މަސްވެރިކަން ކުރިއަރުވަން މި ސަރުކާރުން ކުރާ މަސައްކަތްތައް ކުރިއަށްގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު، އިސް ކެޔޮޅުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދެކުނުގެ މަސްވެރިންނާއެކު ރައީސް ސޯލިހު މިއަދު ބޭއްވި ބައްދަލުކުރެއްވުގައި މަސްވެރިންގެ ފަރާތުން ވަނީ މަސްވެރިކަމަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފައެވެ.

އެ ބައްދަލުވުމުގައި މަސްވެރިން ވަނީ މަސްވެރި މޫސުމުގައި ބާނާ މަސްކިރޭނެ ގޮތްނުވުމާއި ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާ ގުޅިގެން މަސްތައް ހަލާކުވުމާއި މަސް ބާނާ ސަރަހައްދުން މަސްކިރަންދާންޖެހޭ ސަރަހައްދަށް ދިއުމަށް ދިގު ދަތުރެއް ކުރަންޖެހޭތީ ދިމާވާ ދަތިތައް ހިއްސާކޮށްފައެވެ.

މީގެ އިތުރުން މަސްވެރިން ވަނީ ދުރަށް ދުއްވަންނުޖެހި މަސްކިރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި ފަރެސްމާތޮޑާ ސަރަހައްދުގައި މަސްފެކްޓްރީއެއް ހެދުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މަސްވެރިންނަށް ހުރި ދަތިތައް ހައްލުކޮށް މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް މި ސަރުކާރުން މިހާރުވެސް ފަށައިގެން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށާއި އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ.

މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު އިސް ކެޔޮޅުންގެ ހިޔާލާއި މަޝްވަރާއާއެކުކަން ފާހަގަކުރައްވައި ރައީސް ވަނީ މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ހައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.