ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދެވަނަ ފަހަރަށް ހެލްތު އެކްރެޑިޓޭޝަން ސެޓްފިކެޓް ލިބިއްޖެއެވެ.

ވީއައިއޭއަށް އެންމެ ފުރަތަމަ ހެލްތު އެކްރެޑިޓޭޝަން ސެޓްފިކެޓް ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ. ދެވަނަ ފަހަރަށް އެ ސެޓްފިކެޓް ވީއައިއޭއަށް ލިބުނީ ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ބެލުމަށްފަހުއެވެ. ވީއައިއޭއަށް އެންމެ ފަހުން ލިބުނު އެކްރެޑިޓޭޝަން ސެޓްފިކެޓުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ހެލްތު އެކްރެޑިޓޭޝަން ސެޓްފިކެޓަކީ އިންޓަނޭޝަނަލް އޭވިއޭޝަން އިންސްޓިޓިއުޝަން (އައިއޭއައި) އިން ކަނޑައަޅާ ހެލްތު ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމުން ލިބޭ ސްޓެފިކެޓެކެވެ. ކޮވިޑާ ދެކޮޅަށް އެންމެ ރަނގަޅު ފިޔަވަޅުތަކެއް އެޅި އޭޝިއާ ގައުމުތަކުގެ އެއާޕޯޓުތަކުގެ ތެރެއިން ވީއައިއޭ ހިމެނެނީ ދެވަނައިގައެވެ. ދުނިޔޭގެ ފެންވަރުގައި ކޮވިޑާ ދެކޮޅަށް އެންމެ ރަނގަޅު ފިޔަވަޅުތަކެއް އެޅި އެއާޕޯޓް ލިސްޓުގައި ވީއައިއޭ އޮތީ 12 ވަނައިގައެވެ.

އައިއޭއައިގެ ޑައިރެކްޓާ ޖެނެރަލް އޮފް އޮފް އޭސީއައި ވޯލްޑް، ލުއިސް ފެލިޕޭ ޑި އޮލިވީރިއާ އާއި ޑައިރެކްޓާ ޖެނެރަލް އޮފް އޭސީއައި އޭޝިއާ ޕެސިފިކް، ސްޓެފާނޯ ބާނޮސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެމްއޭސީއެލުން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވައިފައެވެ. އަދި އެމްއޭސީއެލުން ކޮވިޑާ ދެކޮޅަށް ވީއައިއޭގައި ފިޔަވަޅު އަޅާފައިވަނީ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނިޒޭޝަން (އިކާއޯ)ގެ ކައުންސިލް އެވިއޭޝަން ރިކަވަރީ ޓާސްކް ފޯސްގެ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ކަމަށް ވެސް ސިޓީގައި ވަނީ ވިދާޅުވެފައެވެ.

ހެލްތު އެކްރެޑިޓޭޝަން ސެޓްފިކެޓް ލިބުމާ ގުޅިގެން އެމްއޭސީއެލުން ބުނީ އެ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ހިދުމަތް ހޯދާ މީހުންނާއި ވީއައިއޭގެ މުވައްޒަފުންގެ ސިއްހަތަށް އިސްކަންދީގެން، ރައްކާތެރި މާހައުލެއްގައިކަން ޔަގީންވެގެންދާ ކަމަށާއި އެކަމުގެ ސަބަބުން އެއާޕޯޓަށް ކުރާ އިތުބާރު އިތުރުވެގެންދާނެ ކަމަށެވެ.