ޚަބަރު

ނަޝީދަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ފަހަތަކަށް ނުޖެހެން: ރައީސް

1

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ ތަހުގީގުކޮށް، އޭގައި ބައިވެރިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރާ މަސައްކަތްތަކުގައި ސަރުކާރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނީ، މެއި 6، 2021ގެ އިރާކޮޅު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ރައީސް ނަޝީދުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބި ރާއްޖޭން ބޭރުންވެސް ފަރުވާ ހޯއްދެވިއެވެ.

އެ ހަމަލާއަށް މިއަދު އަހަރެއް ފުރިފައިވާއިރު، ރައީސް ސޯލިހު އިނގިރޭސި ބަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދަށް ދިން އެ ހަމަލާއަކީ ސުލްހަވެރި މުޖުތަމައު ސިއްސުވާލައި ރާއްޖޭގައި ދިން އެންމެ ވަރުގަދަ އެއް ޓެރަރިސްޓް ހަމަލާ ކަމަށެވެ. އަދި އެ ހަމަލާއިން، ނަޝީދު ސަލާމަތްވެވަޑައިގަތުމުން އެކަމަށް ﷲއަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ނަޝީދަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އަޒުމެއް ނުގުޑާނެ ކަމަށެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް، ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދައި، އެ މީހުންގެ މައްޗަށް ތަހުގީގު ހިންގާފައިނުވާތީ އެ މަނިކުފާނުގެ އާއިލާއިންނާއި ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި ހަތް މީހެއްޗެއް މައްޗަށް ދައުވާ އުފުލާފައިވާ އިރު، އޭގެ ތެރެއިން ހުކުމް އިއްވުނީ ހަމަލާ ދޭން އަތަމަ ޕެލޭސް ކައިރީ ރިމޯޓު ހިފައިގެން ހުރެ، އެ ރިމޯޓް މެދުވެރިކޮށް ބޮން ގޮއްވާލި އަދުހަމް އަހުމަދުގެ މައްޗަށް އެކަންޏެވެ. އެއީ އޭނާ ކުށަށް އިއުތިރާފުވުމުންނެވެ.