ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަމަށް، މައުމޫން ޒައީމްކަން ކުރައްވާ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފިއެވެ.
ޕީއެމްގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި މިދިޔަ އަންގާރަ ދުވަހު ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ފަހަތުގައި ހުންނެވި މޭސްތިރިއަކީ ރައީސް މައުމޫން ކަމަށެވެ. އަދި މައުމޫން އިސްވެ ހުންނަވައިގެން ވެރިކަން ވައްޓާލަން މަސައްކަތްކުރެއްވި ކަމަށެވެ.
އަޅުގަނޑު މިއަދުވެސް އަޅުގަނޑުގެ ރައްޔިތުންގެ އަރިހު މައާފާއެކު ދަންނަވާލަން ބޭނުންވޭ، ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން. އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން. ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާ އެކީގައި ދައުލަތަށް މަޖުބޫރުވީ،" ޔާމީން ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ރޭ އެމްއާރްއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ އެ އަމުރަކީ ވެރިކަން ވައްޓާލަން ނުވަތަ އޭރުގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލޭގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ، އޭރުގެ ސަރުކާރުން ސިޔާސީ ޖައްބާރުކަމުގައި އެއްވެސް އަސާސެއް ނެތް ތުހުމަތުތައްކޮށް، ޝަރުއީ ދާއިރާއަށް ނޫފޫޒުފޯރުވައިގެން އެކި ގޮތްގޮތަށް ބަންދުކޮށްފައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށް ކަމަށް އެމްއާރްއެމްއިން ބުންޏެވެ.
އެމްއާރްއެމުން ބުނީ، ސުޕްރީމް ކޯޓުން ނެރުއްވި އެ އަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި އޭރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ގާނޫނާއި ހިލާފަށް އަމަލުކުރުމަށް ޔާމީންގެ ސަރުކާރުން މަޖުބޫރު ކުރި ކަމަށެވެ. އަދި އެ އަމުރު ތަންފީޒު ނުކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި، ގާޒީން ހައްޔަރުކޮށް ޖަލައްލައި އަދި އޭރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލި ކަމަށްވެސް މި ބަޔާނުގައިވެ އެވެ.
"މީގެ ތެރޭގައި މި ޕާޓީގެ ޒައީމް، ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އާއި މި ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން އާއި މި ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުހައްމަދު ނަދީމް އާއި މި ޕާޓީގެ އޮފީހުގެ މުވައްޒަފުން ހިމެނެއެވެ." އެމްއާރްއެމުން ބުންޏެވެ.
ޔާމީންގެ ވެރިކަން ވައްޓާލުމަށް މައުމޫން އެއްވެސް އިރަކު މަސައްކަތް ނުކުރައްވާ ކަމަށާއި، ނަމަވެސް ޔާމީންގެ ސަރުކާރަކީ، މައުމޫންގެ ތާއީދާއިއެކު ގެނައި ސަރުކާރަކަށްވުމުން، ޔާމީންގެ ސަރުކާރުގެ އެތެރޭގެ ކަންކަން ހަމަމަގަށް ރުޖޫއުކުރެއްވުމަށް ސަރުކާރާއި ޕާޓީގެ އެތެރެއިން، އަދި ފަހުން ޕާޓީގެ ބޭރުން މަސައްކަތް ކުރެއްވިކަމަށް އެމްއާރްއެމުން ބުންޏެވެ.
"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން، ރައީސް ޔާމީން އާއި ދެކޮޅަށް އެހެން ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހައްދަވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ، ގާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބާރު ކަނޑުވާލައި، ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކޮށް، ގައުމު ހަމަ މަގުން ކައްސާލައިގެން ދާން ފެށުމުން އެކަންކަން އިސްލާހު ކުރެއްވުމަށް އެތައް ގޮތަކުން މަސައްކަތް ކުރެއްވުމަށްފަހު، އެ މަސައްކަތްތައް ނާކާމިޔާބު ވުމުންނެވެ." އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.
އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ، މައުމޫން ހައްޔަރުކުރަން ނިންމީ ގައުމީ ސަލާމަތީ ކޮމިޓީން ކަމަށާއި އެއީ އެ މަނިކުފާނު ނިންމި ނިންމުމެއް ނޫން ކަމަށެވެ.
ނަމަވެސް އެމްއާރްއެމުން ރޭ ބުނީ، އޭރު ސަރުކާރުގެ ބާރުތަކާއި، ނުފޫޒު އޮތް ގޮތުން އެ ކަމަކީ ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެތް ކަމަށެވެ.
"އެހެންކަމުން މިއަދު އެ ކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަގީގީ ލީޑަރުންގެ ފަރާތުން ފެންނަ ތިމާގެ ބާރުން ހިނގާ ކަންކަމުގެ ޒިންމާ ނެގުމުގެ ސިފަޔާއި ނުހަނު ބީރައްޓެހި، ފިނޑި ވާހަކަފުޅުތަކެކެވެ." އެމްއާރްއެމުން ބުންޏެވެ.
ރައީސްގެ މަގާމުގައި ހުންނެވިއިރު ވެސް ކަން ކުރެއްވި ފަދައިން، ދެންވެސް ވެރިކަން ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ހުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން ޔާމީން ދެއްކެވި ވާހަކަފުޅުތައް އެމްއާރްއެމުން ވަނީ ކުށްވެރިކޮށްފައެވެ.
އެމްއާރްއެމުން ބުނީ، ހުރިހާ ރައްޔިތުންނަށް ފެންނާނެހެން ހިނގާފައި ހުރި ކަންކަމުގައި ދޮގުހަދައި، ހަގީގަތް އޮޅުވާލަން މަސައްކަތްކޮށް އަނިޔާވެރިކަން އިސްކުރާނެ ކަމުގެ އިންޒާރުދިނުމަކީ ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އިހުތިރާމް ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އެފަދަ ކަންކަން ކޮށްއުޅެނީ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބަޔަކު ކަމަށް ދެކިގެން އަނިޔާވެރި ވެރިކަން ހިންގާ ވެރިން ކަމަށާއި އެހެންކަމުން އެފަދަ ވާހަކަތަކަށް ނުހެއްލުމަށާއި، ސިޔާސީ ދަހިވެތިކަމުގައި ދައްކާ އެފަދަ ވާހަކަތަކުގެ ދަޅައިގައި ނުޖެހުމަށް ރައްޔިތުންނަށް އިލްތިމާސްކުރާކަމަށް އެމްއާރްއެމުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު