ލުއި ޚަބަރު

ދުނިޔޭގެ އެންމެ ދިގު ފަޅޯގަސް ބްރެޒީލްގައި!

ބްރެޒިލްގެ ދަނޑެއްގައިވާ ފަޅޯގަހަކަށް ދުނިޔޭގައިވާ އެންމެ ދިގު ފަޅޯގަހުގެ ރިކޯޑް ލިބިއްޖެއެވެ. މިގަހުގެ ދިގުމިނަކީ 47 ފޫޓު 8.83 އިންޗިއެވެ.

ފަޅޮލަކީ އާއްމު ގޮތެެއްގައި މިހާ ދިގު އިސްކޮޅަކަށް ހެދޭ ގަހެއް ނޫނެވެ. އޭގެ އެވްރެޖް ދިގުމިނަކީ 10 ފޫޓާއި 15 ފޫޓާއި ދެމެދެވެ. ބްރެޒީލުން ފެނުނު ގަސް އެއަށްވުރެ ހަތަރުގުނަ ދިގެވެ. މިއީ ދުނިޔޭގެ އެންމެ ދިގު ފަޅޯގަސްކަމަށް ވެދާނެތީ ދަނޑުގެ ވެރިޔާ އެންމެ ފުރަތަމަ ގަހުގެ ދިގުމިން ދެނެގަތުމަށް ބޭނުންކުރީ ޑްރޯނެކެވެ. އެއަށްފަހު ތަޖުރިބާކާރުން ގެނެސްގެން ދަައްކައި ދިރާސާކޮށް ލިޔުންތައް ހުށައަޅަންޖެހޭ ފަރާތްތަކަށް ލިޔުން ހުށައަޅައިގެން މިގަސް މިހާރުވަނީ ދުނިޔޭގެ ރިކޯޑު ފޮތަށް އަރުވައިފައެވެ.

ފަޅޮލަކީ ދުނިޔޭގެ ހޫނު ސަރަހައްދުތަކުގައި އާއްމުކޮށް ހެދޭ ވަރަށް ރަހަމީރު މޭވާއެކެވެ. އެގޮތުން ފަޅޮލަކީ ބްރެޒިލްގައި ހަމަ ކޮންމެ މޫސުމެއްގައިވެސް ލިބޭ ވަރަށް މަގްބޫލު މޭވާއެކެވެ. ބްރެޒިލްއަކީ ދުނިޔޭގައި އެންމެ ގިނައިން ފަޅޯ ހައްދާ އެއްގައުމެވެ. ދުނިޔޭގައި އެންމެ ގިނައިން ފަޅޯ ހައްދަނީ އިންޑިޔާގައެވެ. އޭގެ ފަހަތަށް އަންނަނީ ބްރެޒިލްއާއި ނައިޖީރިޔާ އަދި މެކްސިކޯއެވެ.

މޭވާއެއްގެ ގޮތުގައި ފަޅޯ ބޭނުން ކުރުމުގެ އިތުރަށް ޖޫސްގިރުމާއި ސޮފްޓް ޑްރިންކްސް ތައްޔާރުކުރުމާއި އަދި އައިސްކްރީމް ހެދުމުގައިވެސް ފަޅޯ ބޭނުންކުރެއެވެ. ފަޅޮލުން އެންމެ ގިނަތަކެތި އުފައްދާ، އަދި ނިސްބަތުން އެންމެ ގިނައިން ފަޅޯ އިންދާ އެއްގައުމަކީ ބްރެޒިލް ކަމަށްވެފައި ދުނިޔޭގެ އެންމެ ދިގު ފަޅޯގަސް ބްރެޒީލުން ފެނުމަކީ ވަރަށްވެސް މުނާސަބު އިއްތިފާގެއް ކަމަށް ބްރެޒިލްގެ ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ބުނެއެވެ.