އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގެ ޝެޑިއުލްގެ ބުރަ ވާހަކަ ދައްކައި، އެކަމުގެ ޝަކުވާ ކުރުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށާއި އެކަން ކުރުމަށް ވުރެ، ދިވެހިރާއްޖޭގެ ލީގަށް ގޮސް ހަފުތާއަކު މެޗެއް ނިންމައި އަރާމުކޮށްލަން އޮތުން މާ ފަސޭހަވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިިއޯލާ ބުނެފިއެވެ.

ގާޑިއޯލާ އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި މިވަނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އިނގިރޭސި ކްލަބުތަކަށް އޮތް ބުރަ ޝެޑިއުލްގެ ވާހަކަ ދެއްކުމުން، އެކަމާ ގުޅިގެންނެވެ. ގާޑިއޯލާ ބުނެފައި ވަނީ އިނގިރޭސި ލީގުގައި ކުޅޭ ނަމަ ބުރަ ޝެޑިއުލެއް، ޕްރެޝަރު ޝެޑިއުލެއްގައި ކުޅެން ޖެހޭނެކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެ ޕްރެޝަރާ ކުރިމަތިލާން ނުޖެހޭނަމަ، ރާއްޖެ ކަހަލަ ހިތްގައިމު ގައުމަކަށް ދާންވީ ކަމަށެވެ.

"ކިތައްމެ ވަރަކަށް އެވާހަކަ ދެއްކިޔަސް ބަދަލެއް ނުވާނެ. އެއީ އެކަން އޮންނާނެ ގޮތް. އެއީ ބްރޯޑުކާސްޓަރުން ބޭނުންވެގެން ގެންނަ ބަދަލު. އެކަން އެކުރަނީ ފައިސާއަށް ވިސްނާ. ކުޅުންތެރިންނަށް އެކަންކަމުގައި ނުވިސްނާނެ. އެ ބަދަލުތަކަށް ހިތްހަމަ ނުޖެހޭ ނަމަ އަހަރެން ސިޓީގެ ކޯޗުކަން ދޫކޮށް ދާންވީ ދިވެހިރާއްޖޭގެ ލީގަށް. އެއިރުން ހަފުތާއަކު މެޗެއް ކުޅެލާފައި ދެން އޮންނަ ވަގުތުގައި ރުށްތަކުގެ ދަށުގައި އަރާމުކޮށްލަން އޮންނަންވީ. އެއީ ފުރިހަމަ ގޮތަކަށް ވާނެ،" ރާއްޖެއިން މިސާލު ނަގައި ގާޑިއޯލާ ބުންޏެވެ.

ލީގު މެޗުތަކުގެ ޝެޑިއުލަށް މެޗުތައް ހިނގަމުންދާ އިރުވެސް މިހާރު ބައެއް ބަދަލުތައް ގެންނަމުންދާ އިރު، އެ ބަދަލުތައް ގެނައުމުގެ ކުރިން އެކަށީގެންވާ މަޝްވަރާ ނުކުރާ ކަމަށް ގިނަ ކްލަބުތަކަކުން ބުނެފައިވެއެވެ.

ލިވަޕޫލުން މިއަދު ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު މި ހަފުތާގެ ފުރަތަމަ މެޗަށް ލުމުން ކްލޮޕް ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެއީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ލިވަޕޫލުން ޗެމްޕިއަންސް ލީގުގައި ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗަށް 72 ގަޑިއިރުވެސް ނުވަނީސް ކުޅެން ޖެހުމުންނެވެ.

ލިވަޕޫލާއި ސިޓީން ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގަށްވެސް ވަރުގަދައަށް ވާދަކުރަމުންދާ އިރު، ސީޒަންގައި ހަތަރު ތަށި ހޯދުމުގެ ފުރުސަތުވެސް ލިވަޕޫލަށް އަދި އެބައޮތެވެ. އެއީ އެފްއޭ ކަޕާއި ލީގުގެ އިތުރުން ޗެމްޕިއަންސް ލީގާއި ލީގު ކަޕެވެ. އޭގެ ތެރެއިން ލިވަޕޫލުން މިހާރު ވަނީ ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

ސިޓީގެ ކޯޗު މީގެ ކުރިންވެސް ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ރާއްޖޭގެ ވާހަކަތައް ޕްރެސްތަކުގައި ދައްކައިފައެވެ. އެގޮތުން ބަޔާން މިއުނިކްގައި ހުރި އިރުވެސް އޭނާ ބުނެފައި ވަނީ ތަށްޓާއެކު ހިތްހަމަ ޖައްސާލަން ދާން އެންމެ ރަނގަޅު މަންޒިލަކީ ރާއްޖެ ކަމަށެވެ. އަދި އޭގެ ފަހުންވެސް ހިތްގައިމު ގޮތެއް ހޯދުމަށް ބުނާ ކޮންމެ ފަހަރަކު ގާޑިއޯލާ އަބަދުވެސް ދައްކާފައި ވަނީ ރާއްޖެއަށް ޗުއްޓީއަށް އަންނަ ވާހަކައެކެވެ.