މާލޭގެ މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި ކުރިން ހައްޔަރުކުރި ހަސަން ޒިޔާދު ބަރަހަނާ ހާލުގައި މޫދުގައި އޮއްވައި ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލައިފި އެވެ.

“ވަން”އަށް އެނގިފައިވާ ގޮތުގައި ފުލުހުން ޒިޔާދު ހައްޔަރުކުރީ މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ބަރަހަނާ ހާލުގައި މަސްވެރިންގެ ޕާކު ސަރަހައްދުގެ މޫދަށް އެރި އޮއްވައެވެ. އެ މައްސަލައިގައި ޒިޔާދު ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ހޯދުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ދިއުމުން ބަންދަށް ދިނީ 15 ދުވަހެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ޒިޔާދުގެ ބަންދުގެ މުއްދަތު މި މަހުގެ ހަތް ވަނަ ދުވަހަށް ހަމަވިއިރުވެސް ބަންދާ މެދު އިތުރު ގޮތެއް ނިންމަން ފުލުހުން އޭނާ ކޯޓަށް ހާޒިރުު ނުކުރާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލާ "ވަން" އިން ސުވާލުކުރުމުން ވިދާޅުވީ، ޒިޔާދުގެ ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލި ނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ދޫކޮށްލި ސަބަބެއް ވިދާޅެއް ނުވެއެވެ.

ޒިޔާދަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މިސްކިތަށް ވަދެ ހަތިމަކަށް ކުޅުޖެހި މައްސަލައިގައިވެސް އޭނާ ހައްޔަރުކުރިއެވެ. އަދި އިސްލާމީ މަރުކަޒުގެ އެތެރެއަށް ކުޑަކަމުދިޔަ މައްސަލައެއްގައިވެސް ހައްޔަރުކުރިއެވެ.

މިސްކިތަށް ކުޑަކަމުދިޔަ މައްސަލައިގެ ތުހުމަތުގައި ޒިޔާދު ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނެފައިވަނީ، އޭނާއަކީ ބައިޕޯލާ ހުންނަ މީހެއް ކަމަށެވެ. ފުލުހުންވެސް ފަހުން ބުނެފައިވަނީ ޒިޔާދަކީ ނަފުސާނީ މައްސަލަ ހުންނަ މީހެއް ކަމަށާއި އެކަމުގެ ފަރުވާއަށް އޭނާގެ އާއިލާގެ ފަރާތުން އެހީތެރިކަން ނުލިބޭ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ބެލިބެލުމުން ޒިޔާދަކީ ނަފުސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މިސްކިތަށް ކުޑަކަމުދިޔަ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވިއެވެ. ނަމަވެސް އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެ ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.