ޚަބަރު

ފަތުރުވެރިކަމަށް އައި ހީނަރުކަމުން އަރައިގަނެވުނީ ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން ކުރި މަސައްކަތުން: ނައިބު ރައީސް

މުހައްމަދު އިޝާން

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއާތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް މަގު ތަނަވަސްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން މުހިންމު ދައުރެއް އަދާކުރި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެގޮތަށް ވިދާޅުވީ، "ޕުޓިން ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މައުލޫއަށް އދ.ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަގުރީރުކުރައްވަމުންނެވެ.

އެ ބަހުސަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އާ ގުޅިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިޒާމުކުރެއްވި ބަހުސެކެވެ.

ނައިބު ރައީސްގެ ތަގުރީރުގައި ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރި، ނޭދެވޭ އަސަރުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީގެ 60 ޕަސަންޓް ދަށަށް ދިޔަ އިރު، 4.6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ގާއިމުކުރެވިފައިވާ ގޮތަށް އަލިއަޅުއްވައިލައްވަމުން، އެއީ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމުގެ ފުރިހަމަ މިސާލެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރާއްޖޭގެ ބޮޑުމިނާއި އޮންނަ ސަރަހައްދާއި އަދި ތަރައްގީއަށް ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ ފަހުން 50 އަހަރު ވީއިރު ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީޑީޕީގެ 45 އިންސައްތަ ހިއްސާކުރާ އަދި ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުން އައުމުގެ މައިގަނޑު ބާރަކަށް ވެގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވި ކަމަށާއި އޭގެ ފަހުން ބޯޑަރު އަލުން ކާމިޔާބުކަމާއެކު ހުޅުވައިލެވި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ފުރުސަތު ލިބި، ރާއްޖޭގެ އިގުތިސޯދު ރަނގަޅުވުމުގެ މަގުމަތީގައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އަމާޒު ހިފި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ 30 އިންސައްތަ އިތުރަށް ހާސިލުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

އެކަމުގައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާ ކަމަށާއި އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ގާނޫނެއް ސަރުކާރުން ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ލިބިދީފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އޭގެ ފައިދާ ލިބޭގޮތަށް ޓޫރިޒަމް ސިނާއަތުގެ ސާވިސް ޗާޖުގެ ގޮތުގައި ދިހަ އިންސައްތަ ނަގަންޖެހޭގޮތަށް ގާނޫނެއް ވުޖޫދަށް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި، ޖަޒީރާވަންތަ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ތަނަވަސްވާނެހެން ފަތުރުވެރިކަން ރަށްތަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ހާއްސަކޮށް އެ ސިނާއަތުގައި އަންހެނުންނާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރަން ކުރަމުން އަންނަ މަސައްކަތް ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓާ ޕްލޭނަކީ ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ފެނިގެންދާނެ ޕްލޭނެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވާފައިވަނީ، ކޮވިޑުން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފަތުރުވެރިކަމަކީ މައިގަނޑު ދައުރެއް އަދާކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވައި މެންބަރު ގައުމުތަކާއި އެހެނިހެން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.