މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރިސޯޓުތަކަށް ލިބޭނީ ރަޝިއާ މާކެޓުން 20 ޕަސެންޓް ބުކިން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާއަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ހަދާފައިވާ "ކުއާޓަލީ ސާވޭ" އިން ދައްކާގޮތުން ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓް ކަމަށްވާ ރަޝިއާގެ މާކެޓު މިއަހަރު ބޮޑުތަނުން ދަށްވާނެއެވެ. މިސާވޭގައި ބައިވެރިވި 45 ރިސޯޓުން ލަފާކޮށްފައިވާ ގޮތުން މި އަހަރުގެ ބާކީ އޮތް ހަތް މަހަށް ބެލިޔަސް ރަޝިއާ މާކެޓުން ރިސޯޓުތަކަށް ލިބޭނީ ޖުމްލަ 20 ޕަސެންޓު ބުކިންއެވެ.
ރަޝިއާ-ޔޫކްރެއިން ހަމަނުޖެހުންތަކުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރިސޯޓުތަކަށް ލިބުނު އާމްދަނީ އާއި ބުކިން ދަށްވެފައިވާ ކަމަށް ސާވޭގެ ބައިވެރިންގެ 72 ޕަސެންޓު ވަނީ ބުނެފައެވެ. އަދި 24 ޕަސެންޓް ރިސޯޓުން ބުނެފައިވަނީ މި ހަނގުރާމައިގެ އަސަރު އެ މީހުންގެ އާމްދަނީއަށް ނުކުރާ ކަމަށެވެ.
ސާވޭގެ ބައިވެރިވި ރިސޯޓުތަކުގެ ތެރެއިން 34 ޕަސެންޓް ރިސޯޓުން ބުނެފައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނިވެސް ރަޝިއާ މާކެޓުން އެ ރިސޯޓުތަކަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 10-25 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
މުޅި އަހަރަށް ރަޝިއާ މާކެޓުން ލިބޭނެ ކަމަށް ރިސޯޓު ތަކުން ލަފާކުރި އާމްދަނީ އަށް ބަލާ އިރު 44 ޕަސެންޓް ރިސޯޓުން ލަފާކުރީ އެ ރިސޯޓުތަކުގެ އާމްދަނީ އިން 10 ޕަސެންޓް ދަށްވާނެ ކަމަށެވެ. އަދި 36 ޕަސެންޓް ރިސޯޓުން ލަފާ ކުރާގޮތުގައި ރަޝިއާ މާކެޓުން ލިބޭ އާމްދަނީގެ 10-25 ޕަސެންޓް ދަށްވާނެއެވެ.
ރަޝިއާ މާކެޓަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ކުރިން ރާއްޖޭގެ އެއްވަނަ މާކެޓެވެ. މި ހަނގުރާމައިގެ ސަބަބުން ރަޝިޔާ މާކެޓް ވަނީ މިހާރުވެސް 70 ޕަސެންޓް ދަށްވެފައެވެ. އަދި މި ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދިހަ ގައުމުގެ ތެރޭގައި ހިމެނޭ ޔޫކްރެއިންގެ މާކެޓް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ މަހުގެ 20ގެ ނިޔަލަށް ރަޝިއާ އިން އައިސްފައިވަނީ 54،624 ޓޫރިސްޓުންނެވެ. އެ މުއްދަތަށް ބަލާ އިރު 10.3 ޕަސެންޓާއެކު ރަޝިއާ ވަނީ ރާއްޖޭގެ ޓޮޕް ޓެން މާކެޓުގެ ތިން ވަނައަށް ވެއްޓިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު