އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ތާއީދުކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ޝަރީފް ރޭ ވިދާޅުވީ، އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ކަމަށާއި ރައީސް ސޯލިހުގެ ތާއީދު އޮތީ ފައްޔާޒަށް ކަމަށެވެ. އަދި ރައީސް ސޯލިހު ތާއީދުކުރައްވާ ކެންޑިޑޭޓަށް ތާއީދު އިތުރުކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފާހަގަކުރެވިފައި އޮތް ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދުކުރައްވާ ކެންޑިޑޭޓަކީ ފަޔާ ކަމަށް އަޅުގަނޑަށް އެނގިފައި އޮތީމަ، އެ ކެންޑިޑޭޓް ހޮވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުން ނުވަތަ ނުކުރުމުން މުވައްޒަފަކަށް ސްޓެލްކޯއިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ. އެގޮތުން ވަޒީފާގެ ބިރުވެސް ނުދައްކާނެ ކަމަށް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އޭނާއަކީ ސިޔާސީ ގޮތުން "ބޯވަ"އެއްގެ ގޮތުގައި ނުބުނެވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހު ބޭނުންފުޅުނަމަ އެމްޑީޕީއަށް ސޮއިކުރަން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި، ފައްޔާޒް ވާދަކުރައްވަނީ ރައީސް ސޯލިހުގެ ފެކްޝަަނުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެ އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެ އިންތިހާބު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.