އިޓަލިއަން ސެރެއާ އޭ ގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި އެމްޕޯލީ ބަލިކޮށް، އެންމެފަހުގެ ޗެމްޕިއަން އިންޓަ މިލާނުން އަނެއްކާވެސް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު އިންޓަ އިން ކާމިޔާބުކުރުމާއެކު ތަށީގެ ރޭސް ވަނީ އިންތިހާއަށް ފޯރިގަދަ ވެފައެވެ. އިންޓައަށް ދެން ލީގުގައި ބާކީ ދެ މެޗު އޮތް އިރު، އެޓީމަށް ތާވަލުގެ އެއްވަނަ ލިބެނީ 36 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އޭސީ މިލާނުން މިހާތަނަށް 35 މެޗު ކުޅެފައި އޮތް އިރު، އެޓީމަށް ވަނީ 77 ޕޮއިންޓް ލިބިފައެވެ. އޭސީއަށް ބާކީ ތިން މެޗު އޮތުމާއެކު ލީގު ނެގުމަށް އަދިވެސް އޭސީއަށް ފުރުސަތު ބޮޑެވެ.
ރޭގެ މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގީ އެމްޕޯލީންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އެމްޕޯލީގެ އަންދްރޭ ޕިނަމޮންޓީ ގޯލު ޖަހައި ލީޑު ނެގި އިރު، އެޓީމުގެ ދެވަނަ ގޯލު ޖެހީ ކްރިސްޖަން އަސްލާނީއެވެ.
އިންޓައަށް ބޮޑު މެޗެއް ގެއްލެން ދަނިކޮށް އެޓީމަށް އުންމީދު އާކޮށްދިނީ ހާފު ނިމެން ދަނިކޮށް އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. އެ ގޯލާއެކު ހިތްވަރު އާކުރި އިންޓައަށް ނަތީޖާ ހަމަހަމަކޮށްދިނީވެސް އޭނާއެވެ. 64 ވަނަ މިނެޓުގައި މާޓިނޭޒް، އޭނާގެ ދެވަނަ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން އިރު، އިންޓަގެ ތިންވަނަ ގޯލަކީ އެމްޕޯލީގެ ސިމޯން ރޮމަގްނޯލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗު ނިމިނިމި އޮއްވައި އިންޓައިން ހަތަރު ވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖަހައިދިނީ އެލެކްސިން ސަންޗޭޒްއެވެ.
އިންޓައާއެކު ތަށްޓަށް ވާދަކުރާ އޭސީ މިލާނުން މި ހަފުތާގައި ކުޅޭ މެޗުގައި އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ ވެރޯނާއާ ދެކޮޅަށެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