ޚަބަރު

ފިލައިގެން ހިނގައިދާނެ ކަމަށްބުނެ ދައުލަތުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: އައްމަޓީ

ހުޅުމާލޭގައި ފްލެޓް އަޅަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި މައްސަލައިގައި، ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު، ވ. ތިނަދޫ ރެޑް ހައުސް އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި މައްސަލަ، ހައިކޯޓުން ބޭރުކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެ މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައަކީ ހިޔާނާތުގެ ގިނަ މައްސަލަތަކެއް އައްމަޓީއަށް ކުރަމުންދާތީ، އެ މައްސަލަތައް ނިމެންދެން އޭނާ ބަންދުކުރުމަށް ހުށަހެޅުމުން، އެކި ފަހަރު މަތިން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލި މައްސަލައެކެވެ. އޭނާ ބަންދުން ދޫކޮށްލާ ކޮންމެ ފަހަރަކު ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން އޭނާ ބަންދު ކުރެއެވެ.

ނަމަވެސް ތިންވަނަ ފަހަރަށް އައްމަޓީ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން، މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު އަމުރު ކުރިއެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ އެމަހުގެ 23 ވަނަ ދުވަހުއެވެ.

އެފަހަރު އައްމަޓީ ދޫކޮށްލީ، އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށެވެ. ނަމަވެސް އެފަހަރު އައްމަޓީ ދޫކޮށްލައިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ، އިޖުރާއީ ގޮތުން ބެލެން ނެތްކަމަށް ކަނޑައަޅައި އެކޯޓުން ބޭރުކޮށްލިއެވެ.

އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ އިސްތިއުނާފުގެ މައްސަލައަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 25 ގައެވެ. ސުޕްރީމް ކޯޓުން ހުކުމް ކުރީ އައްމަޓީގެ މައްސަލަ ވެސް ހައި ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ހައިކޯޓިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި، އޮތީ ދައުލަތުން މައްސަލަ ހުށަހެޅުމާއި ދިފާއުން ޖަވާބު ދިނުމެވެ. ދައުލަތުން މައްސަލަ ހުށަހެޅީ މައިގަނޑު ދެ ނުކުތާއެއްގެ މައްޗަށެވެ.

އެގޮތުން އައްމަޓީގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ އެއްލައްކަ ރުފިޔާއަށްވުރެ މަތީ އަގުތަކެއްގެ ދައުވާތަކަކަށްވާ އިރު، އެ ދައުވާތައް ހިމެނޭނީ ޖިނާއީ ބޮޑު މައްސަލަތަކުގެ ތެރޭގައި ކަމަށާއި އެއީ އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ މައްސަލައެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އައްމަޓީއަކީ މާލީ މުއާމަލާތްތަކާ ގުޅުންހުރި، ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި އޭނާއާ ގުޅިގެން ޗެކް ބައުންސް މައްސަލަތައް މީގެކުރިން ފެންމަތިވެފައިވާ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުން ފަނޑިޔާރަށް ލިބޭ އިހުތިޔާރަކީ މުތުލަގަށް ދޫކޮށްފައި އޮތް އިހުތިޔާރެއް ނޫން ކަމަށާއި ކަންކަން ނިންމާއިރު، ކުށުގެ ބާވަތާއި ކުޑަބޮޑު މިނަށް ރިއާޔަތް ކުރައްވަންޖެހޭނެ ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

މީގެ އިތުރުން ޕާސްޕޯޓް ހިފެހެއްޓުމަށްފަހު ފުރުން މަނާކޮށް، އައްމަޓީގެ މައްޗަށް ކޯޓް އަމުރު ނެރެފައި އޮތް ނަމަވެސް، ވަލުދޮރޯށިން ނުވަތަ އެހެން ގޮތަކުން ނަމަވެސް ދައުލަތުގެ ނިޒާމަށް އެނގުމަކާނުލައި، ފިލައިގެން ދިއުމުގެ ފުރުސަތު އައްމަޓީއަށް އެބައޮތް ކަމަށެވެ. އަދި މީގެ ކުރިން ވެސް އައްމަޓީއަކީ އިންޓަނޭޝަނަލް އެރީނާގެ ތެރޭގައި ފިލައިގެން އުޅުނު މީހެއް ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

އައްމަޓީ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމެއް، ހައިކޯޓުން ބާތިލްކޮށް އޭނާ ބަންދު ކުރުމަށް 15 ނޮވެމްބަރު 2021 ގައި ކުރި އަމުރަށް ރިއާޔަތް ކުރައްވައި ދެވަނަ ނުކުތާއެއްގެ ގޮތުގައި ދައުލަތުން ވިދާޅުވީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށެވެ. އެގޮތުން ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކަމަށެވެ. އަދި އޭނާ އަލުން ބަންދު ކުރުމަށް ހައިކޯޓުން ކުރި ހުކުމް ދައުލަތުން ފާހަގަ ކުރެއްވިއެވެ.

ދައުލަތުން ވިދާޅުވީ އައްމަޓީގެ ބަންދާމެދު ކުރިމިނަލް ކޯޓުން ނިންމި ނިންމުމުގައި އަމަލުކޮށްފައި ވަނީ، ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ސީދާ ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަކަށް ނޫން ކަމަށެވެ.

އެ ނުކުތާތަކަށް ރިއާޔަތް ކުރުމަށްފަހު، ޝަރުތުތަކާއެކު އައްމަޓީ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ދައުލަތުން ވަނީ އެދިފައެވެ.

ދައުލަތުގެ ހުށަހެޅުންތަކަށް ރައްދު ދެމުން ދިފާއުން ބުނީ ޝަރީއަތަށް ނުފިލާނެކަން ކަށަވަރުކޮށް، ކަމާބެހޭ ފިޔަވަޅުތައް އެޅުމަށްފަހު އައްމަޓީ ދޫކޮށްލެވިދާނެ ކަމަށް ހައިކޯޓުގެ ނިންމުމަށް ބަލާއިރު ދޭހަވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން އައްމަޓީ ބުނީ، އޭނާ ފިލައިގެން ގޮސްދާނެ ކަމަށް ބުނެ ދައުލަތުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާއަކީ އިދާރާތަކަށް އަބަދުވެސް އެއްބާރުލުން ދޭ މީހެއް ކަމަށްވެސް ބުންޏެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.