ލ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

މާދަމާ ރޭ ލ. ފޮނަދޫގައި ފެށުމަށް ތާވަލު ކޮށްފައިވާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕުގެ ގުރުލުން ރޭ ބާއްވާފައި ވަނީ ފޮނަދޫ އިޖުތިމާއީ މަރުކަޒުގައެވެ. އިވެންޓުގައި ލ. އަތޮޅު ޕޮލިސް ކޮމާންޑަރު، އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ޝިބާނާ ހަސަނާއި، ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު އަދި އިސްވެރިން ބައިވެރިވެވަޑައިގެންފައިވާ އިރު، ޓީމުތަކުގެ އޮފިޝަލުންވެސް ބައިވެރިވެފައިވެއެވެ.

މުބާރާތުގައި 10 ޓީމަކުން ވާދަކުރާ އިރު، ޓީމުތައް ބަހާލައިފައި ވަނީ ދެ ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ހިމެނޭ އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާނެއެވެ. ކޮންމެ ގްރޫޕަކުންވެސް ސެމީ ފައިނަލަށް ދެޓީމު ދާ އިރު، މުބާރާތުގެ މެޗުތައް އޮންނާނީ ރޭގަނޑުގައެވެ. އަދި މުބާރާތުގެ ފައިނަލް ތާވަލު ކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރެއަށެވެ.

ގްރޫޕް އޭ: ސެންޓްރަލް އޭރިއާ ވެޓްރަންސް، މާހިންނަ އެސްސީ، ލ. ގަން ޕޮލިސް، ތުނޑި އޯލްޑް ބޯއީސް، އޭލިއަން

ގްރޫޕް ބީ: ކިއުއެމް ސްޕޯޓްސް، ޓީމް މާވަށް، އައުޓްރީފް އެސްސީ، އެފްއެމްއެސްސީ، ޓީމް ޖޭމް

މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ލ. ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.

ލީޑް ވެޓްރަންސް ފުޓްސަލް ޓޯނަމެންޓް 2022ގެ ޓައިޓަލް ސްޕޮންސަރަށް "އަމް މުދިޝް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް އަދި ފޮނަދޫ ކައުންސިލެވެ. އޯގަނައިޒިން ޕާޓްނަރަކީ ލ. އެޓޯލް ޕޮލިހެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ޝަބްނަމީ ހޯލްޑިންގްސް އެވެ.

ލޮޖިސްޓިކްސް ޕާޓްނަރަކީ ދިވްޒޯން ލާމެވެ. ގްރެފިކްސް ޕާޓްނަރަކީ އެކްސްވަޓައިސް އެވެ. ކޮފީ ޕާޓްނަރަކީ ލ. ފޮނަދޫގެ ދި ޖޭމް ކިޗަން ރެސްޓޯރަންޓެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. އޮފިޝަލް ކިޓް ޕާޓްނަރަކީ މަޅި އެމްވީއެވެ. ލައިވް ޕާޓްނާއަކީ "ބިގޭ ޓީވީ" އެވެ.