މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިންނަށް ވިއްކި ކޮޓަރިތަކުގެ އަގު މަތިވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ސާވޭއަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިން އަހަރުގެ ކޮންމެ ކުއާޓަރެއްގައި ކުރިއަށްގެންދާ ކުއާޓަލީ ބިޒްނަސް ސާވޭގެ ރިޕޯޓުގައި ބުނެފައިވަނީ، އެ ސާވޭގައި ބައިވެރިވި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކުން ވެސް ކޮޓަރި ވިއްކާ އަގު މަތިވި ކަމަށް ބުނެފައިވާ ކަމަށެވެ.
އެ ސާވޭ ރިޕޯޓުގައިވާ ގޮތުން އެމްއެމްއޭ އިން ބަލާ އިންޑެކްސްގައި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ރޫމް ރޭޓު ހުރީ 94 ގައެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އިންޑެކްސް ވަނީ 100 އަށް މަތިވެފައެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި ފަތުރުވެރިިކަމުގެ އާމްދަނީ އާއި ބުކިންސް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅައިބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ އެއްވެރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އާމްދަނީ ވަނީ ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައެވެ.
އެ ސާވޭގައި ބައިވެރިވި ގިނަ މީހުން ލަފާކުރާ ގޮތުގައި މި ހިނގާ ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ނަފާ ދާނީ ދަށަށެވެ. އަދި ކެޕިޓަލް ހަރަދުތައް ބޮޑުވާނެ ކަމަށް ގިނަ ބައިވެރިން ލަފާކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 550،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ޚަބަރު
ޚަބަރު