ދެ ދޯންޏެއް ކައިރިކޮށްގެން އުޅެނިކޮށް، އެ ދެ ދޯނި ދޭތެރޭގައި ފިތިގެން މީހަކު މަރުވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ މ. ކޮޅުފުށި ކައިރީގައި ދެ ދޯންޏެއް ކައިރިކޮށްގެން އުޅެނިކޮށް، އެ ދެ ދޯނި ދޭތެރޭގައި މީހަކު ފިތިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:41 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި ފިތުރު މީހާއަށް ފަރުވާ ދިނުމަށް މ. މުލި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި މަރުވެފައިވަނީ ދިވެހި ފިރިހެނެކެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.