ޚަބަރު

ނަޝީދުގެ ސީރިއަސް ތުހުމަތުތަކެއް އަނދުން ހުސެއިނަށް: ތިބޭފުޅާގެ އަތުގައި ތިވަނީ އަޅުގަނޑުގެ ލޭ

މުހައްމަދު އިޝާން

2

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ރޭވުންތައް ފޮރުވުމުގައި ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ އެއްފަރާތަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދަށް ދިން ހަމާލައަށް މިދިޔަ ހުކުރު ދުވަހު އެއް އަހަރު ވެގެންދިޔަ އިރު، އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުރިއަށްގެންދާ ޝަރީއަތް ލަސްވުމުގެ ކަންބޮޑުވުން ވަނީ އެމްޑީޕީންނާއި ނަޝީދުގެ އާއިލާއިން ފާޅުކޮށްފައެވެ. އަދި ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އެކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ވާހަކަތައް އަލުން ދެކެވެމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާއާ ގުޅޭ ތަހުގީގުގެ ކަންކަން ފޮރުވުމަށް އަނދުން ހުސެއިން އުޅުއްވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭތީ މިދަންނަވަނީ، މިކަން ފޮރުވުމުގައި ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ އަނދުންގޭ ހުސެއިން" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން އަނދުން ހުސެއިން ވަނީ، އެ ބޭފުޅާއަކީ އެފަދަ ކަމެއް ކުރެއްވޭ ވަރުގެ ބޭފުޅެއް ނޫންކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ވިދާޅުވުމުން ރައީސް ނަޝީދު އަނެއްކާވެސް ހުސެއިން އަށް ރައްދު ދެއްވިއެވެ. މިގޮތުން އެއީ ހުސައިން އެކަނި ކުރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅު ނުވާ ކަމަށް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު މަރަލާން ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގަކީ ހަމައެކަނި ހުސައިންގެ ކަމެއް ކަމަކަށް އަޅުގަނޑު ވެސް ނުދެކެން،" ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ދެ ވަނަ ފަހަރަށް ނަޝީދުގެ އެ ތުހުމަތުތަކަކަށް އިންކާރު ކުރައްވައި އަނދުން ހުސެއިން ވިދާޅުވީ، މީހުންގެ ބޮލުގައި ކަންކަން އަޅުއްވާއިރުވެސް ހައްދެއް އޮންނަންވާނެ ކަމަށާއި އެއީ ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރުމުން އަޅުއްވަން ޖެހޭ ބަދުނާމެއް ނޫން ކަމަށެވެ. އަނދުން ހުސެއިންގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު އަނެއްކާވެސް ވަނީ ރައްދުދެއްވައިފައެވެ.

"މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއްބޭފުޅަކީ ތިބޭފުޅާ އާއި އާރުކާޓީ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ވާހަކަތައް އެމަނިކުފާނު ދައްކަވަނީ ކަންކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން ތަހުގީގު ފޮރުވަން މަސައްކަތް ކުރާ ކަމަށާއި އެކަމަށް ހުސައިން އެއްބާރުލުން ދެއްވާ ކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"ހުސައިންގެ އަމިއްލަ އަތަށް ރަނގަޅަށް ބަލައިލާ، ހުސައިންގެ އަތުގައި މިހާރު ކޭއްތިފައި ތި ހުރީ އަޅުގަނޑުގެ ލޭ، ތިޔަ ބޭފުޅުންގެ އަތުގައި މިހާރު ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ،" ނަޝީދު ފޮނުއްވި މެސެޖްގައިވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލާފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ ހަ ވަނަ ދުވަހުއެވެ. އެ ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެ އަނިޔާތަކަށް އެންމެ ފުރަތަމަ ފަރުވާ ކުރެއްވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ ފަހުން ވަނީ ޖަރުމަނުންނާއި އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވައިފައެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި މުހައްމަދު އަދުހަމަށެވެ. ކުށަށް އިއުތިރާފްވުމުން އޭނާ މައްޗަށް ކުށް ސާބިތުވެ، 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