މިމަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިހާބަކަށް ގޮވައިލެއްވުން ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ދަތުރުގައި ރ. ދުވާފަރަށް ވަޑައިގެން އެރަށު، އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ފައްޔާޒް ރޭ ވިދާޅުވީ، އެމްޑީޕީގެ އިސްސަފަށް އައިއްސުރެ އިސްލާމީ މަޝްވަރާ މަޖިލީސް ފެނިފައި ނުވާ ކަމަށާއި، އެ މަޖިލީހުގެ އިންތިހާބަށް ގޮވައިލި ތަންވެސް ނުދެކޭ ކަމަށެވެ. ނަމަވެސް އެކި ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި، ރައީސުންނާއި ރައްޔިތުން، އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިހާބު ކިބައިތޯ ސުވާލުކުރަމުންދާ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ.
ގައުމުގެ ކަންކަމާއި ޕާޓީގެ ކަންތައްތައް ކުރިއަށްގެންދަން ޖެހޭނީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ މަތިން ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ލާދީނީއޭ ބުނެ އެމްޑީޕީއަށް ދިއްކުރާ އިނގިލި އެއީ ގޯހެއްކަން އަންގައިދޭންޖެހޭ ކަމަށާއި، އެކަން ކުރެވޭނީ ޕާޓީގެ އަސާސީ ގަވާއިދުގައި ހުރި ރަނގަޅު ކަންކަން، ހާއްސަކޮށް ދީނާ ގުޅޭގޮތުން ހުރި ކަންކަން ރައްޔިތުންނަށް ދައްކައި، އެކަންކަން ރައްޔިތުންނަށް އެނގިގެން ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި، ފައްޔާޒު ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަަނުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެ އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
އިންތިހާބުގެ ކެމްޕެއިންގައި ފައްޔާޒް ރ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަމުން ގެންދަވާ އިރު، އިންތި ދަތުރުކުރައްވަމުން ގެންދަވަނީ ދ. އަތޮޅުގެ ރަށްތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު