ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި އާއްމުން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އަނެއްކާވެސް އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

މިއީ ފާއިތުވި މަސްދުވަހުގެ ތެރޭގައި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ދެވަނަ ފަހަރެވެ.

ދެވަނަ ފަހަރަށް ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސާ އާއި ސަރުކާރުގެ ވެރިން އިސްތިއުފާދެއްވުމަށް ގޮވާލައި ގައުމުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަކުރުމާ ގުޅިގެންނެވެ. ހަމަނުޖެހުންތައް ވަރުގަދަކުރުމާ ގުޅިގެން ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވީ މިއަދުއެވެ.

ހުކުރު ދުވަހުން ފެށިގެން ލަންކާގެ ގިނަ އަދަދެއްގެ ފިހާރަތަކާއި ވިޔަފާރިތަކާއި މަދަރުސާތައް ބަންދުކޮށް އެތައް ހާސް ބަޔަކުވަނީ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފައެވެ. އެއާއެކު އެ ގައުމުގެ ވެރިރަށް ކޮލަންބޯގެ އާއްމު ދަތުރުފަތުރުކުރުމުގެ ނިޒާމު ހުއްޓިފައިވާ ކަމަށާއި އެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށް ކަރުނަގޭހާއި ފެންޖަހާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު އުފުލި، ތަކެތި ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން އެގައުމުގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތަކާއި އެއްވުންތައް ހުއްޓުވުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައިވެސް އެ ގައުމުގައި ވަނީ ފަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކާފިއު ހިންގާފައެވެ. ނަމަވެސް ސަރުކާރުގެ އަމުރަށް ކިޔަމަންނުވެ އެ ގައުމުގެ އާއްމުންވަނީ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ.

ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސްފަރުވާ ލިބުން ދަތިވުމުގެ ސަބަބުން ލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގަމުންދާތާ މަހެއް ވެއްޖެއެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި މުދައްރިސުންނާއި ދަރިވަރުންނާއި ސިއްހީ ހިދުމަތްތެރިން މުޒާހަރާއާ ގުޅުމުން ސަރުކާރާ ދެކޮޅަށް ބާއްވަމުންދާ ބޮޑެތި އެއްވުންތައް ވަނީ ވަރަށް ވަރުގަދަވެފައެވެ.