އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހާމަކުރައްވައިފިއެވެ.
އެކަން ހާމަކުރައްވައި ޑރ. އައިޝަތު މިއަދު ހަވީރު ވަނީ ފައްޔާޒާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓު ކުރައްވައިފައެވެ. އެ ޓުވީޓުގެ ކެޕްޝަންގައި ޑރ. އައިޝަތު ވަނީ "ފަޔާ ފޯ ސީޕީ" ކަމަށް ލިޔުއްވައިފައެވެ.
އެ ފޮޓޯ ނަގާފައިވަނީ ފައްޔާޒްގެ ކެމްޕޭނު ހަރުގޭގައެވެ. ފޮޓޯގައި ޑރ. އައިޝަތު ހުންނެވީ ފައްޔާޒަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމަށް، މި އިންތިހާބުގައި ފައްޔާޒަށް ލިބިވަޑައިގެންނެވި ކެންޑިޑޭޓް ނަންބަރު ދޭއް، އަތުގެ އިޝާރާތުން ދައްކަވައިގެންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒާއެކު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ކެމްޕެއިންގެ ފޯރި ވަރަށް ގަދަވެފައިވާ އިރު، އެމްޑީޕީގެ އިސް ހަރަކާތްތެރިންނާއި ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުން ތާއީދުކުރައްވާ ކެންޑިޑޭޓް ހާމަކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި މިނިސްޓަރުން ވަނީ ފައްޔާޒަށް ތާއިދުކުރައްވާކަން ހާމަކުރައްވައިފައެވެ. އެގޮތުން އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް މިއަދު ވަނީ ފައްޔާޒަށް ތާއީދުކުރައްވާ ކަަމަށް ވިދާޅުވެފައެވެ. މީގެ ކުރީން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ ފައްޔާޒަށް ތާއިދުކުރައްވާކަން ހާމަކުރައްވައިފައެވެ. އަދި ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނުގައި ފައްޔާޒާއެކު އެންމެ ގާތުން ފެނިގެންދާ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ގެންދަވަނީ ދަތުރުތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީ ދެ ފަޅިއަކަށް ބެހިފައިވާ އިރު، ފައްޔާޒް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.
އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މިމަހުގެ 14 ވަނަ ދުވަހު ބާއްވާ އިރު، އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ނަޝީދުގެ ފެކްޝަނުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެގޮތުން އެމްޑީޕީއަށް ރައްޔިތުންގެ ވޯޓުގެ 50 ޕަސެންޓް ހޯދުންވެސް ދެން ވަރަށް އުނދަގޫ ވާނެ ކަމަށް ވިދާޅުވެ، އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާގިނަ ގޯސްތައް ސަރުކާރުން ހަދާފައިވާ ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ.
މީގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރު "ފެތެމުންދާ" ކަމަށާއި މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ އެމްޑީޕީ ނުފެތުން ކަމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީ އެކަނި އޮވެ ހިންގާ ސަރުކާރެއް ނޫން ކަމަށާއި އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި އެމްޑީޕީގެ ވައުދުތައް ނުފުއްދެނީ ކޯލިޝަން ސަރުކާރަކަށް ވާތީ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ފައްޔާޒަށް ތާއީދުކުރައްވާކަން މިނިސްޓަރު ޝައުނާ މިއަދު ހާމަކުރެއްވުމުން ވެސް ރައީސް ނަޝީދުގެ ބަސްތަކެއް އަމާޒުކުރެއްވިއެވެ. ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފައްޔާޒަށް ޝައުނާ ތާއިދުކުރެއްވީ ވަޒީފާއަށް ކަމަށެވެ.
އިންތިގެ ކެމްޕޭނުގެ ޓީމުން ވެސް ދަނީ ފައްޔާޒުގެ ޓީމަށް ތުހުމަތުކުރަމުންނެވެ. އެގޮތުން އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދެއްކުމާއި، ކުންފުނިތަކުން ވަޒީފާ ހަމަޖައްސައިދެމުންދާކަމުގެ ތުހުމަތު ހިމެނެއެވެ.
އެ ހުރިހާ ތުހުމަތަކެއް ކަމާގުޅޭ އިދާރާތަކުން ތަހުގީގުކުރުމަށް ފައްޔާޒް ވަނީ ގޮވާލައްވައިފައެވެ. އިންތިއަށް ތާއިދުކުރާ ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދައްކާ ވާހަކަތަކަށާއި ފައްޔާޒަށް ކުރާ ތުހުމަތުތަކަށް ފައްޔާޒުގެ ޓީމުން ވެސް ދަނީ ރައްދު ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު