މިއަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ކްލަބުގެ ތާރީހުގައި 35 ވަނަ ލީގު ތަށި ޔަގީން ކޮށްފިއެވެ.

ރެއާލްއިން މި ސީޒަންގެ ލަލީގާ ޗެމްޕިއަންކަން ޔަގީންކުރީ މިރޭ އަމިއްލަ ދަނޑުގައި އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މެޗުގައި ރެއާލްގެ ގޯލުތައް ޖަހައިދިނީ ރޮޑްރީގޯ އާއި މާކޯ އެސެންސިއޯގެ އިތުރުން ކަރިމް ބެންޒެމާއެވެ. މެޗުގައި ރޮޑްރީގޯ ވަނީ ރެއާލްއަށް ދެ ގޯލު ޖަހައިދީފައެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް ތަށި ޔަގީން ކުރުމަށް ރެއާލްއަށް ބޭނުން ވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. ރެއާލްއިން ތަށި ޔަގީންކުރީ މިހާތަނަށް އެޓީމުން ލީގުގައި ކުޅުނު 34 މެޗުން 81 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި މިވަގުތު ސެވިއްޔާ އޮތީ 34 މެޗުން 64 ޕޮއިންޓާ އެކުގައެވެ. ބާސެލޯނާ ތިންވަނައިގައި އޮތީ 33 މެޗުން 63 ޕޮއިންޓާ އެކުގައެވެ. ލީގުގައި ރެއާލް އާއި ސެވިއްޔާއަށް ބާކީ ހަތަރު މެޗު އޮތް އިރު، ބާސާއަށް އޮތީ ފަސް މެޗެވެ.

ލަލީގާގެ ކާމިޔާބީއާއެކު ރެއާލްގެ ކޯޗު ކާލޯ އެންސެލޯޓީއަށް ވަނީ ޔޫރަޕް ފުޓުބޯޅައިގެ ބޮޑު ޝަރަފެއް ލިބިފައެވެ. އެންސެލޯޓީ ވެފައި ވަނީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތަށި ކާމިޔާބު ކުރި ހަމައެކަނި ކޯޗަށެވެ. އެންސެލޯޓީ ވަނީ އިޓަލީގެ ސެރެއާ އޭ އާއި ފްރާންސްގެ ލީގުގެ އިތުރުން ޖަރުމަން ބުންޑަސްލީގާ އާއި އިނގިރޭސި ޕްރިމިއާ ލީގުވެސް ކޯޗެއްގެ ގޮތުގައި ކާމިޔާބު ކޮށްފައެވެ.

ރެއާލްއަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައިވެސް އަދި ފުރުސަތު އެބައޮތެވެ. އެޓީމުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މިވަގުތު އޮތް އިރު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރެއާލް އޮތީ މެންޗެސްޓާ ސިޓީ ކައިރިން ބަލިވެފައެވެ. ރެއާލްގެ ދަނޑުގައި ކުޅޭ މެޗު މި ހަފުތާ ތެރޭގައި އޮތް އިރު، ލީގު ޔަގީންކޮށް އެ މެޗަށް ނުކުންނަން ފުރުސަތު ލިބުމަކީ ހިތްވަރަކަށް ވާނެއެވެ.