ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިންތާ އަހަރެއް ވެގެން ދިޔައިރުވެސް މައްސަލައާ ގުޅޭ ގުޅުންތައް ތަނަވަސް ގޮތެއްގައި ތަހުގީގުކޮށްފައި ނެތުމުން އެމަނިކުފާނުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައީސް ނަޝީދުގެ އާއިލާގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެންދާތީ ހަމަލާގެ ކުރީ ސަފުގައި ފެނުނު މީހުންގެ ފުރަގަހުގައި ތިބި "ހަނގުރާމަވެރިންނާ" މެދު އަހަންމިއްޔަތުކަން ދީފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.
"އަޅުގަނޑުމެން މި ދަނޑިވަޅުގައި ވެސް އެދެނީ، މި ހަމަލާ ހިންގުމަށް ފައިސާ ހަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި، ވަރުގަދަ ތަހުގީގެއް އަދިވެސް ހިންގުމަށެވެ. މިކަން މިގޮތަށް ކޮށްފައި ނެތުމުން، ރައީސް ނަޝީދުގެ ޖާނާއި އެ މަނިކުފާނު ފަދައިން ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކުގެ ވަށައިގެން ބިރުވެރިކަމުގެ މާހައުލެއް އުފެދިފައިވެއެވެ،" އާއިލާއިން ނެރުނު ބަޔާނުގައިވެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނީ، މެއި 6، 2021ގެ އިރާކޮޅު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ރައީސް ނަޝީދުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބި ރާއްޖޭން ބޭރުންވެސް ފަރުވާ ހޯއްދެވި އިރު، ހަމަލާއަށް ފަހު، ނަޝީދުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.
ރައީސް ނަޝީދުގެ އާއިލާއިން ނެރުނު ބަޔާނުގައި ވަނީ، ސެކިއުރިޓީ ސަބަބުތަކާ ހެދި އެމަނިކުފާނު ހިންގަވާ ހަރަކާތްތައް ހަނިވެފައިވާތީ، ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ކަންކަން ހުއްޓި، ސިޔާސީ ގޮތުންނާއި އަދި ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއެކު އެމަނިކުފާނު ކުރައްވާން އެދިވަޑައިގަންނަވާ މުއާމަލާތްތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.
ބަޔާނުގައި ނަޝީދު ޒަހަމްވެފައިވަނިކޮށް އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިޔަ ބޮޑީގާޑުންނާއި އެމަނިކުފާނަށް ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުންނަށް އާއިލާއިން ޝުކުރު އަދާކޮށްފައިވެއެވެ.
ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި ހަތް މީހެއްޗެއް މައްޗަށް ދައުވާ އުފުލާފައިވާ އިރު، އޭގެ ތެރެއިން ހުކުމް އިއްވުނީ ހަމަލާ ދޭން އަތަމަ ޕެލޭސް ކައިރީ ރިމޯޓު ހިފައިގެން ހުރެ، އެ ރިމޯޓް މެދުވެރިކޮށް ބޮން ގޮއްވާލި އަދުހަމް އަހުމަދުގެ މައްޗަށް އެކަންޏެވެ. އެއީ އޭނާ ކުށަށް އިއުތިރާފުވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު