ޏ. ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް އިއްޔެ ހަވީރު ގެއްލުނު މުހައްމަދު ސައީދު މަސް ހިފަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެެފުން މިރޭ ވަނީ ސައީދު ހޯދުމަށް ކޯސްޓުގާޑުގެ ޑައިވަރުން ޑައިވިން ކުރަމުންދާ މަންޒަރު ފެންނަ ދެ ވީޑިއޯއެއް އާންމުކޮށްފައެވެ. ފުރަތަމަ ވީޑިއޯގައި ވަނީ ސައީދު މަސް ހިފަން ބޭނުންކުރި ކަމަށް ބެލެވޭ އެތީގެ ވީޑިއޯއެކެވެ.
އެއީ ކޮން އެއްޗެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައި ނުވި ނަމަވެސް، އެ ވައްތަރީ ދަނގަޑު ބުރިއަކާއެވެ. އެ އެތި ފެނިފައިވަނީ ސައީދު ޑައިވިންއަށް ފޭބި ސަރަހައްދުގެ 59 މީޓަރު އަޑިންނެވެ. އެ ސަރަހައްދުގައި 70 މީޓަރާއި 100 މީޓަރާ ދެމެދުގެ ފުންމިނެއް ހުންނާނެކަމަށް ލަފާކުރެވޭކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ދެވަނަ ވީޑިއޯއިން ފެންނަނީ ސައީދު ހޯދުމަށް ކޯސްޓުގާޑުގެ ޑައިވަރުން މަސައްކަތްކުރާ ތަނެވެ. ވީޑިއޯއިން ފެންނަނީ ސައީދު ޑައިވިންއަށް ދިޔަ 'ޓައިގާ ޝާކު ޕޮއިންޓް' އެވެ. އެއީ ކިހާ ފުންމިނެއްގެ ސަރަހައްދެއްކަން އެ ސަރަހައްދަށް ޑައިވިންއަށް ދިޔަ ފުވައްމުލަކު ޑައިވަރުންނަށްވެސް ނޭނގެއެވެ.
ސިފައިން އާންމުކުރި ވީޑިއޯގައި ވެސް ފެންނަނީ ޑައިވަރުން ބޮޑު ފަރެއް ކައިރީގައި ފީނާ ތަނެވެ. ފެންނަ ފެނުމަށް އެއީ ވަރަށް ފުން ހިސާބެކެވެ.
ސައީދު ހޯދުމަށް ކޯސްޓްގާޑްގެ ޑައިވަރުން ކަނޑުއަޑިން ހޯދަމުންދާ އިރު، ކޯސްޓްގާޑް ހާބާ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަހައްދު ވެސް ބަލަމުންނެވެ. އަދި އެ އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރު ވެސް އެ ސަރަހައްދުގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން އިއްޔެ ބުނެފައިވަނީ ސައީދު ޑައިވިންއަށް ފޭބި އިރު، ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށެވެ. އޭނާގެ އަތުގައި ރީނދުލާއި އޮރެންޖް ކުލައިގެ ބެލޫނެއް އޮންނާނެ ކަމަށެވެ. އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ސައީދާ ބެހޭ އެއްވެސް ހަބަރެއް ވެއްޖެނަމަ އެމްއެންޑީއެފުން އަންގަންވެސް ވަނީ އެދިފައެވެ.
ސައީދާއެކު ޑައިވިންއަށް ފޭބި އެރަށު މަހުމޫދު ފާއިޒު ޑީކޯވުމުގެ ސަބަބުން އަންނަނީ ދ. ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ހުންނަ އޮކްސިޖަން ޗެމްބަރުގައި ފަރުވާދެމުންނެވެ. މިއަދުގެ ވަގުތެއްގައި މަހުމޫދު ވަނީ ހޭއަރައިފައެވެ.