އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމާއި، ވޯޓުލާ މަރުކަޒުގައި ކަންކަން ހަމަޖެހިފައިވާ އުސޫލުތައް އެ ޕާޓީން އާންމުކޮށްފިއެވެ.

އެމްޑީޕީން ނެރުނު އުސޫލުގައިވާ ގޮތުން ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލުމަށްފަހު، އޭނާ ވޯޓުލާން ދިޔަ މަރުކަޒުގައި މަޑުކުރުން މަނާވާނެއެވެ. އަދި ކެމްޕޭންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ކުރުން ވެސް މަނާވާނެއެވެ. މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް ވޯޓުލާން މެނުވީ ވޯޓުލާ މަރުކަޒަށް ވަނުމާއި އެތަނުގައި މަޑުކުރުން ވެސް މަނާވާނެއެވެ.

ވޯޓުލުމަށްފަހު ކަރުދާސްކޮޅުގައި ޖަހާ ފާހަގަ އެއްވެސް މީހަކަށް ދެއްކުން މަނާއިރު ވޯޓު ކަރުދާސްކޮޅު ހިފައިގެން ވޯޓުލާ މަރުކަޒުން ބޭރަށް ނުކުތުން ވެސް މަނާވާނެއެވެ.

އިންތިހާބުގައި ވޯޓުލާ ނިމޭތާ 15 މިނިޓު ތެރޭގައި ވޯޓު ގުނަން ޖެހޭނެ ކަމަށް އުސޫލުގައި ބަނީ ބަޔާންކޮށްފައެވެ. އެއަށްފަހު ވޯޓުލާ މަރުކަޒުގައި ނަތީޖާ އާންމުކުރަން ވަނީ ހަމަޖެހިފައެވެ.

  • ގަވާއިދާ ހިލާފަށް ދީފައިވާ ވޯޓުކަން އެނގޭ ވޯޓު
  • އެއްވެސް ފާހަގައެއް ޖަހާފައި ނުވާ ވޯޓު
  • އިންތިހާބުކުރަން ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައިވާ ވޯޓު
  • އިންތިހާބާ ބެހޭ ކޮމިޓީން ތައްޔާރު ކޮށްފައިވާ ވޯޓު ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު
  • ރަނގަޅު ފާހަގަ ފިޔަވައި އެހެން ފާހަގަ ޖަހާފައިވާ ވޯޓު
  • މިނޫންވެސް ޕާޓީގެ އެހެން ގަވާއިދެއްގައި ބާތިލު ވޯޓު ކަމަށް ކަނޑައަޅާފައިވާ ވޯޓު

އުސޫލުގައިވާ ގޮތުން ބާތިލު ވޯޓެއް ކަމަށް ކަނޑައެޅުމުގައި ވޯޓު ގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ޝަކުވާ ކުރުމުގެ ހައްގު ވޯޓު ގުނާ ތަނުގައި ހާޒިރުވެ ހުންނަ ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުގެ މަންދޫބަށް ލިބޭނެއެވެ. އަދި ބާތިލު ވޯޓެއް ކަމަށް ކަނޑައެޅުމުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެމަރުކަޒަށް އިންތިހާބާބެހޭ ކޮމިޓީން އައްޔަން ކޮށްފައިވާ އިސްމީހާ ކަމަށް ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މިމަހުގެ 14 ވަނަ ދުވަހު ބާއްވާ އިރު އެ ޕާޓީގެ އަންހެނުން ރޫހުގެ ރައީސާ ހޮވުމުގެ އިންތިހާބުވެސް އެ ދުވަހު ބާއްވާނެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ދެ ފަޅިއަކަށް ބެހިފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަޅިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އެމަނިކުފާނު ވަރަށް ބޮޑަށް އިތުބާރުކުރައްވާ ބެފުޅެއް ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު އެވެ. އަންހެނުން ރޫހުގެ ރައީސާގެ މަގާމަށް ރައީސް ސޯލިހުގެ ފަޅިން ވާދަކުރައްވަނީ އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ރޮޒެއިނާ އާދަމް އެވެ.

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. އަދި އަންހެނުން ރޫހުގެ ރައީސާގެ މަގާމަށް ވާދަކުރައްވަނީ ސަފާތު އަހުމަދު އެވެ.

އެމްޑީޕީން މިއަހަރަށް އެ ޕާޓީގެ ކޮންގްރެސް ތާވަލުކޮށްފައިވާއިރު ރައީސް ނަޝީދު ގާނޫނުއަސާސީއަށް ގެންނަވަން ހުށަހަޅުއްވާ ބަދަލުތަކާމެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގައެވެ. އެ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ އަލަށް އިންތިހާބުކުރާ ޗެއާޕާސަން އެވެ.