އެމްޑީޕީގެ ޗެއާޕާސަންއަކަށް ހޮވަން މުހިންމީ، ކޮރަޕްޓް ނޫން ތާހިރު ކެންޑިޑޭޓެއް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މަޝްހޫރު ދޫރުދަރުޝަން ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އެންމެ ގަދަ އަޑަކީ އެމްޑީޕީގެ އަޑު ކަމަށާއި މުޅި ގައުމުގައި އޮތީ އެމްޑީޕީގެ ރީނދޫ ކުލަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޗެއާޕާސަން އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ރަސްމީކޮށް، އެމަނިކުފާނުވެސް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އިއުލާނު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެ އިންތިހާބުގައި ދެ ބޭފުޅުންގެ ވިސްނުމާއި ތާއީދު ކުރައްވާ ކެންޑިޑޭޓުން ޕާޓީގެ އާއްމު މެންބަރުންނަށް ސާފުވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ތެދުވެރި، އަދި ތާހިރު ކެންޑިޑޭޓެއް މި މަގާމަށް [ޗެއާޕާސަން ކަމަށް] ގެންނަން،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވަން އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރައްވަނީ އިމްތިޔާޒް ފަހުމީ އަށެވެ. ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ތާއީދު ކުރައްވަނީ ފައްޔާޒަށެވެ.