މާލޭގައި އިތުރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން އެ މާރާމާރީ ހިންގާފައިވަނީ މިރޭ ދަންވަރު 2:15 ހާއިރު މާލޭ ސޯސަން މަގު ސިޓީ ބޭކަރީ ކައިރިންނެވެ.
އެ މާރާމާރީގައި ޒުވާނަކަށް އަނިޔާވެފައިވާ އިރު، މިހާރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެެރިވަމުންނެވެ. އެ މާރާމާރީއާ ގުޅޭ ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ މާރާމާރީއަކީ މިއަދު ހިންގި ތިންވަނަ މާރާމާރީއެވެ. މިރޭ ކުރިން ހިންގި ދެ މާރާމާރީއަކީ ހުޅުމާލޭގައި ހިންގި ދެ މާރާމާރީއެކެވެ. އެ މާރާމާރީތަކުގެ އިތުރުން މިދިޔަ ހޯމަ ދުވަހު ވެސް މާލޭގައި ވަނީ ދެ މާރާމާރީއެއް ހިންގައިފައެވެ.
މިދިޔަ ހޯމަ ދުވަހު ހިންގި ދެ މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީއަކީ މާފަންނު ކޯރުކެނޑިމަގު، މާވެޔޮމިސްކިތް ކައިރީގައި ފަތިހު ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ދެވަނަ މާރާމާރީ ހިންގާފައިވަނީ ހެންވޭރު އަސްރަފީ މަގުގައި އެދުވަހުގެ ހެނދުނެވެ. އެ މާރާމާރީގައިވެސް ދެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.
ހުޅުމާލޭގައި މިރޭ ހިންގި ފުރަތަމަ މާރާމާރީއަކީ ހުޅުމާލޭ ލަޔާ ރެސްޓޯރެންޓް ކައިރީގައި ހިންގި މާރާމާރީއެކެވެ. އަދި ދެވަނަ މާރާމާރީ ހިންގާފައިވަނީ ފޭސް ދޭއްގެ ބުރިޖު ކައިރީގައެވެ. އެ މާރާމާރީތަކުގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރާވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލޭގައި މިރޭ މާރާމާރީތައް ހިންގި ކަމަށް ތުހުމަތުކުރެވޭ ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މިރޭ ފުލުހުން އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ހިޔާ ޓަވަރެއްގެ ފުލެޓެއް ބަލައި ފާސްކުރުމަށްފަހުއެވެ.
އެ މާރާމާރީތަކުގެ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އެ މާރާމާރީތަކުގައި ގުޅުމެއްވާ ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.
މާރާމާރީތައް އިތުރުވެފައި މިވަނީ ގޭންގުތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ގުޅިގެން އޮޕަރޭޝަނެއް ވެސް ހިންގަމުން ދަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު