އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސާވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 40 މުވައްޒަފަކު އިންޑިއާއަށް އިއްޔެ ހަވީރު ފުރައިފިއެވެ.
މެއި 9 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރި ވުމަށް ދިޔަ މުވައްޒަފުންގެ ތެރޭގައި މިނިސްޓްރީތަކާއި، ސުކޫލްތަކާއި ކައުންސިލް އިދާރާތަކުގެ މެނޭޖިރިއަލް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ.
"ޓްރެއިނިން ޕްރޮގްރާމުން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި އިންޑިއާގެ ސިވިލް ސާވިސް އާ ބެހޭގޮތުންނާއި، އިގްތިސާދީ، އިޖްތިމާއީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ސިވިލް ސާވިސްގެ ދާއިރާގައާއި ސަރުކާރު ހިންގުމުގައި އިންޑިއާގެ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރެވިގެންދާ ގޮތަށް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.
މިއީ، ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަނާއި އެން.ސީ.ޖީ.ޖީ އާއެކު 2019 ވަނަ އަހަރު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާއަށް ދިޔަ 11 ވަނަ ބެޗެވެ. މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ސަމީރު އެވެ.
މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރާ މައި މަރުކަޒެވެ. އަދި ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދެވޭނީ ދިއްލީގައެވެ. މީގެ އިތުރުން މި ދަތުރުގައި މަސޫރީ އަދި ދިއްލީގެ ސަޤާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކޮށް، ދެ ޤައުމުގެ ސަޤާފީ ހަރަކާތްތަކެއް ދައްކުވައިދޭ ހަފްލާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު