ރިސޯޓުތަކުން ކަނޑަށް ކުނި އެޅުން މަނާ ކުރި އިސްލާހަށް އަމަލު ކުރުން އަންނަ އަހަރަށް ފަސް ކުރަން ޓޫރިޒަމް މިނިސްޓްރީގެ ސާކިއުލާއަކުން އަންގާފައިވަނީ ގޯސްކޮށް ކަމަށާއި އެހެންކަމުން ކަނޑަށް ކުނި އަޅާ ރިސޯޓުތަކަށް އަދިވެސް ފިޔަވަޅު އަޅާނެ ކަމަށް އެންވާރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ވަން" އަށް ވިދާޅުވީ، ރިސޯޓުތަކުން ކަނޑަށް ކުނި އެޅުން މަނާ ކުރުމުގެ އިސްލާހަށް އަމަލު ކުރުން ފަސްކުރަން ޓޫރިޒަމް މިނިސްޓްރީން އަންގާފައިވީ ނަމަވެސް ކަނޑަށް ކުނި އަޅާ ރިސޯޓުތަކަށް އީޕީއޭގެ ގަވާއިދުގެ ދަށުން މިހާރުވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި ކަނޑަށް ކުނި އެޅުން މަނާ ކުރި އިސްލާހަށް އަމަލު ކުރުން ކުއްލިއަކަށް ފަސް ނުކުރެވޭނެ ކަމަށާއި ކަނޑަށް ކުނި އަޅާ ރިސޯޓުތަކަށް އީޕީއޭގެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ނައީމް ވިދާޅުވިއެވެ.
"ޓޫރިޒަމްގެ ގަވާއިދުން އެމީހުން ކުނި އަޅަން ހުއްދަ ދޭ މާއްދާ އުވާލާފައި ވަނީ. އުވާލި ފަހުން އެ އަލުން ނުއެއް ދިރޭ. އޭތި އޮތީ މަރުވެފަ. ދެން އެއަށް އަމަލުކުރުން ފަސްކުރާނީ އޭ ކިޔާފައި ސާކިއުލާއެއް ފޮނުވާލިޔަސް އަޅުގަނޑުމެން ނުބަލަން އެކަން އެގޮތަށް ވާނެ ކަމަކަށް. އެ ގަވާއިދަށް ބަދަލު ގެނެސްގެން އެކަން ފަސްކުރަން ޖެހޭނީ،" ނައީމް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް ރިސޯޓުތަކުން މޫދަށް ކުނި އެޅުމަށް ހުއްދަ ދީފައިވާ މާއްދާ ޓޫރިޒަމް މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ބާތިލުކޮށް, ރިސޯޓުތަކުން މޫދަށް ކުނި އެޅުން އެއްކޮށް މަނާކޮށްފައެވެ.
އެ މާއްދާގައި ވަނީ "ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ، އުކައިލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ، ބަޔޯޑީގްރޭޑަބަލް ތަކެއްޗެވެ. އަދި މިގޮތުން އުކާލެވޭ އަމިއްލައަށް ފަނާވެނެތިދާ ކުނި އުކާލަން ޖެހޭނީ އަތޮޅުން ބޭރަށް، ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް" ކަމަށެވެ.
ނަމަވެސް މިދިޔަ މާޗް މަހު ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރިސޯޓުތަކުން ކަނޑަށް ކުނި އެޅުން ހުއްދަ ކުރާ މާއްދާ އުވާލި ގަވާއިދުގެ އިސްލާހަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުން ފަށައިގެން ކަމަށެވެ.
ނައީމް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއިން ސާކިއުލާ ނެރުނަސް، ކަނޑަށް ކުނި އެޅުމުގެ ހުއްދަ މިހާރު އެއްވެސް ރިސޯޓަކަށް ނެތް ކަމަށެވެ. އަދި ކުނި އެޅުން ހުއްދަ ކުރާ މާއްދާ އުވާލި ގަވައިދުގެ އިސްލާހަށް އަމަލު ކުރަން ފަސް ކުރެވޭނީ ވެސް ގަވާއިދަށް ބަދަލު ގެނެސްގެން ކަމަށާއި އެކަން ސާކިއުލާއަކުން އަންގައިގެން ނުކުރެވޭނެ ކަމަށް ނައީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު