ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހާގެ ގޮތުގައި ހުރި ޖަޕާނުގެ ކާނޭ ޓަނަކާ ހުސްވި އެޕްރީލް މަހުގެ 19 ވަނަ ދުވަހު އުމުރުން 119 އަހަރުގައި މަރުވުމާ ގުޅިގެން މިހާރު ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާގެ ރިކޯޑް ފްރާންސްގެ އަންހެނަކަށް ލިބިއްޖެއެވެ. ލުސިލް ރެންޑޮންގެ އުމުރަކީ 118 އަހަރެވެ.

ލުސިލްއަކީ ފައްޅީގެ ޚާދިމެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ސިސްޓަރ އަންދްރޭގެ ނަމުންނެވެ. ދުނިޔޭގެ އުމުރުން އެންމެ ގިނަ ދުވަސްވީ މީހާގެ ރިކޯޑު ލިބުމުގެ ކުރިން އޭނާއަށް އެހެން ރިކޯޑެއްވެސް ލިބިފައިވެއެވެ. އެއީ ކޮވިޑު ޖެހިފައި ސަލާމަތްވި އުމުރުން އެންމެ ދުވަސްވީ މީހާގެ ރިކޯޑެވެ. ކޮވިޑު ޖެހުމަށް ފަހު ދެތިން ހަފުތާ ތެރޭގައި ސިސްޓަރ އަންދްރޭގެ ސިއްހަތު އޭނާއަށް އަލުން ވަނީ ލިބިފައެވެ. އެވާހަކަވެސް ނޫސްތަކުގެ ސުރުޚީއަށް އެރިއެވެ.

މިއަހަރުގެ ކުރީކޮޅު ސިސްޓަރ އަންދްރޭއަށް 118 އަހަރު ފުރުމާ ގުޅިގެން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވަނީ އޭނާއަށް ޚާއްސަ ހަދިޔާއަކާއެކު ސިޓީއެއްވެސް ލިޔުއްވައިފައެވެ. ރައީސް މެކްރޯނަކީ އޭނާގެ ހަޔާތުގައި ފްރާންސްގެ 18 ވަނަ ރައީސެވެ.

ފައްޅީގެ ޚާދިމަކަށް ނުވަތަ ނަން އަކަށް ވުމުގެ ކުރިން ސިސްޓަރ އަންދްރޭ ވަނީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައެވެ. ފުރަތަމަ ބޮޑު ހަނގުރާމަޔާއި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އަނިޔާވި މީހުންނަށް ފަރުވާ ކުރުމާއި އެހީވުމުގައި އުޅުނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔަތީމު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި 28 އަހަރު ހޭދަކުރިއެވެ.