ރިޕޯޓް

ނަރުހުންގެ ދުވަހުގެ ހާއްސަ: ފަރުޒިއްޔާ ނަރުސްކަމުގައި 41 އަހަރު، ނިމިގެންދާންވެސް އެދެނީ މި ހިދުމަތުގައި

އެއްކަމެއްގައި ގިނަ ދުވަހު ދެމިހުރުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަކަމެއް ނޫނެވެ. ޒިންމާދާރު، އެއްޒިންމާއަށްވުރެ ގިނަ ޒިންމާ އުފުލުމުގައި އުމުރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައި، ސާބިތުކަންމަތީ، ބަދަލެއް ނައިސް، ދެމިހުރުމަކީ، ހަމަޔަގީނުންވެސް، އެކަމަށްޓަކައި އެތައް ގިނަގުނަ، ގުރުބާނީތަކެއްވެސް ވާން ޖެހޭނެ ކަމެއްކަން ޔަގީނެވެ.

ގައުމެއްގެ އެންމެ މުހިންމު އެއްދައުރު އަދާ ކުރާ ބަޔަކީ، ކޮންމެ ދުވަހަކުވެސް ސަލާމަތާއި ރައްކާތެރިކަމުގެ ސާލެއް، ތިމާގެ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް އޮޅައިލައިގެން، ފަނޑު ނުވާ، ދެމިހުންނަ ހިނިތުންވުމެއްގައި، ބަލިމީހުންނަށް ހޭހަން ކުރުމަށް އަތުކުރި އޮޅައިލައިގެން ތިބޭ "ގައުމުގެ ދޮންދީނި" އާދެ، ނަރުހުން އެހެންނޫންތޯއެވެ؟ ނަރުހުންނަށް ދޮންދީނިގެ ނަމުން މުހާތަބު ކުރީ ކީއްވެގެންކަން ކޮންމެ މީހަކަށްވެސް ވިސްނީމަ އެނގޭނެއެވެ. ސާފުބޯކިރުކޮޅެއް ކަހަލަ ފަތްތައް ހިމެނޭ ހުދުކުލައިގެ ދޮންދީނިގެ ތުނބާއި އޭގެ ލޯ ކަޅުކުލައިގައި ހުރެފައި، އެދޫނީގެ އުފާވެރި ރާގުތަކާއެކު އާއިލާ ގޮވައިގެން އެއްބައިވަންތަކަމުގެ ބައިގަނޑެއްގައި، އުދުހެމުން އަންނައިރު، ކަންފަތަށާއި ހިތަށް ލިބޭ ހިތްހަމަޖެހުން ނުހަނު ބޮޑުކަން ޔަގީނެވެ. ނަރުހުންވެސް ހަމަ އެފަދައެވެ. ހިތްތިރިކަމާއި މަޑުމައިތިރިކަމާއި މަޑުމޮޅި، ނިޔަނެތި، އެހާމެ ކެތްތެރިކަން ހުންނަ ބައެކެވެ. ތަފާތު އެކި ވައްތަރުގެ، އެކި އުމުރުތަކުގެ، އެކި މިޒާޖުތަކުގެ ބަލިމީހުންނާއެކު ދުވަހުގެ އެތައް ވަގުތެއް ހޭދަ ކުރުމަކީ ފަސޭހަކަމަކަށް ނޫނެވެ. އެކަމަކު މިކަމަކީ ބައެއް މީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެވެ. އާދެ! ނަރުހުންނަށް މިފަދަ މާހައުލުތަކުގައި އުޅުމަކީ އެމީހުންގެ ދުވަހީ ހަޔާތެވެ.

ދ.ކުޑަހުވަދުއަށް އުފަން، އެރަށު ބޮޑުގޭ ދޮންމުހައްމަދު ހަސަނާއި ހަދީޖާ މުހައްމަދުގެ އަންހެންދަރިފުޅު، 14 މެއި 1960މ. ވަނަ އަހަރު ދުނިޔެއަށް ލޯހުޅުވައިލި، ފައުޒިއްޔާ މުހައްމަދަކީ ދޮންދީނީގެ ބައިގަނޑާއެކު އުދުހެމުން އަންނަ މޭސްތިރި ދޮންދީނިއެވެ. ފައުޒިއްޔާއަކީ އޭނާގެ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް މިލައެއްދިލައެއް ނެތް، އޯގާތެރިކަމާއި ނިޔަނެތިކަމާއެކު، ފަނޑުނުވާ ހިނިތުންވުމަކާއެކު ތަފާތު އެކިވައްތަރުގެ، އެކި މިޒާޖުތަކުގެ މީހުންނާ ކުރިމަތިލުމުގައި އުމުރު ހޭދަކުރަމުން އަންނަ ފިސާރި ދިވެހި ކަނބަލެކެވެ.

1981 ވަނަ އަހަރުގެ ޖުލައި މަހުގެ 14ވީ ދުވަހު، އުމުރުން 21 އަހަރުގައި، ނަރުހެއްގެ ވަޒީފާ އަދާކުރަން ފެށި ފައުޒިއްޔާ، މިއަދު އޭނާގެ އުމުރުން 61 ވަނަ އަހަރު ގުނަމުން އަންނައިރު، އުމުރުގެ ތިންބައިކުޅަ ދެބައި ނަރުހެއްގެ ގޮތުގައި ހިދުމަތް ދެމުން އައި ގޮތާއި ކާމިޔާބު އާއިލާއެއް ބިނާކުރުމަށް ހިންމަތް ކުރި ގޮތުގެ ވާހަކައާއި މިނޫންވެސް ވާހަކަތައް "ވަން"އާ ހިއްސާ ކުރަން ފެށުމުގެ ކުރިން، "ވަން" މެދުވެރިކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެންމެހާ ނަރުހުންނަށް، ނަރުހުންގެ ދުވަހުގެ ހެޔޮއެދުންތަކާއި މުބާރަކްބާދީ ފޮނުވިއެވެ.

އެންމެ ކުޑައިރުވެސް އެހެންމީހުންނަށް ކަންތައްތަކުގައި އެހީވުމާއި މީހުންގެ ދިރިއުޅުމަށް ހެޔޮބަދަލުތައް ގެނައުމަށް ލޯބިކުރާ، ފައުޒިއްޔާ، ސާނަވީ އިމްތިހާނު ނިމުމާއެކުހެން ނަރުހެއްގެ ވަޒީފާ އަދާ ކުރަން ފެށީ މިއަދު ރާއްޖޭގައި މިއޮތް ފަސޭހަކަމާއި ތަރައްގީ އޮތް ޒަމާނެއްގަ ނޫނެވެ. އެހެންނަމަވެސް އެދުވަހެކޭ މިއަދެކޭ ވަކި ފަރަގެއް ފައުޒިއްޔާގެ ހިތުގައި މިދާއިރާއަށް އޮތް ކުލުނަކަށް ނާދެއެެވެ. ދުނިޔެ ކިތަންމެ ތަރައްގީވެފައި، ފަސޭހަ ކަންތަކެއް ލިބެން އޮތަސް، ނަރުސްކަމަކީ ފައުޒިއްޔާއަށް އޭރުވެސް މިއަދުވެސް އެންމެ ލޮބުވެތި މަސައްކަތެވެ.

ފައުޒިއްޔާ ބުނިގޮތުގައި، އައިކޭމްޕްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ގޮސް އެއަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރެވިފައިވާއިރު ރ.އުނގޫފާރާއި ހދ.ކުޅުދުއްފުށީގައި 6 މަސްދުވަހު މަސައްކަތް ކުރެވިފައިވާނެއެވެ. އޭގެ ފަހުން އައިޖީއެމްއެޗުގެ މިހާރު މަސައްކަތް ކުރާ ޑިޕާޓްމަންޓްގައި އުޅެންފެށުމުގެ ކުރިން ހުރިހާ ޑިޕާޓްމަންޓެއްގައިވެސް މަސައްކަތްކޮށްފައިވާނެ ކަމަށް ފައުޒިއްޔާ ބުންޏެވެ. ފެށުނީއްސުރެވެސް ފައުޒިއްޔާ ހަރަކާތްތެެރިވަމުން އައިސްފައިވަނީ އައިކޭމްޕްތަކުގައި ކަމަށާއި ހުރިހާ ޑިޕާޓްމަންޓްތަކުގައި އުޅެފައި ހުރި ނަަމަވެސް ޓްރެއިނިން ނިމުމަށްފަހު މިހާރު އުޅެމުން ގެންދަނީ ލޮލުގެ ޑިޕާޓްމަންޓްގައިކަމަށް ފައުޒިއްޔާ ބުންޏެވެ.

ބަލިމީހުންނަށް ހޭހަން ކުރުމުގައި ދުވަހުގެ އެއްބައި ހޭދަކުރުމަށްފަހު އެނބުރި އާއިލާއާއެކު ހޭދަކުރުމަށް ގެއަށް ގޮސް އުޅުނުކަމުގައި ވިޔަސް، ހަމަ ކޮންމެ ވަގުތަކުވެސް ބޭނުން ޖެހިގެން ގޮވާލާނެކަމަށް ފައުޒިއްޔާ ހުންނަނީ ހުޝިޔާރު ވެގެންނެވެ. ބައެއް ދުވަސްތަކުގައި ގެއަށް ގޮސްވަދެ ހަމަޖެހިނުލެވެނީސް، އަނެއްކޮޅަށް އަނބުރާ ދާން ޖެހޭ ދުވަސްތައްވެސް މަދެއް ނޫނެވެ. އެހެންވިޔަސް، ބަލިމީހުންނާ ކުރިމަތިލުމުގައި ފައުޒިއްޔާގެ ހިނިތުންވުމަށް ފަހަރެއްގައިވެސް ބަދަލެއް ނާދެއެވެ. ތަފާތު މިޒާޖުތަކުގެ، އެކިކަހަލަ ފަންތީގެ ބަލި ތަހައްމަލު ކުރާ، އެކިކަހަލަ މީހުންނާ ކޮންމެ ދުވަހަކުވެސް ބައްދަލުވާން ޖެހޭ ފައުޒިއްޔާއަށް މިދާއިރާގައި މަސައްކަތް ކުރުމާއެކު އާއިލާއާ އޮންނަ ގުޅުން އެއްހަމައެއްގައި ގެންދިއުމަށް އެހާ ފަސޭހަވީ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައެވެ. ފިރިޔަކަށް ހިދުމްތަކުރަމުން، ދެކުދިން ބަލައިބޮޑުކުރަމުން ބަލިމީހުންނަށް ހޭހަން ކުރުމަށް ފުރިހަމައަށް ވަގުތުދެމުން، ދެބައިވެސް އެހާމެ ކާމިޔާބުކަމާއެކު ގެންދެވުނުކަމުގެ ހިތްހަމަޖެހުން ކިތަންމެހާވެސް ރަނގަޅަށް ފައުޒިއްޔާއަށް އިހުސާސްކުރެވެއެވެ. މިގޮތަށް ދިރިއުޅެވުމުގެ އެންމެ ބޮޑު ސިއްރަކީ އެއްމިނެއްގައި ދިރިއުޅުން ގެންދިއުމަށް ކުރި ހިތްވަރާއި، ލޯތްބާއި އިހުސާންތެރިކަމާއެކު މަސައްކަތް ކުރެވުނުކަމެވެ. ހަމައެހެންމެ ފިރިމީހާ، މައިދައިތަ އަދި އަމިއްލަ މަންމަގެވެސް ނުހަނު ބޮޑު ދައުރެެއް ލިބިފައިވުމަކީ ފައުޒިއްޔާ ދެކޭ ގޮތުގައި އޭނާއަށް މިދާއިރާގައި މިހާ ދުވަހު ހިފަހައްޓާލެވުނު އެންމެ ބޮޑު ސަބަބެވެ.

"އަސްލު ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވެނީ. މިކަމާ ދުރަށް ދާކަށް ފަހަރެއްގައިވެސް ބޭނުމެއް ނުވޭ. ވެގެންވަންޏާ ނިމިދަންދެންވެސް ނަރުހެއްގެ ގޮތުގަ މަސައްކަތް ކުރަން ބޭނުމީ. އެކަމަކު އެހެންވެސް ނުވާނެ ދޯ...!" މިއީ ފައުޒިއްޔާގެ ހިތުގެ ޝުއޫރެވެ.

"ފައުޒިއްޔާއްތައަކީ ވަރަށް ނައިސް، ވަރަށްވެސް ހަމްބްލް، އޭޒްއަ ހިއުމަން އެންޑް އޭޒްއަ ނަރސްވެސް ހަމަ ވަރަށް ނައިސް މީހެއް." ލޮލުގެ ޑިޕާޓްމަންޓްގައި ވަޒީފާ އަދާ ކުރާ ނަރުހެއްކަމަށްވާ ރިފާ، ފައުޒިއްޔާއާ ބެހޭ ގޮތުން ކިޔައިދެމުން ބުންޏެވެ.

އައިޖީއެމްއެޗްގެ ލޮލުގެ ޑިޕާޓްމަންޓްގައި އެންރޯލްޑް ނަރުހެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުން އަންނަ ފައުޒިއްޔާއަކީ، އެޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ އެހެން ފަރާތްތަކުންވެސް ބުނާ ގޮތުގައި، ވަޒީފާގައި އުޅޭއިރު، މަސައްކަތުގެ މާހައުލުގައާއި އަދި އެހެން ވަގުތުތަކުގައިވެސް ހިތްހެޔޮ، އެހާމެ މަޑުމައިތިރި، އަދި އެހީތެރި އެކުވެރިޔެކެވެ. ފައުޒިއްޔާއާއެކު މަސައްކަތް ކުރާ ބައެއް ކުދީން ބުނީ، ކަމެއް ދިމާވެގެން، ނުވަތަ ނޭނގިގެން އޮޅުން ފިލުވައިލުމަށް ސުވާލުކުރުމުން، ކިތަންމެ ގިނައިން އެއްވާހަކައެއް ބުނެދޭން ޖެހުނަސް ފައުޒިއްޔާ ހަމަ އުފަލާއެކު ބުނެދޭކަމަށާއި ފައުޒިއްޔާއަކީ މަޑުމައިތިރިކަމާއި ބަސްބުނުމުގައިވެސް ހަމައެހާ ހިތްތިރި ނަރުހެއްކަމަށެވެ.

ނަރުހުންނޭ ބުނީމަ ހިތަށްވެސް ސިފަވެގެންދަނީ އަންހެނެކެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އާންމުވެފައި އޮންނަނީ ނަރުހުންނަކީ އަންހެނުންގެ މަސައްކަތެއްގެ ގޮތުގައިކަމަށް ވުމުން މިކަމާ ބެހޭ ގޮތުން ފައުޒިއްޔާ ދެކޭ ގޮތަކީ ކޮބައިތޯ ސުވާލުކުރުމުން ފައުޒިއްޔާ ބުނީ ކޮންމެ ޖިންސެއްގެ މީހަކަށްވިޔަސް އިންސާނިއްޔަތުކަމާއި އޯގާތެރިކަން ހުރެގެން ކުރެވޭނެ ކަމަކަށްވާއިރު ނަރުސްކަން ވާއިރު، މިއީ ވަކިން އަންހެނުންނަށް ހާއްސަ މަސައްކަތެކޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ޒަމާނުއްސުރެ ދިވެހިންގެ ތެރެއިން އަންހެނުން މިދާއިރާއިން ފެންނަމުން ދާތީ އެފަދަ ހީއެއް ވެފައި އޮތަސް މިއީ އެއްވެސް ހާލެއްގައި ރަނގަޅު ހީކުރުމެއް ނޫން ކަމަށާއި ރާއްޖޭގައި ވެސް ފިރިހެން ނަރުހުން މަސައްކަތް ކުރަމުން ގެންދިއުމަކީ މިކަމުގެ ވަރަށްބޮޑު ހެއްކެއް ކަމަށެވެ.

