ވިކްޓްރީ ސްޕޯޓްސް ކްލަބަކީ، އަހަރުތަކެއް ކުރިން ދިވެހި ކުޅިވަރުގައި ވަރުގަދަ ނަމެކެވެ. ހާއްސަކޮށް ދިވެހި ފުޓުބޯޅައިގައި ވިދުން ގަދަ ކްލަބެކެވެ. އެތަކެއް ލެޖެންޑަރީ ކުޅުންތެރިންތަކެއްގެ އިތުރުން ތާރީހީ އެތައް ކޯޗުންނެއް ދިވެހި ފުޓުބޯޅައަށް ދޫކުރި ޓީމަކަށް ވިކްޓްރީ ވާނެއެވެ. އެ ކާމިޔާބީތަކުން ޖަރީވެގެން އައި ކްލަބު، 2000 ގެ ކުރީކޮޅުގައިވެސް ކުރިއަށް ދިޔަ އިރު، ދަރަނީގައި ޖެހި ވަޅު ޖެހުނީ 2019 ވަނަ އަހަރުއެވެ.

ރާއްޖޭގެ ޓްރޮފީ ކެބިނެޓް އެންމެ ބޮޑު އެއް ކްލަބު، ވިކްޓަރީ ގެއްލިގެން ދިޔަ ދިޔުމަކީ ފުޓުބޯޅައިން ގުނަވަނެއް މަދުވުން ކަހަލަ ކަމެކެވެ. ކްލަބުގައި މުސާރައިގެ މައްސަލަތައް ބޮޑުވެ، އިދާރީ ގޮތުން ފެއިލްވެ، އެފްއޭއެމްއިން ވިކްޓްރީ ސަސްޕެންޑްވެސް ކުރިއެވެ. އެއީ "ޒާތީ ސަސްޕެންޝަނެއް" ކަމަށް ދެކެވުނު ވާހަކަތަކެއް އޮތްވެސް މެއެވެ. އެހެން ނަމަވެސް އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ގަބޫލުކުރަން ޖެހިފައި އޮތީ ކްލަބުގެ "މިނިވަން ކަމުގައި" ކްލަބު ހިނގަން އޮތީ ދަރަނިން ސަލާމަތްވެގެން ކަމެވެ. އެކަން ކުރަން އަނެއްކާވެސް އާ މަސައްކަތެއް ފެށިއްޖެއެވެ. އިއްޔެރޭ ބޭއްވި ކްލަބުގެ އާންމު ޖަލްސާއެވެ. އިންތިހާބުވި އާ ރައީސެވެ. ޗެލެންޖްތައް ބޮޑު ނަމަވެސް ވިކްޓްރީ ގެންނަން އާ ރައީސް ހުސެއިން އާދަމް (އާދަމްބެ) ހުރީ ތައްޔާރަށެވެ.

"ވިކްޓްރީ ސްޕޯޓްސް ކްލަބަކީ ވަރަށް ދިގު މާޒީއެއް އޮތް ކްލަބެއް. ވަރަށް ގިނަ ބޭފުޅުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން މި ހިސާބަށް އައިސްފައިވާ ކްލަބެއް. އެހެން ނަމަވެސް މިއަދު ވިކްޓްރީ ސްޕޯޓްސް ކްލަބު މިހާރު އޮތް ހިސާބު އެންމެ ބޭފުޅުންނަށްވެސް އެނގޭނެ. ވިކްޓްރީ ސްޕޯޓްސް ކްލަބު ވުޖޫދުން ފޮހެވިގެންދާން ޖެހޭނެ ކްލަބެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭތީ، އަލުން މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު އޮތީމަ އައި ކަމެއް މިއީ (ބޯޑަކީ)،" އާންމު ޖަލްސާއަށްފަހު ކްލަބުގެ ރައީސް ކަމަށް އަލަށް އިންތިހާބުވި އާދަމްބެ ވިދާޅުވިއެވެ.

މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން ގެންދަވާ އާދަމްބެ، ވިކްޓްރީގެ ރައީސްގެ މަގާމަށް އިންތިހާބުކުރީ އާންމު ޖަލްސާއަށް ހާޒިރުވެ، ވޯޓު ދިން 46 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ކްލަބުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީވެސް އާދަމްބެ އެކަންޏެވެ. ކްލަބުގެ ނައިބު ރައީސަކަށް އިންތިހާބުވީ އިސްމާއިލް ލަތީފެވެ. އޭނާއަށްވެސް ފުރިހަމަ އަގުލަބިއްޔަތު ލިބިވަޑައިގެންނެވިއެވެ.

އަލަށް އިންތިހާބުވި ވިކްޓްރީގެ ބޯޑު މެންބަރުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ފާތިމަތު ޝެރިން، ވިކްޓްރީ އަށް ކުރިން ކުޅުނު މިޑްފީލްޑަރު، މުހައްމަދު ޝައްފާޒު (ސައްޕޭ)، އިބްރާހިމް މުހައްމަދު، އަހުމަދު ފައިސަލް، އިބްރާހިމް އިޒްހާން، އިސްމާއިލް ޝަރީފް، އަހުމަދު އަރީސް (ޕަޓޭ)ގެ އިތުރުން ވިކްޓަރީ އަށް ގިނަ ދުވަހު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ، މަޝްހޫރު ގޯލްކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ) އެވެ. މި މެންބަރުން ވެސް ހޮވިފައިވަނީ ޖަލްސާއަށް ހާޒިރުވެތިބި، މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އަލަށް އިންތިހާބުވި ބޯޑުން ވިކްޓްރީގެ އާ ޖެނެރަލް ސެކްރެޓަރީ އަކަށް އައްޔަންކޮށްފައިވަނީ، ކްލަބް މޯލްޑިވްސްގެ އިސް ފަރާތެއް ކަމަށްވާ، މޫސާ ރަމީޒް (ރަމީ) އެވެ.

ވިކްޓަރީ އަށް އަލަށް އިންތިހާބުވި ބޯޑުގެ ބޮލުގައި އެޅިފައި އޮތް ޒިންމާއަކީ ކްލަބްގެ ދަރަނިތައް ހަލާސްކޮށް ޓީމަށް މުބާރާތްތަކުގައި ވާދަކުރެވޭނެ ހިސާބަށް ގެންގޮސްދިނުމެވެ. ވިކްޓްރީގެ ދަރަނި އަށް ލައްކައަށްވުރެ އިތުރު ވާ ކަމަށް މައުލޫމާތު ލިބިފައިވާ އިރު، އެ ދަރަނިތައް އަދާކޮށް، ކްލަބު ލައިސަންސިން ފުރިހަމަ ކުރަން ޖެހެއެވެ.

ފައިސާގެ ދަރަންޏެއް އޮތުމުން މި ހިސާބަށް ކްލަބު ސޮއްސާލައިގެން ދިޔައީ. އެހެން ނަމަވެސް ފައިސާގެ ކަންތަަކެއްގައި ވިކްޓްރީ ގެއްލިގެން ދިޔުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ވީމަ އަލުން މި މަސައްކަތް ފަށައިގަތީ. އުންމީދަކީ ދަރަނިތައް އަދާކޮށް ދެވަނަ ޑިވިޝަނުން ފެށިގެން ވާދަކުރަމުން ގޮސް، ދެ އަހަރު ތެރޭގައި ފުރަތަމަ ޑިވިޝަނަށް އަރައި މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތް ކުރުން،" އާދަމްބެ ފާހަގަކުރެއްވިއެވެ.

މުސާރައިގެ މައްސަލަތަކުން ވިކްޓްރީގެ ނަން އޮތީ ކިލަނބުވެފައެވެ. އާ ރައީސް އާދަމްބެގެ ނަޒަރުގައި އެކުވެރިކަމާއެކު އެކަންކަމުން އަރައިގަނެވޭނެއެވެ.

"ވީހާވެސް ބޮޑަކަށް މި އެންމެން އެކުގައި މަސައްކަތް ކުރެވިގެން މިކަން ކުރެވޭނީ، ދެން ބައިބައިވުން އޮވެދާނެ، ނޫނީ މައްސަލަތަކެއް ޖެހިދާނެ ކަމަށް އެއްވެސް ކަމެއް ނުކޮށް ހުރުމަކީ އެއަށްވުރެ ބޮޑު ގޯހެއް ކަމަށް މި ފެންނަނީ، އަޅުގަނޑުމެން، ނޫނީ އަޅުގަނޑު މިކަން މި ފެށީ އުންމީދު އޮވެގެން،" އާދަމް ވިދާޅުވި އެވެ.

ވިކްޓްރީގެ ތާރީހަކީ ދިވެހި ފުޓުބޯޅައިގައި އެންމެ މުއްސަނދި އެއް ތާރީހެވެ. އިބްރާހީމް އިސްމާއީލް، އަލީ ސުޒޭން އަދި މައުރޫފް އަހުމަދު (މާއްޓޭ) އާއި ސޮބާހް އިސްމާއީލް (ސޮބާ)ގެ އިތުރުން އަބްދުލް ޖަލީލު (އަބުޖީ) ފަދަ ނަންތައް ދިވެހި ފުޓުބޯޅައިގެ 'ހޯލް އޮފް ފޭމް'ގައި ލިޔެލައިދިން ވިކްޓަރީއަކީ ތާރީހީ ކްލަބެކެވެ. އެތައް ސަޕޯޓަރުންނެއް އޮތް ބޮޑު ކްލަބެކެވެ. ދިހަ ފަހަރެއްގެ މަތިން އޭޝިއާ ލެވެލްގައިވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ވިކްޓްރީ ވަނީ ޑޮމެސްޓިކް ޓްރެބަލް ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ. އެއީ 2000 އަދި 2001 ވަނަ އަހަރުގައެވެ. ވިކްޓަރީ ވަނީ ރާއްޖޭގެ ޑޮމެސްޓިކް 33 ތަށި ހޯދުމުގެ އިތުރުން 1989 ވަނަ އަހަރުގެ ޕޮމިސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ގައުމީ ލީގުވެސް 23 ފަހަރަށް ކާމިޔާބުކުރި ވިކްޓަރީއަށް ފުޓުބޯޅައިގެ ރާސްތާ ބަނަވާން ފެށީ 2013 ވަނަ އަހަރު ކްލަބަށް އައި ކުއްލި ލޮޅުމަކާ އެކުގައެވެ. އެ ސީޒަންގެ ރެލިގޭޝަން ޕްލޭ އޮފްގައި ލީގު ނިންމާލި ވިކްޓަރީ ދެވަނަ ޑިވިޝަނަށް ނުގޮސް ސަލާމަތްވީ ކިރިޔާއެވެ. އޭގެ ފަހުން ކޮންމެ ސީޒަނަކަށްވެސް ވިކްޓަރީ ތައްޔާރުވިތަން ފެނުނީ ދުރު ރާސްތާ ޕްލޭނެއް ނެތިއެވެ. ކުއްލި ގޮތަކަށް ވީ ތައްޔާރީތަކުގެ ނަތީޖާއަކަށްވީ ކްލަބުގެ ދިގު ތާރީހު އިޔާދަ ނުކުރެވުމެވެ. 2014 ވަނަ އަހަރުގެ ސީޒަންގައި ގަދަ ހަތަރެއްގައި ލީގު ނިންމާލި ނަމަވެސް 2015 ގައި ވިކްޓަރީން ލީގު ނިންމާލީވެސް އިތުރު ކުރިއެރުމެއް ނުލިބިއެވެ. އަދި 2016 ވަނަ އަހަރު އަނެއްކާވެސް ވިކްޓަރީ ވެއްޓުނީ ރެލިގޭޝަން ޕްލޭ އޮފަށެވެ.

އޭގެ ފަހުން 2019/2020 ލީގު މެޗުތަކަށްވެސް ވިކްޓްރީއަށް ރަނގަޅަށް ހާޒިރު ވެވިފައެއް ނުވެއެވެ. އޭގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތައްވެސް އޮތެވެ. އެއާއެކު ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީއާވެސް އެކު، ސަސްޕެންޑްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް ވިކްޓްރީއަށް އުންމީދު ގެއްލިފައި އޮތުމަށްފަހު މި ފެނުނީ އުންމީދުގެ ކުޑަ މިންވަރެކެވެ. ޕްލޭނެއް އެކުވެ، މަސައްކަތް ކުރާ މަންޒަރަކީ ރަތް ޖާޒީގެ ސަޕޯޓަރުންނަށް އުންމީދަކަށް ވާނެއެވެ.