ދުނިޔެ

އަދުގެ ދުނިޔެ: އިޒްރޭލުގެ ކުލީ ސިފައިން ޔުކްރޭނުގައި ހަނގުރާމަކުރަމުންދާ ވާހަކަޔަކީ ތެދެއްތަ؟

އިމާދު ލަތީފު

ޖަރުމަންވިލާތުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަކީ ޔަހޫދީއެއް ކަމަށް ނުވަތަ ޔަހޫދީ ލޭ ހިނގި މީހެއް ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ދާދިފަހުން ވިދާޅުވި ވިދާޅުވުމާ ގުޅިގެން އިޒްރޭލާއި ރަޝިޔާގެ ގުޅުން ވަނީ ވަރަށްވެސް ގޯސްވެފައެވެ. އެއްބަޔަކު އަނެއްބައެއްގެ ސަފީރު އެތަނުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް ޝަކުވާކޮށް މައްސަލަ ޖެއްސުމާއި އެކިއެކި ފޯރަމްތަކުގައި އަރައިރުންވުމުގެ ސިލްސިލާއެއް ވަނީ ފެށިފައެވެ. މިކަން މިމަގުން ހިނގަމުންދަނިކޮށް މައްސަލަ އިތުރަށް ހޫނުވެދާނޭ ވަރަށް ސީރިއަސް ތުހުމަތެއް ރަޝިޔާއިން މިހަފުތާ ތެރޭގައި ވަނީ ކޮށްފައެވެ. އެ ތުހުމަތަކީ ޔުކްރޭނު ސިފައިންނަށް ވާގިވެރިވެ ރަޝިޔާ ސިފައިންނާއި ކުރިމަތިލައި ރަޝިޔާއަށް ވީހާވެސް ބޮޑު ގެއްލުންތަކެއް ދިނުމަށް އިޒްރޭލުގެ ކުލީ ސިފައިން ޔުކްރޭނުގައި ހަރަކާތްތެރިވަމުންދާ ކަމުގެ ތުހުމަތެވެ.

ރަޝިޔާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ބުދަދުވަހު ވިދާޅުވެފައިވަނީ ޔުކްރޭނުގެ ހައްދުފަހަނަޅާފައިވާ އަޒޯފް ރެޖިމަންޓުގެ ހަނގުރާމަވެރިންނާއެކު އިޒްރޭލުގެ ކުލީ ސިފައިންގެ އެތައްހާސް ބަޔަކު ހަރަކާތްތެރިވަމުން އެބަގެންދާ ކަމުގައެވެ. އިޒްރޭލުގެ ކުލީ ސިފައިން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދަނީ އަޒޯފް ރެޖިމަންޓުގެ ހަނގުރާމަވެރިންނާ ގުޅިގެން ކޮނޑާއި ކޮނޑު ޖައްސައި އެކަތިގަނޑެއްހެން ކަމުގައެވެ. އެބުނާ އަޒޯފް ރެޖިމަންޓަކީ ކޮބައިބާވައެވެ. އެއީ ރޫސީންނާ ދެކޮޅު ފިކުރުގެ ހައްދުފަހަނަޅާފައިވާ ބައިގަނޑެކެވެ. މިބައިގަނޑު އެންމެ ފުރަތަމަ މަޝްހޫރު ވެގެންދިޔައީ 2014 ވަނަ އަހަރު ޔުކްރޭނުގެ ޑޮންބާސް ސަރަހައްދުގައި ރޫސީ ސިފައިންނާއި ރޫސީންގެ ތާއީދު ލިބޭ ހަނގުރާމަވެރިންނާ ދެކޮޅަށް އަނިޔާވެރި އަމަލުތަކެއް ހިންގާން ފެށި ބައިގަނޑެއްގެ ގޮތުގައެވެ.

އެދުވަސްވަރު އަޒޯފް ރެޖިމެންޓަކީ އަމިއްލަ ލަޝްކަރެކެވެ. ޔުކްރޭނުގެ ރަސްމީ ލަޝްކަރުގެ ބައެއް ނޫނެވެ. އެހެންނަމަވެސް އޭގެފަހުން މި ރެޖިމެންޓް ވަނީ ޔުކްރޭނުގެ ރަސްމީ ސިފައިންނާ އެއްކޮށްލެވިފައެވެ. އެކަމަކު ހަރަކާތްތެެރިވަނީ ވަކި ޑިވިޝަނެއްގެ ގޮތުގައެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ސައުވީސް ވަނަ ދުވަހު ރޫސީ ސިފައިން ޔުކްރޭނުގައި އަސްކަރީ އޮޕަރޭޝަނެއް ފެށުމާއެކުގައި ރޫސީންނާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަނގުރާމަ ކުރަމުން ދަނީ މި ރެޖިމަންޓުގެ މީހުންނެވެ. ޔުކްރޭނުގެ ދެކުނު ބިތުގެ ބަނދަރެެއް ކަމަށްވާ މަރިއުޕޯލްގެ އެކަތަ ކާރުޚާނާއެއްގެ ތެރޭގައި ތިބެގެން ދޫނުކޮށް މިހާރު ރޫސީންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ މީހުންގެ ތެރޭގައިވެސް ގިނައީ އަޒޯފް ރެޖިމަންޓަށް ނިސްބަތްވާ މީހުންނެވެ.

