ޚަބަރު

ސައީދު ހޯދުމުގެ އޮޕަރޭޝަން: 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ފެނިއްޖެ

ފުވައްމުލަކު ސިޓީގެ ނެރު ކައިރިއަށް ޑައިވިނަށް ގޮސްގެން އުޅެނިކޮށް ގެއްލުނު މުހައްމަދު ސައީދު (ސައިއްޓޭ) ހޯދުމަށް އެމްއެންޑީއެފުން ހިންގާ ސާޗް އޮޕަރޭޝަނުގައި 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ފެނިއްޖެއެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ޑައިވިނަށް ދިޔަ ސައީދު ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިދިޔަ ހޯމަ ދުވަހު މެންދުރުފަހު 3:36 ހާއިރެވެ. އޭރުއްސުރެ އޭނާ ހޯދުމުގެ މަސަައްކަތް އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ކޯސްޓްގާޑުގެ ޑައިވަރުން ހަތަރު ޑައިވް ނިންމާފައިވާ ކަމަށާއި މިއަދު ކުރެވުނު ޑައިވްއެއްގައި އެ ސަރަހައްދުގެ 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ކަނޑުމަގުން ދެ ހާބާ ކްރާފްޓް ބޭނުންކުރަމުން އަންނަ އިރު، ވައިގެ މަގުން ޑޯނިއާ ފުލައިޓާއި ހެލިކޮޕްޓަރު ވެސް އެ އޮޕަރޭޝަނުގައި އަންނަނީ ބޭނުންކުރަމުންނެވެ. ކޯސްޓްގާޑުގެ އިތުރުން ސައީދުގެ އެކުވެރިން ވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

އެމްއެންޑީއެެފުން ރޭ ވަނީ ސައީދު ހޯދުމަށް ކޯސްޓުގާޑުގެ ޑައިވަރުން ޑައިވް ކުރަމުން އަންނަ މަންޒަރު ފެންނަ ދެ ވީޑިއޯއެއް އާންމުކޮށްފައެވެ. ފުރަތަމަ ވީޑިއޯގައި ވަނީ ސައީދު މަސް ހިފަން ބޭނުންކުރި ކަމަށް ބެލެވޭ އެއްޗެއްގެ ވީޑިއޯއެކެވެ. އެއީ ކޮން އެއްޗެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައި ނުވި ނަމަވެސް، އެ ވައްތަރީ ދަގަނޑު ބުރިއަކާއެވެ. އެ އެތި ފެނިފައިވަނީ ސައީދު ޑައިވިންއަށް ފޭބި ސަރަހައްދުގެ 59 މީޓަރު އަޑިންނެވެ. އެ ސަރަހައްދުގައި 70 މީޓަރާއި 100 މީޓަރާ ދެމެދުގެ ފުންމިނެއް ހުންނާނެކަމަށް ލަފާކުރެވޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދެވަނަ ވީޑިއޯއިން ފެންނަނީ ސައީދު ހޯދުމަށް ކޯސްޓުގާޑުގެ ޑައިވަރުން މަސައްކަތްކުރާ މަންޒަރެވެ. ވީޑިއޯއިން ފެންނަނީ ސައީދު ޑައިވިންއަށް ދިޔަ 'ޓައިގާ ޝާކު ޕޮއިންޓް' އެވެ. އެއީ ކިހާ ފުންމިނެއްގެ ސަރަހައްދެއްކަން އެ ސަރަހައްދަށް ޑައިވިންއަށް ދިޔަ ފުވައްމުލަކު ޑައިވަރުންނަށްވެސް ނޭނގެއެވެ.

ސިފައިން އާންމުކުރި ވީޑިއޯގައި ވެސް ފެންނަނީ ޑައިވަރުން ބޮޑު ފަރެއް ކައިރީގައި ފީނާ މަންޒަރެވެ. ފެންނަ ފެނުމަށް އެއީ ވަރަށް ފުން ހިސާބެކެވެ.

އެމްއެންޑީއެފުން މައުލޫމާތުދީފައިވާ ގޮތުގައި ސައީދު ޑައިވިންއަށް ފޭބި އިރު، ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެކެވެ. އޭނާގެ އަތުގައި ރީނދުލާއި އޮރެންޖް ކުލައިގެ ބެލޫނެއް އޮންނާނެއެވެ. އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ސައީދާ ބެހޭ އެއްވެސް ހަބަރެއް ވެއްޖެނަމަ އެންގުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ސައީދާއެކު ޑައިވިންއަށް ފޭބި އެރަށު މަހުމޫދު ފާއިޒު ޑީކޯވުމުގެ ސަބަބުން އަންނަނީ ދ. ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ހުންނަ އޮކްސިޖަން ޗެމްބަރުގައި ފަރުވާދެމުންނެވެ. އިއްޔެގެ ވަގުތެއްގައި މަހުމޫދު ވަނީ ހޭއަރައިފައެވެ.