ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ މިއަދު ބޮޑުކޮށްފިއެވެ.
ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، މި ސަރުކާރުން ތައުލީމަށް ހާއްސަ އިސްކަމެއް ދެނީ ވިސްނުންތޫނު އިލްމީ ޖީލެއް ބިނާކުރުމަށް ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވި ގޮތަށް، މިއަދުން ފެށިގެން ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
"މާތްﷲގެ ވާގިފުޅާއެކު އެ ވައުދު މިއަދު ފުރިހަމަވެގެން މިދިޔައީ. މިއަދު މިފެށޭ މެއި މަހާއެކު ޓީޗަރުންގެ މުސާރައަށް އެ މުހިންމު ބަދަލު އަންނާނެކަން އިއުލާނުކުރުމަކީ މި އަންނަ ފިތުރު އީދާއި މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލުތަކާއެކު އެ ޓީޗަރުންނަށް އިތުރުގަޑީގެ ފައިސާއާ ނުލައި އެއަށްވުރެ ބޮޑު އަދަދެއް މުސާރައާ އެލަވަންސްގެ ގޮތުގައި އެކަނިވެސް ލިބޭނެ ކަމަށެވެ.
ތައުލީމީ ދާއިރާގައި ކުރިމަތިވާ ހަމައެކަނި ގޮންޖެހުމަކީ މުސާރައިގެ މައްސަލަ ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހައްގުތައް ކަށަވަރުކުރުމާއި ގިނައިރު މަސައްކަތްކުރަން ޖެހުމާއި ވަސީލަތްތަކުގެ މަދުކަމަކީވެސް އެ ދާއިރާއަށް ދިމާވާ ގޮންޖެހުމެއް ކަމަށެވެ. އަދި އެކަންކަން މި ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު