ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ނިއުޔޯކަށް

މުހައްމަދު އިޝާން

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް އެމެރިކާގެ ނިއުޔޯކަށް މިއަދު ފުރާވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި "ފުޓިން ސަސްޓެއިނަބުލް އެންޑް ރިޒިލިއަންޓް ޓޫރިޒަމް އެޓް ދަ ހާޓް އޮފް އޭން އިންކްލޫސިވް ރިކަވަރީ" މައުލޫއަށް އ.ދ ގެ އާންމު މަޖިލީހުގެ ރައީސް ބާއްވަވާ މަތީ ފެންވަރުގެ ތީމެޓިކް ޑިބޭޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ ޑިބޭޓް ބާއްވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އާއި ޔޫއެންޑީޕީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) ގުޅިގެންނެވެ.

އެ ހަރަކާތުގެ ސަބަބުން މެމްބަރު ގައުމުތަކަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް، ހައިލެވެލް ތީމެޓިކް ރައުންޑްޓޭބަލް ތިން ބައްދަލުވުމެއްގައި ސްޓްރެޓެޖީތަކާ މެދު މަޝްވަރާކޮށް، އެންމެ ރަނގަޅު ގޮތްތަކާއި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.