ދުނިޔެ

އަދުގެ ދުނިޔެ: ޑަބްލިޔު ބުޝް މިއަދު އެދައްކަވަނީ ކޮން ޒާތެއްގެ ވާހަކަފުޅެއް؟

އިމާދު ލަތީފު

1

ބޭރުދުނިޔޭގައި ހިނގާ ކަންކަމާމެދު ދިވެހީންވެސް ވަރަށް ވިސްނައެވެ. ފިކުރުކުރެއެވެ. ހަމަގައިމުވެސް އަޅުގަނޑުގެ ވަރަށް ގިނަ ރަހުމަތްތެރިން ބޭރުދުނިޔޭގެ އެކި މައްސަލަތަކާމެދު އެމީހުންގެ ޚިޔާލާއި ފިކުރު އަޅުގަނޑާއި ހިއްސާކުރެއެވެ. ކަންކަމުގައި އަޅުގަނޑުގެ ރައުޔަކީ ކޮބައިތޯ އަހައި ސުވާލުކުރެއެވެ. ބަހުސް ކުރެއެވެ. ހުކުރުދުވަހަކަށްވާތީ ދުނިޔޭގައި ހިނގާ އެއްވެސް ކަމަކަށް ބަލައިނުލައި އަދި ފޯނަށްވެސް ބަލައިނުލައި ހަވީރުވާން ކައިރިވެފައިވަނިކޮށް އައީ މެސެޖެކެވެ. ބަލައިލިއިރު އެއީ ކުރިން އަޅުގަނޑުގެ ކޮލީގެއް ކަމުގައިވާ ރަތްވިލާ އާސިފު، މޮންދު ފޮނުއްވި މެސެޖެކެވެ. މޮންދުއަކީ ޓީވީއެމް އާއި ވީޓީވީގެ ސީއީއޯކަން ކުރައްވާފައިވާ ބޭފުޅެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މޮންދުއަކީ ބޭރުދުނިޔޭގެ މައްސަލަތަކަށް ވަރަށް "ތަރޯ" ބޭފުޅެކެވެ. އެމެރިކާގެ ކުރީގެ ރައީސެއް ކަމުގައިވާ ޖޯޖް ޑަބްލިޔު ބުޝްގެ ޓްވީޓެއްގެ ސްކްރީންޝޮޓް ހިއްސާ ކުރައްވައިފައި މޮންދު ވިދާޅުވެފައިވެއެވެ. މިނިވަން މުސްތަގިއްލު ގައުމުތަކަށް ޣައިރުގާނޫނީ ގޮތެއްގައި ގަދަކަމުން އަރައިގަތުމަކީ ޑަބްލިޔު ބުޝް ވަރަށް ދެކޮޅު ކަމެކޭ އެއޮތީ ވިދާޅުވެފައެވެ. އެވާހަކަ މިހާރު އެވިދާޅުވަނީ އެކަމަށް އެންމެ ލާއިގު ބޭފުޅާ ބާވައެވެ. މިފެންނަނީ ދެފުށްކެހެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. ޚިޔާލަކީ ކޮބައިބާވައެވެ. މޮންދު ހިއްސާކުރެއްވި ޓުވީޓަކީ ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށްފަހު ޑަބްލިޔު ބުޝް ކުރައްވާފައިވާ ޓްވީޓެކެވެ. އެ ޓްވީޓަށް ބަލައިފައި އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ހިތަށް އެރީ މިހެންނެވެ. ލާހައުލަ ވަލާއެވެ.

ބުޝްގެ ޓްވީޓުގައި ލިޔުއްވާފައިވަނީ ކޮން ވާހަކައެއް؟

ޑަބްލިޔު ބުޝްގެ ޓްވީޓްގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ. ރައީސް ޒެލެންސްކީއާ ވާހަކަ ދައްކައިލަން ކުޑަވަގުތުކޮޅެއް ނަމަވެސް މިއަދު ލިބުނުކަމީ ނުހަނު ބޮޑުވެގެންވާ ޝަރަފެކެވެ. މަނިކުފާނަކީ މިއަދުގެ ވިންސްޓަން ޗާޗިލްއެވެ. މަނިކުފާނުގެ ހިތްވަރާއި ނުގުޑާފަދަ އަޒުމާއި ދައްކަވަމުން ތިޔަގެންދަވާ ނަމޫނާޔާއި މިނިވަންކަމުގެ ހައްގުގައި ވެވަޑައިގަންނަވާ ގުރުބާނީތަކަށް ޝުކުރިއްޔާއެވެ. އަޅުގަނޑުގެ ކައިރީގައި ޒެލެންސްކީ ވިދާޅުވިއެވެ. ރައީސް ޕުޓިންގެ ހައިވާނީ ސިފަތަކުގެ ކުރިމަތީގައި އިންޗިއެއްވެސް ފަހަތަށް ޖެހުމެއް، ދޫދިނުމެއް ނެތެވެ. މަނިކުފާނަށް އައްސަރިބަހުން ސާބަހެވެ. ޒައީމަކީ ތިޔައީއެވެ. އެމެރިކާ އޮންނާނީ މަނިކުފާނާއެކުގައެވެ. މިނިވަން ގައުމަކާ ދެކޮޅަށް އަނެއް ބަޔަކު އުދުވާނެއް ހިންގުމަކީ އަޅުގަނޑު ދުވަހަކުވެސް ތާއީދު ކުރި ކަމެއް ނޫނެވެ.

