ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިއަހަރު ރައްޔިތުންގެ މަޖިލީސް ފެށުމުގެ ގޮތުން ރައީސް ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ މިއަހަރުގެ މެއި މަހު ޓީޗަރުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެ ވައުދު ފުއްދުނުކަން މިއަދު އިއުލާނުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބަލާއިރު، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލުތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުން ކަމަށެވެ.
އެހެން ނަމަވެސް ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިއަދު ގެނައި ބަދަލާއެކު އެކަމަށްވެސް ހައްލު ލިބިގެންދާނެ ކަމަށާއި ރަށްރަށަށް ވަޒިފާ އަދާކުރަން ދާން ބޭނުންވާ ޕްރިންސިޕަލުންނާއި ޓީޗަރުންނަށް ބާރަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ ބަދަލަކީ، ގައުމު ބިނާކުރުމުގެ ބަދަލެއް ކަމަށާއި މިކަމުގައި ޓީޗަރުންނާއި، ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވާ އެންމެހައި މުވައްޒަފުން ކުރާ ބުރަ މަސައްކަތަކީ ހަމައެކަނި ލިބޭ މުސާރައަކަށްޓަކައި ކުރާ މަސައްކަތެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޓީޗަރުންގެ މުސާރަ ބޮޑުވެގެންދިއުމުން ގައުމު ބިނާކުރުމަށް މުޅިން އާ ބާބެއް ފެށިގެންދާނެ. މިކަމަށް ޝައުގުވެރިވާ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެ. މި ދާއިރާގައި މިހާރުވެސް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށަށް ރަނގަޅު ޕްރިންސިޕަލުން ނުލިބުން. އެކަމަކު ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި މި ބަދަލާއެކު ރަށްރަށަށް ޓީޗަރުންނާއި ޕްރިންސިޕަލުން ދިޔުމަށް ބާރަކަށް ވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް މިއަދު ގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުން ކަމަށެވެ. މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށްވުރެ ބޮޑު މިންވަރެއް، މިގެނައި ބަދަލާއެކު، ހަމައެކަނި މުސާރައާއި އިނާޔަތްތަކުންވެސް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަލަށް މި އެކުލަވައިލި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ހެޔޮ ސާއަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް ކަމަށެވެ. އަދި ގައުމު ބިނާކުރުމުގައްޔާއި ގައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި، ތައުލީމީ ދާއިރާއިން ފެށިގެން ސިއްހީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުންވެސް، ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ހިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ.
އެގޮތުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިން އެ ކުރައްވާ ބުރަ މަސައްކަތް ހަނދާންނައްތާ ނުލައްވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ. އަދި ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދިރާސާކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭ އިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އިޖުތިމާއީ އަދާލަތު ހިފެހެއްޓުމަށްޓަކައިވެސް، ހުރިހާ ދާއިރާއަކަށް މި ބަދަލު ގެނައުމަކީ ކުރާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.