އަޒޯފް ރެޖިމަންޓްގެ ފިކުރާއި ވިސްނުމަކީ ހައްދުފަހަނަޅައި ދިޔުމުގެ ވިސްނުމެއް ކަމަށްވާތީ މި ބައިގަނޑަކީ ފެޝިސްޓް ބައިގަނޑެއް ކަމަށް ވަރަށް ކުރީއްސުރެ ރަޝިޔާއިން އަންނަނީ ސިފަކުރަމުންނެވެ. އަދި މިއީ ނާޒީ ބައިގަނޑެއް ކަމަށްވެސް ބުނަމުންދެއެވެ. މި ބައިގަނޑާއި ގުޅިގެން އިޒްރޭލުގެ ކުލީ ސިފައިންގެ އެތައް ހާސް ބަޔަކު ހަނގުރާމަ ކުރަމުންދާ ކަމަށް ރޫސީން ބުނެފައި އެވަނީ ލޮލުން ދެކި އަތުން ހިފައިފައެވެ. އޭގެ ތެރެއިން އެތައް ބަޔަކު ހިފައި ހައްޔަރުކޮށް ސުވާލުކޮށް ކަންކަން ޔަގީންކޮށްފައެވެ. އެހެންވީމާ އިޒްރޭލުން މިކަން ދޮގުކުރިޔަސް އަދި އެމެރިކާޔާއި ހުޅަނގު ޔޫރަަޕުން މިކަން ދޮގުކުރިއަސް މިއީ ހަގީގަތެކެވެ. އިޒްރޭލުގެ ކުލީ ސިފައިންނޭ އެކިޔަނީ އެމީހުންނަކީ އިޒްރޭލުގެ ސިފައިންގެ ތެރޭގައި އުޅެ ތަޖުރިބާޔާއި ތަމްރީނު ލިބިފައި ތިބި އިޒްރޭލުގެ ބަޔަކަށްވާތީއެވެ.

ޔުކްރޭނުގެ ހައްދުފަހަނަޅާފައިވާ އަޒޯފް ބައިގަނޑާއި ގުޅިގެން އިޒްރޭލުގެ ކުލީ ސިފައިން ހަރަކާތްތެރިވާ ކަމަށް ރޫސީން ރަސްމީކޮށް ބުނި ބުނުމަކީ މިމައްސަލައިގައި އިޒްރޭލާ ދެކޮޅަށް ކޮންމެ ކަމެއް ކުރާން ޖެހުނަސް އެކަމެއް ކުރާން ތައްޔާރުކަން އެންގުމަށްޓަކައި ބުނި ބުނުމެއް ކަމަށް ޔަގީން ކުރެވެއެވެ. ފިލައިގެން ތިބުމުގެ ބޭނުނެއްނެތޭ އެންގުމުގެ ގޮތުންނެވެ. ހިޓްލަރަކީވެސް ޔަހޫދީއެއް ކަމަށް ޚާރިޖީވަޒީރު ލަވްރޯފް ވިދާޅުވެފައިވަނީ ނާޒީ ފިކުރުގެ ބައިގަނޑަކަށް ވާގިވެރިވެ ރަޝިޔާ ވުޖޫދުންވެސް ފޮހެލުމުގެ ނިޔަތުގައި އިޒްރޭލުގެ އެތައް ހާސް ބަޔަކު ޔުކްރޭނުގައި ހަނގުރާމަ ކުރަމުންދާ ކަމުގެ ސާފު ހެކި ލިބިގެންނެވެ. އެކަމާ ދެކޮޅަށް ފާޅުގައި ތެދުވާން ރޫސީން ތައްޔާރުކަން އިއުލާން ކުރެއްވުމުގެ ގޮތުންނެވެ. ހަމަ ހުންނަވާފައި ވިދާޅުވި ވިދާޅުވުމެއް ނޫނެވެ.

ލަވްރޯފްގެ ވިދާޅުވުމާ ގުޅިގެން އިޒްރޭލު ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މިއީ ރޫސީންނަށް ދުވަހަކު މާފުވެސް ނުކުރާނޭ ކުށެއް ކަމަށް ވަނީ ބުނެފައެވެ. އިޒްރޭލުން މާފުކުރިއަސް ނުކުރިއަސް ރަޝިޔާއިން އެތިބީ އިޒްރޭލުގެ މުނާފިގު ސިފަތަކާމެދު ގޮތެއް ނިންމައިގެންނެވެ. މިދިޔަ އަންގާރަ ދުވަހު ރޫސީ ސަރުކާރުން ވަނީ ރަސްމީކޮށް އިޒްރޭލުގެ މުނާފިގުކަމަށް އިޝާރާތްކޮށް ބަޔާނެއްވެސް ނެރެފައެވެ. ޔުކްރޭނުގެ ރައީސް ޒެލެންސްކީގެ ފެޝިސްޓް ސަރުކާރަށް އިޒްރޭލުން ތާއީދުކޮށް ވާގިވެރިވާ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. މި ބަޔާނުގެ ސައްހަކަން ނުހަނު ބޮޑެވެ. ރައީސް ޒެލެންސްކީ އަކީ ޔުކްރޭނުގެ ޔަހޫދީއެކެވެ. އިޒްރޭލުގެ ބައިވެރިއެކެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅު އުދުވާންތަކަށް ސަޕޯޓްކުރާ މީހެކެވެ. އޭނާގެ މުޝީރުންގެ ގޮތުގައި ތިބީވެސް ޔަހޫދީންނެވެ.