮތަކުން މަސައްކަތް ކުރެއްވުމަށްފަހު، އެ މަސައްކަތްތައް ނާކާމިޔާބު ވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު