އިކޮނޮމިކު މިނިސްޓަރު ފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އޭނާއާ ހަވާލު ކުރި މެންބަރު، އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ފައްޔާޒު ގެނައުމަށް މިއަދު ތާއީދު ކުރުމަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް އޮޅުވައިލުމަށް ކުރި ކަމެއް ކަމަށް، އެމްޑީޕީގެ ޕީޖީ ގުރުޕުގެ ކުރީގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ފައްޔާޒާ ވާދަ ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއުރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ތާއީދު ކުރާކަން ހާމަ ކުރެއްވުމަށްފަހު، މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ހަވާލު ކުރެއްވީ ކޮން މެންބަރެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.
"އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 33 މެންބަރުން ސޮއިކޮށް މިނިސްޓަރު ފައްޔާޒުގެ އިތުބާރުނެތްކަމަށް ބުނެ، މަޖިލީހަށް ހުށަހެޅުމަށް ވަނީ އަޅުގަނޑާ ހަވާލުކޮށްފައި. މިއަދު ހަމަ އެމެންބަރުން ފައްޔާޒަށް ޕާޓީ ހިންގާލެވޭނޭކަމަށް ބުނާ ބުނުމަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށްބޮޑު އޮޅުވާލުމެއް،" އާޒިމް ވިދާޅުވެފައިވެއެވެ.
އާޒިމް ވަނީ، ފައްޔާޒުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް ތައްޔާރުކުރި ކަމަށްބުނާ ލިޔުންވެސް ޓުވީޓުގައި ހިއްސާ ކުރައްވައިފައެވެ. އެ ލިޔުމުގައި ފައްޔާޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ސަބަބުތައް ވަނީ ބަޔާން ކޮށްފައެވެ.
އެގޮތުން އިގްތިސާދީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްދަވާކަން ފާހަގަ ކޮށްފައިވެއެވެ.
އެލިޔުމުގައި ބުނެފައި ވަނީ، ސަރުކާރުގެ ދެ އަހަރު ފާއިތުވެފައިވާއިރު، އިގްތިސާދީ ދާއިރާއިން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި، ރައްޔިތުން ކޮށްފައިވާ އުއްމީދުތަކާ ގާތަށްވެސް ކަންކަން ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ އަތްމަތި ދަތިވެ ދިރިއުޅުމުގެ އާއްމު ހާލަތު އެއްދުވަހުން އަނެއް ދުވަހަށް، ދަށަށް ދާއިރު، އެކަންކަމުން އަރައިގަތުމަށް ސަރުކާރުގެ ސާފު އިގުތިސާދީ ސިޔާސަތެއް ތަންފީޒު ކުރެވެމުން ނުދާ ކަމަށްވެސް ލިޔުމުގައި ވެއެވެ. އަދި ވިޔަފާރީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ފައްޔާޒު ނާގާބިލު ވެފައިވާ ކަމަށްވެސް އެ ލިޔުމުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު، ފައްޔާޒުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް ދެ ފަހަރެއްގެ މަތިން އެމްޑީޕީގެ ޕީޖީ ގްރޫޕުން މަސައްކަތް ކުރިއެވެ. ނަމަވެސް އެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާ އަދަދަށް މެންބަރުން ހަމައެއް ނުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު ދެ ފަރާތުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.
މި އިންތިހާބުގައި ފައްޔާޒު ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި އިންތި ވާދަ ކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.
މި އިންތިހާބަކީ މިހާތަނަށް އެންމެ ވާދަވެރިކޮށް ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު