ފިލިޕީންސްގައި މިމަހު ނުވަވަނަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވާނެއެވެ. ޚިޔާލު ހޯދުންތަކުން ދައްކާގޮތުން މި އިންތިޚާބު ކާމިޔާބު ކުރައްވާނީ ފާޑިނާންޑް މާކޯސް ޖޫނިއަރ އެވެ. އުމުރުފުޅުން 64 އަހަރުވީ މާކޯސް ޖޫނިއަރ އަކީ ކޮން ބޭފުޅެއް ބާވައެވެ. އެއީ ވިހި އަހަރަށް ގައުމުގެ ވެރިކަންކޮށް ގައުމުގެ ޚަޒާނާ ދޮވެލައިގެން މީގެ 36 އަހަރު ކުރިން ފިއްލެވި ރައީސް ފާޑިނާންޑް މާކޯސް ސީނިއަރގެ ހަމައެކަނި ދަރިކަލުންނެވެ. ގަރުނުގެ ބޮޑު ވަގުންގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވި ރައީސް މާކޯސް އާއި އޭނާގެ އަނބިކަނބަލުން އިމެލްޑާ މާކޯސްގެ ދަރިކަލުންނެވެ. މި ދަރިކަލުން ފިލިފީންސްގެ ރިޔާސަތަށް އިންތިޚާބުކޮށްފިނަމަ މާކޯސްގެ އާއިލާއިން ލޫޓުވާލި ފައިސާތައް ހޯދަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ދެންވާނީ ކިހިނަކުން ބާވައެވެ؟

ވެރިކަމުގައި ހުރެގެން މީހަކާއި އޭނާގެ އާއިލާއިން ގައުމު ދަވާލައި ޚަޒާނާ ހުސްކުރިގޮތުގެ މިސާލެއް ދައްކަންޏާ ދުނިޔޭގެ ގިނަ ބަޔަކު މިއަދުވެސް މިސާލެއްގެ ގޮތުގައި ނަގާނީ ފިލިޕީންސްގެ ފާޑިނާންޑް މާކޯސް އާއި އޭނާގެ އަނބިކަނބަލުން އިމެލްޑާ މާކޯސް އާއި އެ ދެކަނބަލުންގެ ބޭފުޅުންގެ ކޮރަޕްޝަނެވެ. ޚުދުމުޚުތާރުކަމުގެ ލާމަސީލު ސިފަތައް ދައްކަވަމުން ދަގަނޑު އަތްޕުޅަކުން ފާޑިނާންޑް މާކޯސް 1965 ވަނަ އަހަރުން ފެށިގެން 1986 ވަނަ އަހަރާ ހަމަޔަށް ފިލިޕީންސްގައި ވެރިކަން ކުރެއްވިއެވެ. ވެރިކަމުގައި އޭނާ ހޭދަކުރެއްވި ވިހި އަހަރުގެ ތެރޭގައި މަދުވެގެން ދިހަ ބިލިޔަން ޑޮލަރު ގައުމުގެ ޚަޒާނާއިން ނަންގަވައި އަމިއްލަ ކުރައްވައިފައިވެއެވެ. މިކަމުގައި ރައީސް މާކޯސްއަށް ވުރެވެސް ކުރީގައި ތިއްބެވީ އަނބިކަނބަލުން އިމެލްޑާ އާއި ބޭފުޅުންނެވެ.

މާކޯސްމެންގެ މުއްސަނދިކަން ފުފެމުން ދުނިޔޭގެ އެކި ގައުމުތަކުގެ ބޭންކުތަކުގައި އެއާއިލާއިން ހުޅުވާފައިވާ އެކައުންޓުތަކުގައިވާ ފައިސާގެ އަދަދުގެ ފަހަތަށް ހަލުވިކަމާއެކު ބަރިބަރިޔަށް ސުންތައް އިތުރުވަމުން ދިޔައިރު ރައްޔިތުންގެ ފަގީރުކަމާއި ކެކުޅުންތައް ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުން މަރާލިޔަސް ހެޔޮކަމަށް ނިންމައިގެން ރައްޔިތުން ނުކުމެ ހަޅުތާލުތައް ފަށައި ސިފައިންގެ ގިނަ ބަޔަކުވެސް ރައްޔިތުންގެ ފަޅިޔަށް އެރުމުން މާކޯސްގެ އާއިލާ އަވަސްގޮތަކުން ގައުމުދޫކޮށް ފިލައިގެން އެމެރިކާއަށް ހިޖުރަކުރީއެވެ. އެތައް ސަތޭކަ ފޮށްޓަކާއެކުގައެވެ. އެފޮށިތަކުގައި ހުރީ ޑޮލަރާއި ޖަވާހިރާއި އިހުޒަމާނުގެ އަގުބޮޑު ކުރެހުންތަކެވެ. ރައީސް މާކޯސް ފިއްލެވުމުން ދެން ރައްޔިތުން އިންތިޚާބުކުރި ވެރިޔަކީ ކޮރޭޒަން އަކީނޯއެވެ.