ބާރުގެ ބޭނުންކޮށްގެން އަނެއް ގައުމަށް އަރައިގަތުމަކީ ތިމަންނާ ދުވަހަކުވެސް ތާއީދުކުރި ކަމެއް ނޫނޭ، އެއީ އެމެރިކާއިން ކުރާނޭ ކަމެއްވެސް ނޫނޭ މިއަދު އެވިދާޅުވާ ޖޯޖް ޑަބްލިޔު ބުޝްއަކީ އޭނާގެ ރައީސް ކަމުގައި މުޅި ދުނިޔެ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއަށް ގަންބަވައިލެއްވި ބޭފުޅެކެވެ. ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ ނަމުގައި ކޮޅެއް މެދެއް އެނގުމެއް ނުވާ އަދި ދުޝްމަނުންނަކީވެސް ކޮބައިކަން ސައުފުނުވާ ނުރައްކާތެރި ހަނގުރާމައެއް އިއުލާން ކުރެއްވި ރައީސެވެ. އަފްޣާނިސްތާނާއި އިރާގަަށް ސިފައިން ފޮނުއްވައި އެ ދެ ގައުމު ސުންނާފަތިކޮށްލެއްވި ރައީސެވެ. މިވަރަކުން އަދި ފުއްދައިލެއްވީއެއް ނޫނެވެ. ދުނިޔޭގެ ކުދިބޮޑު އެންމެހައި ގައުމުތަކަށް 6 ނޮވެމްބަރު 2001 ގައި ޑަބްލިޔު ބުޝް ދެއްވި ކަހަލަ ބިރުވެރި ނުރައްކާތެރި އިންޒާރެއް ދެއްވި އެހެން ލީޑަރަކުވެސް ނުވެއެވެ.

ޑަބްލިޔު ބުޝްގެ ފަސްބައިގައި މިލައެއް ނެތީތަ؟

ޖޯޖް ޑަބްލިޔު ބުޝްއަކީ އެމެރިކާގެ ތާރީޚުގައި 43 ވަނަ ރައީސެވެ. ވެރިކަން ކުރެއްވީ 2001 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށެވެ. ދެ ދައުރު ފުރިހަމަ ކުރެއްވިއެވެ. ވެރިކަމުގެ ފުރަތަމަ އަހަރުވެސް ފެއްޓެވީ ހަނގުރާމައެކެވެ. ބުޝްގެ އަމުރަށް އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައިގަތީ 7 އޮކްޓޫބަރު 2001 ގައެވެ. މިކަމާ ދެކޮޅަށް ދުނިޔެއިން ހޯހޯއޭ، ތިޔައީ ގޯހެކޭ، މަމެން ތިޔަ ހަނގުރާމަޔަކާއި ގާތެއް ނުވާނަމޭ ބުނަން ފެށީމާ، 6 ނޮވެމްބަރު 2001 ގައި މުޅި ދުނިޔެއަށް ބުޝް ދެއްވީ އިންޒާރެކެވެ. ވިދާޅުވިއެވެ. މިކަމުގައި ވަކިއަތަކަށް ނުޖެހި ތިބެން ފުރުސަތެއް ނުދޭނަމެވެ. ކަލޭމެން އެންމެނަށް އޮތީ މިބުނާ ދެގޮތުންކުރެ އެއްގޮތެވެ. އަހަރެމެންނާ އެއްކޮޅެވެ. އެހެންނާ ދެކޮޅެވެ. ޚިޔާރުކުރާނެ ކޮޅު އެނގޭނީ ކަލޭމެންނަށެވެ.

ޑަބްލިޔު ބުޝްގެ ވެރިކަމުގައި އަފްޣާނިސްތާނު ފުނޑާލައި އެހިސާބުން ނިންމައިލީއެއް ނޫނެވެ. އަފްޣާނިސްތާނަށް އެރިތާ ދެ އަހަރު ފަހުން ދެން ދިމާކުރީ އިރާގާއެވެ. ވުޖޫދުގައިވެސް ނުވާ ކަންކަން އުފައްދައިގެން އެންތުރެކުހޭ، ނިއުކުލިއަރޭ، ކެމިކަލާއި ބަޔޮލޮޖިކަލޭ، ސައްދާމު ހުސައިނުގެ ފޭރާމުގެ ވަތުބަތާނައިގައިވެސް ހުރީ އެންތުރެކުހޭ ކިޔަމުން 19 މާރޗް 2003 ގައި އަރައިގަތީ އިރާގަށެވެ. އެރިގޮތަށް އަރައި އިރާގު އެފުށް މިފުށަށް ޖަހައި ސުންނާފަތިކޮށް ރައީސް ސައްދާމު ހުސައިން ވެސް ހިފައި ހައްޔަރުކޮށް 30 ޑިސެމްބަރު 2006 ގައި ދަންޖައްސައި މަރައި ހެދިއިރު ވައިޓްހައުސްގައި ހުންނެވީ ޑަބްލިޔު ބުޝްއެވެ. މިވަރުގެ ބޭފުޅަކު މިހާރު ސުލްހަޔޭ، މިނިވަންކަމޭ، ހައްގޭ، އިސްތިގުލާލޭ، ސާބަހޭ ވިދާޅުވާން ފެށީމާ އެއްޗެއް ނުލިޔެ ހިމޭނަކުން ނުހުރެވޭނޭތާއެވެ.