ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހު ދިން ބޮމުގެ ހަމަލާއަށްފަހު ރައްޔިތުންގެ މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓްގައިވާ އެއްވެސް ކަމެއް ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީވާ މިރޭ ވިދާޅުވީ ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ވެފައިވާއިރު އެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގައިވާ ކަންކަން ފުރިހަމަ ކޮށްފައި ނުވާ ކަމަށާއި އެ ކަންތައްތައް ފުރިހަމަ ކުރި ކަމުގެ މައުލޫމާތު، މަޖިލީހަށްވެސް އަދި 241 ކޮމިޓީއަށްވެސް ލިބިފައިނުވާ ކަމަށެވެ.

"ރިޕޯޓު އާއްމު ކުރިތާ ދެތިން މަސް ފަހުން އަޅުގަނޑުމެންނަށް ލިބުނު ލިސްޓެއް. އެއަކު ނެތް ފުރިހަމަޔަށް އިމްޕްލިމެންޓް ކޮށްފައި އޮތް އެއްވެސް ރިކޮމެންޑޭޝަން އެއް،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އިންކުއަރީ ރިޕޯޓާ އެއްގޮތަށް ނަޝީދުގެ ސެކިއުރިޓީ ވަރަގަދަ ކުރި ނަމަވެސް މިއަދާ ހަމައަށްވެސް ނަޝީދުގެ ރަސްމީ ގެކޮޅުވެސް ނުނިމޭ ކަމަށާއި ވަގުތީ ގޮތުން މިހާރު އުޅުއްވަނީ "ކުޑަކުޑަ ޖަލެއް" ކަހަލަ ތަނެއްގައި ކަމަށެވެ.

"ރައްކާތެރިކަން ފޯރުކޮށްދޭ ފަރާތުން ނުރައްކަލެއް އެބަ އޮތޭ މިވަނި ތަނެއްގައި އުޅުއްވާށޭ ބުނުމުން އުޅުއްވާނެ. އިތުރު ނުރައްކާ އެބަހުއްޓޭ އެހެން ނަމަވެސް ރައްކާތެރިކަން ފޯރުކޮށްދޭން ކުރެވެން ހުރި ހުރިހާކަމެއް ކުރެވިފަކާ ނެތޭ ބުނުމުން އަމިއްލަ މީހާ(ނަޝީދު) އަލުން ޒަހަމް ވާން ބެނުން ނެތިއްޔާ، އަނެއްކާ އަނެއް ހަމަލާއާ ކުރިމަތިލާން ބޭނުން ނެތިއްޔާ ވަޑައިގަންނަވާނެ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ނަޝީދަށް ދިން ހަމަލާއަކީ ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކުން ފަރުވާ ކުޑަކުރުމުގެ ސަބަބުން ދެވުނު ހަމަލާއެއް ކަމަށާއި ހަމަލާ ދޭނެ ވަގުތާއި ގަޑި ނޭގުނު ނަމަވެސް އެ ހަމަލާ ނަޝީދަށް އަމާޒުކޮށް ބަޔަކު ދޭން އުޅޭ ކަމުގެ މައުލޫމާތު ކުރިން ލިބިފައި ހުރި ކަމަށެވެ.

އެގޮތުން ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް މެއި ހަވަނަ ދުވަހު ފާރަލި ކަމަށް މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީއަށް މައުލޫމަތު ދެއްވި އިންޓެލިޖެންސް ޕްރޮފެޝަނަލުން ވިދާޅުވި ކަމަށާއި ނަޝީދަށް ސެކިއުރިޓީ ދެމުންދާގޮތްތަކަށްވެސް އެމީހުން ފާރަލަމުން ދިޔަ ކަމަށް ނަޝީދާ ބެހޭގޮތުން ގަވާއިދުން ހަދާ ތްރެޓް އެސެސްމެންޓް ރިޕޯޓުތަކުގައިވެސް ބަޔާންކޮށްފައި ހުރި ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް މިއަދު އުޅުއްވަން ޖެހިވަޑައިގެންފައިވާ ގޮތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ ޒިންމާތަކާއި އެމްޑީޕީ ލީޑަރުގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތަކަށް އަސަރުކުރަމުންދާ ކަމަށެވެ. އަދި އެކަންތައްތައް ނަޝީދަށް ކުރެވެން އޮތީ ރިކޮމެންޑޭޝަން ރިޕޯޓުގައިވާ ކަންތައްތައް ފުރިހަމަ ކޮށްގެން ކަމަށާއި އެކަންކަން ފުރިހަމަ ކުރުމަކީ އެފަދަ ހަމަލާއެއް ރާއްޖޭގައި ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކަމަށްވެސް އީވާ ވިދާޅުވިއެވެ.