ހުޅުމާލޭގެ ހަތް ބިމެއްގައި މިކްސްޑް ރެސިޑެންޝިއަލް ބިލްޑިންތަކެއް ހަދައި ވިއްކާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.
އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ މަސައްކަތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކާއި ފަރާތްތަކަށް ކަމަށެވެ. އަދި ކޮންމެ ފަރާތަކަށްވެސް އެންމެ ގިނަވެގެން ޕްރޮޕޯސަލް ހުށަހެޅޭނީ ތިން ބިމަށް ކަމަށާއި ކޮންމެ ބިމަކަށްވެސް ހުށަހަޅަން ޖެހޭނީ ވަކި ޕްރޮޕޯސަލެއް ކަމަށްވެސް ބުނެފައިވެއެވެ.
އެ ޕްރޮޕޯސަލްތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޑޮލަރުން ހުށަހަޅަންޖެހެއެވެ.
އެޗްޑީސީން ބުނީ، ޕްރީ ޕްރޮޕޯސަލް ބައްދަލުވުން އޮންނާނީ ޒޫމް މެދުވެރިކޮށް މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ.
އަދި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ނަމަ، އަންނަ ޖޫން މަހުގެ 6 އިން 23 އަށް ހުށަހެޅޭނެ ކަމަށާއި ނޫން ނަމަ ޖޫން މަހުގެ 23 ވަނަ ދުވަހު އެޗްޑީސީގެ އިމާރާތުގައި ހުންނަ އެގްޒިބިޝަން ސެންޓަރަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް ބުންޏެވެ.
ޕްރޮޕޯސަލް ހުޅުވުން އޮންނާނީ ޖޫން 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގައެވެ.
އެޗްޑީސީން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ދެ ސަރަހައްދަކުންނާއި ދެވަނަ ފިޔަވަހީގެ އަށް ސަރަހައްދަކުން ޖުމުލަ 10 ބިމެއްގައި އެޕާޓްމަންޓް ހަދައި ވިއްކާނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ރޭ އިއުލާންކުރީ އޭގެ ތެރެއިން ހަތް ބިމެއްގައި އިމާރާތް ހަދަން ބޭނުންވާ ބަޔަކު ހޯދުމަށެވެ.
ހުޅުމާލޭގައި ހަދާ އެ އެޕާޓްމަންޓުތައް ވިއްކަން ވާނީ އެޗްޑީސީން ކަނޑައަޅާ ވަކި އަގުތަކެއްގައި ކަމަށާއި ދެ ކޮޓަރީގެ ބައެއް އެޕާޓްމަންޓުތައް 1.5 މިލިއަން ރުފިޔާއަށް އަދި ތިން ކޮޓަރީގެ ބައެއް އެޕާޓްމަންޓުތައް 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށް ނުވިއްކޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މީގެ އިތުރުން އެޕާޓްމަންޓުތަކުގައި ދިރިއުޅޭ މީހުންނަށް ޕާކިން ޖާގަތަކެއް ތަރައްގީކުރަންޖެހޭ އިރު، ކާރު ޕާކުކުރަން ޖާގަ ވިއްކުމަށް އޮންނަ އަގަކީ ފޫޓަކަށް 1،000 ރުފިޔާއެވެ.
އެޕާޓްމަންޓުތަކުގެ މަސައްކަތް ކުރަންވާނީ އެޗްޑީސީގެ ގައިޑްލައިނާއި ޕްލޭނިން މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށެވެ. އެޗްޑީސީން ބުނެފައިވަނީ އެޕާޓްމަންޓް ހެދުމުގެ ބީލަންތައް ކާމިޔާބު ކުރާ ފަރާތްތަކުން އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެޕާޓްމަންޓުތައް މާކެޓުކޮށް ޕްރޮމޯޓް ނުކުރުމަށްވެސް އަންގާ ކަމަށެވެ.
އޭގެ އިތުރުން ބުކިން ފީ ފަދަ އެއްވެސް ފައިސާއެއް އެޕާޓްމަންޓް ގަންނަ ފަރާތެއްގެ އަތުން ނެގުމުގެ ކުރިން އެޗްޑީސީން ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އެއް ފަރާތަކަށް އެއް އެޕާޓްމަންޓަށް ވުރެ ގިނަ އެޕާޓްމަންޓް ނުވިއްކުމަށްވެސް އެޗްޑީސީން ވަނީ އަންގައިފައެވެ.