މިއަދާހަމައަށް ދިމާވި ކަންތައްތައް ގުނުމުން ނުވަތަ ކިޔައިދޭން ފަސޭހަ ނުވާހާ ގިނަ، އެތައް ކަމަކާއި ކުރިމަތިލެވުނު ކަމަށާއި އޭގެތެރެއިން މީގެ އަހަރުތަކެއް ކުރިން ސެންޓްރަލް ހޮސްޕިޓަލުގައި އުޅުނު ދުވަސްވަރު، އެއާޕޯޓްގައި ބާއްވަން ހަމަޖެހުނު ޕްރެކްޓިހަކަށް ކުރި ދަތުރެއްގައި ދެ އެމްބިއުލާންސް ޖެހި ވީ އެކްސިޑެންޓް ފައުޒިއްޔާ ފާހަގަ ކޮށްލީ ހިތަށް ސިފަ ކުރަން އަދިވެސް ދަތި، ހަނދާނުގައި ފޮހެނުލެވި ހަރުލާފައިވާ ހިތްދަތި ކަމެއްގެ ގޮތުގައެވެ. އެދުވަހު ދެއެމްބިއުލާންސް ޖެހި ހިނގި އެކްސިޑެންޓްގައި ޑޮކްޓަރުންނަށާއި ނަރުހުންނަށްވެސް އަނިޔާތަކެއް ލިބުނުކަމަށް ފައުޒިއްޔާ ބުންޏެވެ.

ކޮންމެއަކަސް ދިގު 40 އަހަރު ހިދުމަތުގައި ހޭދަކޮށް، މިއަދު 41 ވަނަ އަހަރު ގުނަމުން އަންނަ މިނަރުހަށް މިދާއިރާއަކީ އަމިއްލަ އާއިލާފަދަ ދާއިރާއެކެވެ. އެހާވެސް ގާތެވެ. އެހާވެސް ލޮބުވެތިކަން ބޮޑެވެ. ދާއިރާއާ ވަކިވާން ޖެހޭފަދަ ދުވަހެއް އައުމަކީ ފަހަރެއްގައިވެސް ފައުޒިއްޔާ އެދޭ ކަމެއް ނޫނެވެ. ނަރުހެއްގެ ގޮތުގައި ފަހު ވަގުތާ ހަމައަށްވެސް މަސައްކަތް ކުރުމަކީ ފައުޒިއްޔާގެ އެދުމެވެ. މިހިސާބަށް އައުމުގައި ފިރިމީހާ އާއި ދެފަރާތުގެ އާއިލާއާއި އަދި ހަމައެހެންމެ މިއަދާ ހަމައަށް އެކުގައި މަސައްކަތް ކުރެވުނު އެންމެހާ ސްޓާފުންނާއި ޑޮކްޓަރުންގެ ފަރާތުންވެސް ލިބުނު ބޮޑު އެއްބާރުލުމާއި އެހީތެރިކަމާއި ލޯތްބަށް ފައުޒިއްޔާ ހިތުގެ އަޑިން ޝުކުރުވެރިވެއެވެ. މިއީ އިންސާނިއްޔަތަށް ޓަކައި އަމިއްލަ ގައުމަށްޓަކައި ފައުޒިއްޔާ ކުރަމުން އަންނަ ބޮޑު ހޭދައެކެވެ.

ތަފާތު އެތައް ބައިވަރު ކަންތައްތަކާއި ހަނދާން ނައްތައިނުލެވޭނެ ހިތްދަތި އެތައް މަންޒަރުތަކަކާއި އުފާވެރި ހަނދާންތަކާއި އެކި ތަފާތު އިހުސާސްތަކަކާއެކު އުމުރުގެ ބޮޑުބައި، ގައުމަށްޓަކައި، އިންސާނިއްޔަތުކަމުގެ މިދާއިރާގައި ހޭދަކޮށްފައިވާ އަދި މިހާރުވެސް ހޭދަކުރަމުން އަންނަ މިނަރުހަށް "ވަން" އިން އެދެނީ ފާގަތި ފަހި ދުވަސްތަކަކަށެވެ.