ކޮރޭޒަން އަކީނޯގެ ވެރިކަމުގައި އެންމެ އަވަސްވެގަތީ މާކޯސްގެ އާއިލާއިން ވަގަށް ނެގި ފައިސާތައް އަނބުރާ ހޯދުމަށެވެ. މިކަމަށްޓަކައި އުފެއްދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ގުޑް ގަވަރމަންޓް، ޕީސީޖީޖީގެ މަސައްކަތް އަދިވެސް ނުނިމެއެވެ. ފާއިތުވެގެންދިޔަ 36 އަހަރުގެ ތެރޭގައި އެކި ގޮތްގޮތުން އަލުން ގައުމުގެ ޚަޒާނާޔަށް ވެއްދުނީ ލޫޓުވާލިކަމަށް އަންދާޒާ ކުރެވޭ ދިހަ ބިލިޔަން ޑޮލަރުގެ ތެރެއިން ހަތަރު ބިލިޔަނަށްވުރެވެސް މަދު މިންވަރެކެވެ. ބޮޑުބައި ހޯދުން އަދިވެސް ކުރިޔަށް އޮތީއެވެ. ގައުމުން ފިއްލެވިތާ މާގިނަ އަހަރުތަކެއް ނުވެ 1989 ވަނަ އަހަރުގެ ތެރޭގައި ރައީސް މާކޯސް ވަނީ އެމެރިކާގެ ހަވާއީގައި އަވަހާރަވެފައެވެ. އޭނާ އަވަހާރަވުމާއެކު ހުރިހާ ބޭފުޅުންނާއިގެން އަނބިކަނބަލުން އިމެލްޑާ ވަނީ އަލުން ފިލިޕީންސަށް ވަޑައިގެންފައެވެ.

މާކޯސްގެ އާއިލާއިން ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންނެވި އެއްވެސް ބޭފުޅަކު ނެތެވެ. އިމެލްޑާ އާއި ހުރިހާ ބޭފުޅުންގެ މައްޗަށްވެސް ބަރިބަރިޔަށް ދައުވާތައް އުފުލިފައިވެއެވެ. އިމެލްޑާގެ އެތައް ހާސް ޖޯޑު ފައިވާނަކީ ކޮރަޕްޝަނުގެ ރަމްޒުކަމަށް ބެލެވޭތީވެސް ތޯއްޗެކެވެ. އެކަމަނާގެ މައްޗަށް ހުކުމެއް އައެވެ. އެކަމަކު ޖަލަށް ލެވޭނޭ ދުވަހެއް ނާދެއެވެ. އުމުރުފުޅުން 92 އަހަރުވީ އިމެލްޑާ އެހުންނެވީ ކުރައްވާނޭ ކަމެއް ކުރައްވަން މިނިވަންކަންމަތީގައެވެ. ފިލިފީންސްގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ ގޮނޑިއަކަށް ރައްޔިތުން އެކަމަނާ އެތަކެއް ފަހަރު ހޮވައިފިއެވެ. އެއްކަލަ ދަވައިލުންތަކާއި މެރުންތަކާއި އަގުބޮޑު ފައިވާން ޖޯޑުތަކުގެ ހަނދާން ހުރި މީހަކުވެސް މިހާރު ނެތް ކަހަލައެވެ. އެވާހަކަ ދައްކާ ބަޔަކުވެސް ނެތެވެ.

ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިހާރު ގަބޫލުކުރާ ކަމަށް ފެންނަނީ އާއިލާއިން ފަތުރާ ވާހަކަތަކެވެ. އާއިލާގެ މޫނުމަތި ރީތިކޮށް ގިރިޓީ ކުރުމަށްޓަކައި ވަރަށް ފައްކާ ކެމްޕޭނެއް މީސްމީޑިއާގައި ކުރިއަށްދެއެވެ. އާއިލާއިން ބުނާގޮތުގައި އެމީހުން ވައްކަމެއް ނުކުރެއެވެ. ދައުލަތުން ލޯލާރިއެއްވެސް ނުހައްގުން ނަގާފައެއް ނެތެވެ. އާއިލާ ފްރޭމް ކުރެވުނީއެވެ. ރައީސް މާކޯސްގެ މުއްސަނދި ކަމަކީ ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން ގާނޫނީ ވަކީލުކަން ކުރައްވައިގެން އެއްކުރެއްވި ފައިސާއެވެ. ޚާއްސަ ގޮތެެއްގައި މުއްސަނދި ކްލަޔަންޓުންގެ ފަރާތުން ލިބިވަޑައިގެންނެވި ބޮޑެތި ޕޭމަންޓްތަކެވެ. މާކޯސްގެ ދަރިކަލުން ފާޑިނާންޑް މާކޯސް ޖޫނިއަރ ވެސް ވިދާޅުވަނީ މިހެންނެވެ. އެއްޗެއް ދޭން އޮތިއްޔާ ކޯޓުން ބުނާނެތާއެވެ. ކޯޓުން ބުނީމާ ދެވެންހުރި އެއްޗެެއް ދޭނީއެވެ.