ފުޓްސަލް

އަލް މުދިޝް ލީޑު ވެޓެރަންސް ފުޓްސަލް ކަޕްގެ މީޑިއާ ޕާޓްނަރަކަށް ވަން

ލ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑިވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ، ލ. އަތޮޅުގެ އެންމެ ބޮޑު ވެޓްރަންސް ފުޓްސަލް މުބާރާތް، އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ މީޑިއާ ޕާޓްނަރަކަށް "ވަން" ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރޭ ލ. ފޮނަދޫގައި ފެށި އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕުގެ މީޑިއާ ޕާޓްނަރަކަށް "ވަން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިދިޔަ ހޯމަ ދުވަހު ވަނީ ސޮއިކޮށްފައެވެ. ވަންގެ އޮފީހުގައި ބޭއްވި ހާއްސަ އިވެންޓްގައި ވަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑްމިން އަދި މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ. ލީޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ފަވާޒެވެ.

އަލް މުދިޝް ލީޑް ވެޓެރަންސްގެ ފުޓްސަލް ކަޕްގައި ޖުމުލަ 10 ޓީމަކުން ވާދަކުރާ އިރު، ޓީމުތައް ބަހާލައިފައި ވަނީ ދެ ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ހިމެނޭ އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާނެއެވެ. ކޮންމެ ގްރޫޕަކުންވެސް ސެމީ ފައިނަލަށް ދެޓީމު ދާ އިރު، މުބާރާތުގެ މެޗުތައް އޮންނާނީ ރޭގަނޑުގައެވެ. އަދި މުބާރާތުގެ ފައިނަލް ތާވަލު ކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރެއަށެވެ.

މުބާރާތުގެ ގްރޫޕު އޭގައި ހިމެނޭ ޓީމުތަކަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން، މާހިންނަ އެސްސީ އާއި ލ. ގަން ޕޮލިސް، ތުނޑި އޯލްޑް ބޯއީސް އަދި އޭލިއަން އެވެ. ގްރޫޕް ބީގައި ހިމެނެނީ ކިއުއެމް ސްޕޯޓްސް، ޓީމް މާވަށް، އައުޓްރީފް އެސްސީ، އެފްއެމްއެސްސީ އަދި ޓީމް ޖޭމެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ލ. ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.

ލީޑް ވެޓްރަންސް ފުޓްސަލް ޓޯނަމެންޓް 2022ގެ ޓައިޓަލް ސްޕޮންސަރަށް "އަމް މުދިޝް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް އަދި ފޮނަދޫ ކައުންސިލެވެ. އޯގަނައިޒިން ޕާޓްނަރަކީ ލ. އެޓޯލް ޕޮލިހެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ޝަބްނަމީ ހޯލްޑިންގްސް އެވެ.

ލޮޖިސްޓިކްސް ޕާޓްނަރަކީ ދިވްޒޯން ލާމެވެ. ކޮފީ ޕާޓްނަރަކީ ލ. ފޮނަދޫގެ ދި ޖޭމް ކިޗަން ރެސްޓޯރަންޓެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. އޮފިޝަލް ކިޓް ޕާޓްނަރަކީ މަޅި އެމްވީއެވެ. ލައިވް ޕާޓްނާއަކީ "ބިގޭ ޓީވީ" އެވެ.