އިންތިހާބުތަކާ ގުޅުވައިގެން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ސަރުކާރުން ބޭނުން ކުރުމާއި އިންތިހާބުތަކަށް ނުފޫޒު ފޯރާގޮތަށް މަޝްރޫއުތައް އިއުލާނުކޮށް އަދި ލޯނު ދެމުންދާތީ އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށް އެދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ފޮނުއްވި ސިޓީއެއްގައި ޝަރީފް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެށިގެން ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް ބޭރުގެ ނުފޫޒު ފޯރުވަމުންދާތީވެ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. އަދި އިންތިހާބުތަކާ ގުޅުވައިގެން ސަރުކާރުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމަކީ ވެސް ރައްޔިތުން ކަންބޮޑުވާ ހައްސާސް މައްސަލައެއް ކަމަށެވެ.

"ހާއްސަކޮށް ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސް ދޭނެކަމަށް ރައްޔިތުންނަށް ވައުދުވެގެން ވެރިކަމަށް އައި ބަޔަކު، ބައި-އިލެކްޝަންތަކާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވެސް ދައުލަތުގެ

މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފަ،" ޝަރީފް ވިދާޅުވިއެވެ.

މިގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރުގެ އިމާރާތްތަކާއި އުޅަނދުތައް ބޭނުންކޮށްފައިވާ ކަމަށާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވޭގޮތަށް ސަރުކާރުން ބޮޑެތި މަޝްރޫއޫތައް އިއުލާނުކޮށްފައިވާ ކަމަށެވެ. މިހާރު ހުއްޓިފައިވާ ދެކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއަކީ މީގެ މިސާލެއް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، އިންތިހާބުތަކަށް ނުފޫޒު ފޯރުވައި، ސަރުކާރުން ބޭނުންވާ މީހަކު ހޮވުމަށް މަގުފަހިވާގޮތަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި ވިޔަފާރިތަކަށް ލޯނު ދެމުންދާ ކަމަށް މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރުން ވެސް ތުހުމަތު ކުރަމުންދާ ކަމަށެވެ. އެ ތުހުމަތުތައް ސަރުކާރުން ދޮގު ނުކުރާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

"އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަން ހުއްޓުވުމުގައި އޭސީސީ ވަނީ ފެއިލްވެފައި. މި މައްސަލަތައް ޒިންމާދާރުވެރިކަމާއެކު އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހާމަވާނެ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން ބައްލައްވައިދެއްވުމަށް މުހައްމަދު ނަޝީދަށް އިލްތިމާސްކުރަން،" ޝަރީފު ވިދާޅުވިއެވެ.