ސިވިލް ސާވިސްގެ ސީނިއާ މެނޭޖްމަންޓުގައި އަންހެން މުވައްޒަފުން ގިނަ ނުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފަށައިފިއެވެ.

އެ ކޮމިޝަނުން އަންނަނީ ސިވިލް ސާވެންޓުންގެ ފަރާތުން އެ މައުލޫމާތު ހޯދައި، އެއްކުރުމަށް އޮންލައިން ސާވޭއެއް ކުރިއަށް ގެންދަމުންނެވެ.

އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެ ސާވޭގައި، ސަރުކާރުގެ މުވައްޒަފެއް ނަމަ ވަޒީފާގައި ދެމިހުންނަން ނުވަތަ ކުރިއަށް ދިއުމުގައި ދިމާވާ ގޮންޖެހުންތައް ބަލާނެއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސަރުކާރު މުވައްޒަފުންގެ ގޮތުގައި 26،000 ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރެއިން 62 ޕަސަންޓް ހިއްސާކުރަނީ އަންހެނުންނެވެ.

ރާއްޖޭގެ އާބާދީގެ 49 ޕަސަންޓް އަންހެނުން ހިއްސާކުރާ އިރު، އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި، އަންހެނުން ބާރުވެރިކުރުވަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ 33 ޕަސަންޓު ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.